Advertisement

40 އަހަރު ތެރޭ ބިލްބާއޯ އަށް ފުރަތަމަ ތަށި

7 އޭޕްރީލް 2024 - 12:31 0


40 އަހަރު ތެރޭ ބިލްބާއޯ އަށް ފުރަތަމަ ތަށި

7 އޭޕްރީލް 2024 - 12:31 0

މެޑްރިޑް (އޭޕްރީލް 7) - ސްޕެނިޝް ކަޕްގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ރެއާލް މަޔޯކާ ބަލިކޮށް، 40 އަހަރު ތެރޭ އެތުލެޓިކް ބިލްބާއޯ އިން ފުރަތަމަ ތަށި ހޯދައިފި އެވެ.

ރޭގެ މެޗުގެ ކުރިން ބިލްބާއޯ އަށް ތަށްޓެއް ލިބިފައިވަނީ 1984 ވަަނަ އަހަރު އެވެ. އޭގެ ފަހުން، ބިލްބާއޯ ވަނީ ހަ ފައިނަލުން ބަލިވެފަ އެވެ. އޭގެ ތެރޭގައި 2021 ވަަނަ އަހަރު ދެ ފައިނަލު ބަލިވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

މަޔޯކާ އިން ވަނީ ރޭގެ މެޗުގެ 15 ވަނަ މިނިޓްގައި ޑެނީ ރޮޑްރީގޭޒް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ، އޮއިހާން ސަންކޭ ގޯލެއް ޖަހައި، ބިލްބާއޯ އަށް ވަނީ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ބާކީ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެހެންވެ، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެެވެ. ބިލްބާއޯ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ރައުލް ގާސިއާ، އިކާ މުނިއައީން، މިކޭލް ވޭސްގާ އަދި އަލެކްސް ބެރެންގިއާ އެވެ.

މަޔޯކާ އިން ވޭދާތު މުރީގީ އާއި އެންޓޯނިއޯ ސަންޗޭޒް ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެކަމަކު، މަނޫ މޮރިއާނޭސް އާއި ނަމާންޏާ ރަޑޯންޖިކްގެ ޕެނަލްޓީތައް ނާކާމިޔާބުވެ އެ ޓީމު ބަލިވީ އެވެ.

އާނެސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ކުޅޭ ބިލްބާއޯ އިން ވަނީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ރެއާލް މެޑްރިޑް އާއި ބާސެލޯނާ ކަޓުވާލައިފަ އެވެ.