Advertisement

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަށް ހަގު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި

6 އޭޕްރީލް 2024 - 22:02 0


ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަށް ހަގު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި

6 އޭޕްރީލް 2024 - 22:02 0

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އިން 12 އަށް ތިރި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށެވެ. ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު ހަގު ކުރުމަކީ އޭގެ ތެރެއިން އެއް ކަންތައްކަން އޭނާ ވިދާޅުވި އެވެ.

"ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން މިހާރު މި ވަނީ ނިންމައިފަ،" އުޝާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓުގެ ހިލާފެއް ވެސް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ހަނގާ ކުރުމުގެ 26 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނގާ ކުރުމުގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޫލްތަކުގައި ކައުންސިލަރުން މަދުވުން ކަމަށް ވެސް މިނިސްޓަރު ޝަފީއު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކައުންސިލަރުން ތިބެނީ މުޅި ރާއްޖެއިން ގާތްގަނޑަކަށް 50 ވަރަކަށް ސްކޫލުގައި ކަމަށެވެ.

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ބުލީ ކުރުމުގެ މައްސަލައެއް ފެންމަތީ އެ ކަން ކުރާ މަންޒަރުގެ ވީޑިއޯއެއް އާންމުކޮށްލުމުންނެވެ. އޭގެ ފަހުން އެ މައްސަލަ ފުލުހުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.