Advertisement

ސްޕެނިޝް ކަޕް ކާމިޔާބުކުރުމަކީ ބައްޕަގެ ހުވަފެނެއް: ހެރޭރާ

6 އޭޕްރީލް 2024 - 16:27 0


ސްޕެނިޝް ކަޕް ކާމިޔާބުކުރުމަކީ ބައްޕަގެ ހުވަފެނެއް: ހެރޭރާ

6 އޭޕްރީލް 2024 - 16:27 0

ސްޕެނިޝް ކަޕްގެ ފައިނަލްގައި މިރޭ މަޔޯކާއާ ދެކޮޅަށް އެތުލެޓިކޯ ބިލްބާއޯ ނުކުންނައިރު، މިއީ ބިލްބާއޯގެ މިޑްފީލްޑަރު އަންޑަ ހެރޭރާ އަށް ވަރަށް ހާއްސަ މެޗެކެވެ. މި މެޗަށް ހެރޭރާ ނުކުންނާނީ ކްލަބަށް ކާމިޔާބު ހޯދައިދިނުމުގެ އިތުުރުން، އޭނާގެ ބައްޕަގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ.

ކުރިން މެންޗެސްޓާ ޔުނައިޓަޑާއި ޕީއެސްޖީ އަށް ކުޅެ، އެ ދެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހެރޭރާ ،34، ހޯދި ނަމަވެސް، މިރޭ ކުޅޭ ސްޕެނިޝް ކަޕްގެ ފައިނަލް މެޗުގެ އޭނާ އަށް ތަފާތެވެ.

ހެރޭރާގެ ބައްޕަ ކަަމަށްވާ ޕެޑްރޯ ހެރޭރާ ނިސްބަތްވަނީ ބިލްބާއޯއަށެވެ. ބިލްބާއޯގެ ޔޫތު ޓީމަށް ކުޅުނު ނަމަވެސް، ސީނިއާ ޓީމަށް ހެރޭރާގެ ބައްޕައަށް ކުޅެވޭ ގޮތެއްނުވިއެވެ. އެކަމަކު ސީނިއާ ކެރިއަރުގައި އޭނާ ވަނި ރެއާލް ޒަރަގޯޒާ އާއި ސެލްޓަ ވީގޯއަށް ކުޅެފައެވެ. ޕެޑްރޯގެ ކެރިއަރުގައި ފުރަތަމަ ޑިވިޝަންގައި 200 އަށްވުރެ ގިނަ މެޗު ކުޅުނު ނަމަވެސް، އޭނާ އެންމެ ލޯބިވާ ބިލްބާއޯގެ ސީނިއާ ޓީމަށްކުޅެ، ކާމިޔާބެއް ހޯދުމަށް ދެކެމުންއައި ހުވަފެން ހާސިލެއްނުވިއެވެ.

ޕެޑްރޯ އަށް ބިލްބާއޯގެ ސީނިއާ ޓީމަށް ނުކުޅެވުނު ނަމަވެސް، އޭނާގެ ދަރިފުޅު ހެރޭރާ ވަނީ އެކަން ހާސިލްކޮށްފައެވެ. އަދި ސްޕެނިޝް ކަޕްގެ ފައިނަލްގައި މިރޭ މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ތައްޓެއް ހޯދުމަށް ބިލްބާއޯ އިން ކުރަމުންދާ 40 އަހަރުވީ އިންތިޒާރު ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.

"ބައްޕަ ވަނީ ފުރަތަމަ ޑިވިޝަންގައި 200 އަށްވުރެ ގިނަ މެޗު ކުޅެފައި. އެކަމަކު ބިލްބާއޯއަށް ނުކުޅެވުނު" ހެރޭރާ ބުންޏެވެ. "މިއީ ބައްޕަގެ ހުވަފެނެއް. މިއީ ބައްޕަގެ ކްލަބު. މިއީ ބައްޕަ އެންމެ ކުޑައިރުންސުްރެ ސަޕޯޓް ކުރާ ކްލަބު. މި ކްލަބަށް ކުޅުމަކީ ބައްޕަ ވަރަށް ބޭނުންވި ކަމެއް. އަހަންނަށް އެކަން ހާސިލްވީ. އެހެންވީމަ ބައްޕަ ވަރަށް ފަހުރުވެރިވޭ އެކަމާމެދު."

މިއީ ފަސް ސީޒަންގެ ތެރޭގައި ބިލްބާއޯ ސްޕެނިޝް ކަޕްގެ ފައިނަލްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. ސްޕެނިޝް ކަޕްގެ ފައިނަލްގައި 2020 ވަނަ އަހަރު ބިލްބާއޯ ބަލިވީ ރެއާލް ސޮސިއެޑާޑް އަތުންނެވެ. އަދި 2021 ވަނަ އަހަރު ބަލިވީ ބާސެލޯނާ އަތުންނެވެ.

ބިލްބާއޯ އެންމެ ފަހުން ތައްޓެއް ހޯދީ 1984 ވަނަ އަހަރެވެ. އެއީ ސްޕެނިޝް ކަޕެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބިލްބާއޯ މޮޅުވީ ބާސެލޯނާ އަތުންނެވެ.