Advertisement

ވޯޓު ގަތުމާއި ވިއްކުން އެއީ ކުށެއް ކަމަށް އިހުސާސްނުވާ ވަރަށް އާންމުވެއްޖެ: އަސްލަމް

6 އޭޕްރީލް 2024 - 12:46 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. -- ފޮޓޯ: އަދަދު


ވޯޓު ގަތުމާއި ވިއްކުން އެއީ ކުށެއް ކަމަށް އިހުސާސްނުވާ ވަރަށް އާންމުވެއްޖެ: އަސްލަމް

6 އޭޕްރީލް 2024 - 12:46 1

ވޯޓު ގަތުމާއި ވިއްކުން އެއީ ކުށެއް ކަމަށް އިހުސާސް ނުވާ މިންވަރަށް އާންމުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަދަދު ނޫހުގެ "ކުޅިކޮށް" ޕްރޮގްރާމްގައި އަސްލަމް ވިދާޅުވީ ވޯޓު ގަތުމާއި ވިއްކުމަކީ ގާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި މިހާރު އޮތް އިރު، ގާނޫނުތައް އެވަރަށް ހަރުކަށި ނުކުރާ އިރަށް ވުރެ މިހާރު ހާލަތު ގޯސްކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ވޯޓު ގަތުމާއި ވިއްކުމުގެ ކުށް މިހާރު ހިންގަނީ ހާމަކަން ބޮޑުކޮށެވެ.

"މިހާރު މާ އޯޕަންކޮށް، ހަމަ [އެ ބުނެލަނީ] އައިޑީކާޑްތައް މިހިރީއޭ. ތިމަންނަމެން ގޭގައި މިތައް ވޯޓޭ. ކުދިންނަށް ވެސް އެގޮތް އޯކޭ، މައިންބަފައިންނަށް ވެސް އެގޮތް އޯކޭ ވާ ވަރަށް، އެންމެން ވާހަކައެއް ނޫން މި ދަންނަވަނީ އިނގޭތޯ، މަދުން ނަމަވެސް އެބަ ފެނޭ،" އަސްލަމް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ވޯޓުގަތުމާއި ވިއްކުން ކެންޑިޑޭޓުންނަށް ވެސް "އޯކޭ"ވާ ކަމަށާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ވެސް ބައެއް ފަހަރު އެ ވިސްނުމުގައި ޖެހޭ ކަމަށެވެ.

"ސްކޫލެއްގެ ޕްރިންސިޕަލެއް ވިދާޅުވާނެ މިވެނި އެއްޗެއް ދީފިއްޔާއޭ ތިމަންނަމެންނަށް ވޯޓުދެވޭނީ، ޓީޗަރަކު ވިދާޅުވެދާނެ ސްކޫލަށް މިވެނިކަމެއް ކޮށްދިނީމައޭ ތިމަންނަމެނެންގެ ވޯޓު ދެވޭނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މެމްބަރުން އެ ވާހަކަ ވަރަށް ފާޅުގައި ދައްކާއިރު އެއީ އެެއްވެސް ކަމެއް ކަމަކަށް ނުބަލަ އެވެ.

"އެއީ ކުށެއް ކަމަށް، އެއީ ގޯހެއް ކަމަށް އިހުސާސްނުވާ ވަރަށް އާއްމުވެއްޖެ [ވޯޓު ގަނެ ވިއްކުން]،" އަސްލަމް ވިދާޅުވި އެވެ.