Advertisement

ސްޕޯޓިންގެ ކޯޗު އަމޮރިމް، ލިވަޕޫލާ އެކު މަޝްވަރާތައް ފަށައިފި: ރިޕޯޓް

6 އޭޕްރީލް 2024 - 09:11 0


ސްޕޯޓިންގެ ކޯޗު އަމޮރިމް، ލިވަޕޫލާ އެކު މަޝްވަރާތައް ފަށައިފި: ރިޕޯޓް

6 އޭޕްރީލް 2024 - 09:11 0

ލިޒްބަން (އޭޕްރީލް 6) - ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ޕޯޗުގީސް މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާން ވަނީ ނިންމައިފަ އެވެ. އެހެންވެ، އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ލިވަޕޫލުން އަންނަނީ ކުރަމުންނެވެ. ލިވަޕޫލުން އެންމެ ބޮޑަށް ފާރަލި އެއް ކޯޗު، ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ ވަނީ އެ ޓީމުގައި މަޑުކޮށްފަ އެވެ. ދެން، ލިވަޕޫލުން ބަލަނީ، ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ އާއި ސްޕޯޓިންގެ ކޯޗު އަމޮރިމް އަށް ކަމަށް މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ގޮތުން، މިހާރު ލިވަޕޫލުން ވަނީ އަމޮރިމްއާ އެކު މަޝްވަރާތައް ފަށާފައި ކަމަށް ޕޯޗުގީސް މީޑިއާތަކުން ވަނީ މި ފަހުން ރިޕޯޓްކޮށްފަ އެވެ.

އަމޮރިމް، މި ވަގުތު ސްޕޯޓިންގެ ކޯޗަކަށް ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަނަށް ފަހު، އަމޮރިމް އެދޭނަމަ، 15 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެން، ކޮންޓްރެކްޓް އުވާލެވޭނެ އެވެ.

އަންނަ ސީޒަނުގައި ސްޕޯޓިން އިން ފެންނާނެ ކަމުގެ ޔަގީންކަމެއް އަމޮރިމް އަށް ނުދެވުނު

ޕޯޗުގީސް ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ސްޕޯޓިންގެ މި ހަފްތާގެ މެޗުތަކުގެ ކުރިން އަމޮރިމް އަށް ވަނީ އޭނާގެ މުސްތަގުބަލާ ގުޅުވައިގެން ގިނަ ސުވާލުތަކެއް އަމާޒުވެފަ އެވެ.

އެ ގޮތުން، އަމޮރިމް އަށް މީޑިއާ އިން އަމާޒުވި އެއް ސުވާލަކީ، ބަޔާ ލެވަކޫސަންގައި މަޑުކުރާނެކަން އަލޮންސޯ ހާމަކުރި ގޮތަށް އަމޮރިމް އަށް މަގާމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ދެވިދާނެތޯ އެވެ.

"އަހަންނަށް އެކަމުގެ (އަންނަ ސީޒަނުގައި ސްޕޯޓިން އިން ފެންނާނެ ކަމުގެ) ޔަގީންކަމެއް ނުދެވޭނެ،" އަމޮރިމް ބުންޏެވެ.

"ސްޕޯޓިންގެ މުސްތަގުބަލާ މެދު އެ ކްލަބުން ގޮތްތަކެއް ނިންމާނެ. އަހަރެންގެ ވިސްނުމަކީ އަހަރެން އަބަދުވެސް ބުނެފައި އޮންނާނެ ގޮތަށް ކަންކަން ކުރުން. އެއީ ޓާގެޓްކުރާ ކަންކަން ނުވެއްޖެނަމަ އަހަރެން ކްލަބް ދޫކޮށްލާނަން،"

ލިވަޕޫލާ މަޝްވަރާތަކެއް ކުރިއަށްދޭތޯ އޮޅުންފިލުވަން ކުރި ސުވާލުތަކަށް އަމޮރިމް ސީދާ ޖަވާބެއް ނުދެ އެވެ. އަމޮރިމް ބުނީ، މި ވަގުތު ފޯކަސް އަކީ، ސްޕޯޓިން އަށް މި ސީޒަނުގެ މުބާރާތްތައް ކާމިޔާބުކޮށްދިނުން ކަމަށާއި ސީޒަން ނިމުމުން މުސްތަގުބަލުގެ ކަންކަމާ ގުޅޭ ވާހަކަ ދައްކަން ވަގުތު ލިބޭނެ ކަމަށެވެ.