Advertisement

އިންޑިއާގެ ޗެންނާއިން އިން ފުޓްބޯޅަ ޑިވެލޮޕްކުރަން ނޮރިޗްއާ އެކު އެއްބަސްވުމަކަށް

5 އޭޕްރީލް 2024 - 07:17 0


އިންޑިއާގެ ޗެންނާއިން އިން ފުޓްބޯޅަ ޑިވެލޮޕްކުރަން ނޮރިޗްއާ އެކު އެއްބަސްވުމަކަށް

5 އޭޕްރީލް 2024 - 07:17 0

އިންޑިއަން ސުޕަ ލީގުގެ ކްލަބް، ޗެންނާއިން އެފްސީން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އިނގިރޭސި ކްލަބް، ނޮރިޗް ސިޓީއާ އެކު، މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ތިން އަަހަރު ދުވަހަށް ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން، ޗެންނާއިން ޓީމުގެ ގްރާސްރޫޓުން ފެށިގެން ސީނިއާ ޓީމުގެ ކަންކަމާ ހަމައަށް ޓެކްނިކަލީ ދޭން ޖެހޭ އެހީތެރިކަން ނޮރިޗް ސިޓީން ފޯރުކޮށްދޭނެ އެވެ.

ސްޓްރެޓީޖިކް ޕާޓްނަޝިޕެއްގެ ގޮތުގައި މި އެއްބަސްވުން ގާއިމްކޮށްފައިވާއިރު، މި ކަމުގެ މޭސްތިރިއަކީ، ޗެންނާއިން ޓީމާ ހަވާލުވެހުރި ސްކޮޓްލެންޑަށް އުފަން ކޯޗު، އޮވެން ކޮއިލް އެވެ. އޭނާ ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބްތަކުގައި ކޯޗުކަން ކޮށްފަ އެވެ.

އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން، ދެ ފަަހަރެއްގެ މަތިން ހޯދާފައިވާ ޗެންނާއި ޓީމަށް މި އެއްބަސްވުމުގެ ތެރެއިން ޕްރީ ސީޒަނުގައި، އިނގިރޭސިވިލާތަށް ގޮސް، ނޮރިޗްގެ ފެސިލީޓީތަކުގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެކަމަކު، ޗެންނާއިން ޓީމުގެ ނައިބު ރައީސް، އެކާންޝް ގުޕްތާ ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، ގްރާސްރޫޓާއި ޔޫތު ލެވަލްގެ ފުޓްބޯޅައިގެ ތެރެއިން ޗެންނާއިން ދުނިޔޭގެ ލެވަލްގެ ޓެކްނިކަލް ކަންކަން ގާއިމްކުރުން ކަމަށެވެ.

ނޮރިޗުން އަންނަ އޮކްޓޫބަރު މަހު، އިނގިރޭސިވިލާތުގައި ބާއްވާ 13 އަހަރުން ދަށުގެ މުބާރާތުގައި، ޗެންނާއިން ޓީމު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނޮރިޗްގެ ކޮމާޝަލް ޑިރެކްޓަރު، ސޭމް ޖެފްރީ ބުނީ، މިއީ ޔޫރަޕްގައި ވެސް ރަނގަޅު ފެންވަރުގެ ކްލަބްތައް ކުޅޭނެ ވަރުގަދަ އެކެޑަމީ މުބާރާތަކަށްވާނެ ކަމަށާއި މީގެއިން އިންޑިއާގެ ހުނަރުވެރި ކުޅުންތެރިންނަށް ބޮޑު ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

ޗެންނާއިންގެ ސީނިއާ ޓީމުގެ ކަންކަމަށް ބަލާއިރު، ޕްރީ ސީޒަން ޓްރެއިނިންގައި ނޮރިޗްގެ އެހީތެރިކަން ހޯދުމުގެ އިތުރުން، އެއް ކްލަބުން އަނެއް ކްލަބަށް ލޯން ޑީލްތަކުގެ ތެރެއިން ކުޅުންތެރިން ބަދަލުކުރުން ވެސް ވަނީ ހިމަނައިފަ އެވެ.