Advertisement

ފީފާ ރޭންކިން: ރާއްޖެ، ދުނިޔޭގެ 161 ވަނައިގައި!

4 އޭޕްރީލް 2024 - 14:25 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


ފީފާ ރޭންކިން: ރާއްޖެ، ދުނިޔޭގެ 161 ވަނައިގައި!

4 އޭޕްރީލް 2024 - 14:25 0

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން މަހަކު އެއް ފަހަރު އާންމުކުރާ، ކޮކާކޯލާ ފީފާ ރޭންކިންގައި މި ފަހަރު ވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، ދުނިޔޭގެ 161 ވަނައިގައި ހިމެނިއްޖެ އެވެ.

މިދިޔަ މަހު އާންމުކުރި ރޭންކިންގައި ވެސް ރާއްޖެ އޮތީ 161 ވަނައިގަ އެވެ. ރާއްޖޭގެ ރޭންކިން ޕޮއިންޓް އުޅެނީ، 1003.48 ޕޮއިންޓްގަ އެވެ.

މިދިޔަ މަހުގެ ފީފާ ދުވަސްތަކުގައި ރާއްޖޭން ބައިނަލްއަގުވާމީ މެޗެއް ނުކުޅޭތީ ރޭންކިންގައި އެއްވެސް ކުރިއެރުމެއް ނެތެވެ. އަދި ރާއްޖެއާ އެންމެ ކައިރިން އޮތް ގައުމުތަކުން ވެސް މިދިޔަ މަހުގެ ފީފާ ދުވަސްތަކުގައި މެޗުތަކެއް ކުޅެފައިނުވާތީ ރޭންކިން އަށް ބަދަލެއް ނާދެ އެވެ.

މިދިިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ އެވްރެޖް ރޭންކިން އަކީ ދުނިޔޭގެ 155 ވަނަ އެވެ.

މިހާތަނަށް ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި، ރޭންކިންގެ އެންމެ ކުރިއަށް ޖެހިލީ 126 ވަނަ އަށެވެ. އެއީ 2006 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ރާއްޖެ އެންމެ ދަށްކޮށް ރޭންކް ކުރެވުނީ، 1997 ވަނަ އަހަރު، ސެޕްޓެމްބަރު މަހު، ދުނިޔޭގެ، 183 ވަނަ އަށެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތީ ހުއްޓިފަ އެވެ. ކްލަބްތަކުގެ ސީނިއާ ޓީމެއްގެ ހަރަކާތެއް ނެތެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއް ވެސް ނެތެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތުހުމަތުކުރެވޭ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތަހުގީގުތަކެއް ކުރިއަށްދާއިރު، ފުޓްބޯޅައިގެ ޖުމްލަ ހާލަތު އޮތީ އަދަވަަޅަކަށް ވެއްޓިފަ އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގައި، ރާއްޖެ ނޫން އެހެން ގައުމުތަކުން، ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި މެޗުތައް ކުޅުނެވެ. އެ ގޮތުން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނުން، ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅުނުއިރު، ބޫޓާނާއި ސްރީ ލަންކާ އިން ވަނީ، ލަންކާގެ ފީފާ ސީރީސް މުބާރާތުގައި ކުޅެފަ އެވެ.

ސާފްގެ ގައުމުތަކަށް ބަލާއިރު، އިންޑިއާ، ހަތަރު ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 121 ވަނައިގަ އެވެ. ސަރަހައްދުގެ ރޭންކިން ދެ ވަނައިގައި އޮތް ރާއްޖެ 161 ގައި އޮތްއިރު، ބަންގްލަދޭޝް، އެއް ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 184 ވަނައިގަ އެވެ. ބޫޓާން އޮތީ 185 ވަނައިގަ އެވެ. އަދި ޕާކިސްތާން 195 ވަނައިގައި އޮތްއިރު، ލަންކާ އޮތީ 204 ވަނައިގަ އެެވެ.