Advertisement

ގޯލްޑަން ފުޓްސަލް ޗެލެންްޖްގައި މި ފަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ގިނަ

20 ޖަނަވަރީ 2024 - 11:04 0

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް ގޯލު ޖެހުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ފެންނާނެ.-- ފޮޓޯ: އަދަދު


ގޯލްޑަން ފުޓްސަލް ޗެލެންްޖްގައި މި ފަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ގިނަ

20 ޖަނަވަރީ 2024 - 11:04 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ފެށިގެން މިހާރު ކުރިއަށްދާއިރު، މިހާތަނަށް ކުޅެވުނު މެޗުތަކާއި މި ފަހަރުގެ މުބާރާތުގެ ޓީމު ލިސްޓުތަކަށް ބަލާއިރު، މި ފަހަރު އެހެން އަހަރުތަކާ ތަފާތު ކަމަކަށް ފެންނަ އެއް ކަމަކީ، ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުތަކުގައި ހިމެނުމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފާއިތުވި ގިނަ އަހަރުތަކުގައި ބާއްވަން ޖެހިފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނާ ދިމާވާ ގޮތަށެވެ. އެެހެންވެ، ފުރަތަަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންނަށް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅުން ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ.

އެކަމަކު، ފަހަކަށް އައިސް، ފުޓްބޯޅަ ސީޒަން ކުރިއަށް ދިޔަ ނަމަވެސް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންގެ ނިސްބަތް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް އިތުރުވަމުންނެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދެވޭތީ ހުއްޓުވެވެން ވެސް ނެތީ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެެވެ. ފުޓްބޯޅަ ސީޒަން ތެރޭގައި މާޒިޔާގެ އެއްވެސް ކުޅުންތެރިއަކަށް ފުޓްސަލް މުބާރާތްތަކުގައި ކުޅެން ހުއްދައެއް ނޯވެ އެވެ.

އެކަމަކު، މި ފަހަރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމިފައި އޮތުމާއި، އޮފް ސީޒަން ތެރެއަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ދިމާވުމާ އެކު، މާޒިޔާ ކޮންޓްރެކްޓްގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް މި އަންނަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅެމުންނެވެ.

އެ ގޮތުން، މި ފަހަރުގެ މުބާރާތުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު، މިހާތަނަށް ވެސް މި މުބާރާތުގައި މުޅިން އަލަށް ކުޅުނު ގައުމީ ލެވަލްގެ ކުޅުންތެރިން ވަނީ ފެނިފަ އެވެ. އަދި މި ފަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތަކުން ރާއްޖޭގެ ގައުމީ ޓީމުގެ ތަރިން ގިނަ އަދަދަކަށް ފެނިގެންދާނެ އެވެ.

މިއީ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ވަރުގަދަވާނެ ކަމުގެ ސަބަބެއް ކަމުގައި ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ.