Advertisement

އާސަހަރާގެ ފިނިޝިން މަސައްކަތް ކުރަން ބަޔަކު ހޯދަނީ

4 އޭޕްރީލް 2024 - 13:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ތަނބުތައް ޖަހާފައި - ފޮޓޯ: އަދަދު


އާސަހަރާގެ ފިނިޝިން މަސައްކަތް ކުރަން ބަޔަކު ހޯދަނީ

4 އޭޕްރީލް 2024 - 13:34 0

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާ އާސަހަރާ މަރާމާތުކުރުމުގެ ފިނިޝިން މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އާސަހަރާގެ ފުލް ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ފެބްރުއަރީ 1، ގައި ވެސް މާލެ ސިޓީ އިއުލާނުކުރި އެވެ. އެ ކައުންސިލުން އިއްޔެ ވަނީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފަ އެވެ.

އިއުލާނުގައި ވަނީ އާސަހަރާގެ ފިނިޝިން މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ ގޮތުން ބިޑް ހުށަހަޅަން ހުޅުވާލައިފަ އެވެ. މަސައްކަތާއި ގުޅޭ މައުލޫމާތު ސާފުކުރުން މި މަހުގެ 18 ވަނަ ދުވަހު 10:00 ގައި އޮންނާނެ އެވެ. އަދި އަގު ހުށަހެޅުން އޮންނާނީ އޭޕްރީލް 24، ވަނަ ދުވަހުގެ 10:00 ގަ އެވެ.

ކަނޑައެޅިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އާސަހަރާގެ ފުލް ފިނިޝިން މަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރީގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ.

އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ މެއި، 2023 ގަ އެވެ. އެއިރު ސިޓީ ކައުންސިލުން ބުނި ގޮތުގައި ދެ މަސް ފަހުން މަރާމާތުގެ މަސައްކަތް ނިމިގެން ހިދުމަތް ދެވެން ފެށޭނެ އެވެ.

ނަމަވެސް، އެ ސަރަހައްދުގައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތާއި ކޮންކްރީޓު ތަނބުތަކެއް ޖެހުމުގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ. އަދި މިހާރު ވެސް އާސަހަރާ މިސްކިތަށް ފެންވަދެ ނަމާދުކުރަން ދަތިވާކަމަށް އާންމުން ބުނެ އެވެ.

އާސަހަރާގެ މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް ބާތިލުކޮށްފަ އެވެ.