Advertisement

ސައުތު އޭޝިއަން ގޭމްސް އަށް ޕާކިސްތާން ސަރުކާރުން ފެހި ސިގްނަލް

4 އޭޕްރީލް 2024 - 12:29 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.--


ސައުތު އޭޝިއަން ގޭމްސް އަށް ޕާކިސްތާން ސަރުކާރުން ފެހި ސިގްނަލް

4 އޭޕްރީލް 2024 - 12:29 0

ޕާކިސްތާންގެ އޮލިމްޕިކް ކޮމިޓީން އެ ގައުމުގެ ސަރުކާރާ އެކު، ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް ބޭއްވުމުގެ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ޕާކިސްތާނުގައި މިދިޔަ އަހަރު ބާއްވަން ނިންމާފައި އޮތް ސައުތު އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރަން ނިންމީ، 2022 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމެއްގަ އެވެ.

ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސް، ޕާކިސްތާންގައި ބާއްވަން ކުރާ މަސައްކަތުގައި އެއްބަސްނުވެވި އޮތް އެންމެ ބޮޑު ކަމަކީ، ގޭމްސްގެ މުބާރާތްތައް ކުޅޭނެ، ވެނިއުސްތަކެއް ކަނޑައަޅުމާއި ސަރުކާރާ ގުޅިގެން، ފަންޑް ހޯދައި، ގޭމްސްގެ މައިގަނޑު ހަބެއްގެ ގޮތުގައި ކަނޑައަޅާނެ ސިޓީއެއް ނިންމުމުގަ އެވެ. މި ކަންކަމަށް، ޕާކިސްތާން އޮލިމްޕިކް ކޮމިޓީން އެ ގައުމުގެ ސަރުކާރާ އެކު، މަޝްވަރާކުރަން އެސްއޭއޯސީން ވަނީ ގޭމްސް ބޭއްވުމުގެ މަސައްކަތަށް ޕާކިސްތާނަށް އިތުރު ވަގުތު ދީފަ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު، ޕާކިސްތާންގެ ނޫހެެއް ކަމަށްވާ "ޑޯން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންޓަ-ޕްރޮވިންސިއަލް ކޯޑިނޭޝަންއާ އެކު، ޕާކިސްތާން އޮލިމްޕިކް ކޮމިޓީއާ އެކު ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވަނީ، ސައުތު އޭޝިއަން ގޭމްސްގެ މެއިން ހަބެއްގެ ގޮތުގައި، ލާހޯރް ކަމަށް ކަނޑައަޅާށެވެ.

ދެން، ގޭމްސްގެ އިވެންޓްތައް ކުރިއަށްގެންދާނީ، ސިއަލްކޯޓް، ގުޖްރަންވާލާ، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ވެސް އިވެންޓް ބާއްވާނެ އެވެ.

މީގެ ކުރިން، މައްސަލަ ބޮޑުވީ، ގޭމްސް ބާއްވާއިރު، އިސްލާމްއާބާދު މެއިން ހަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުންނެވެ.

އެކަމަކު، މި ފަހަރުގެ މި މަޝްވަރާތަކަށް ފަހު، ގޭމްސްގެ ކަންކަމުގެ މެއިން ހަބެއްގެ ގޮތުގައި މަސައްކަތް ކުރާނީ ލާހޯރްގަ އެވެ. އަދި ޕާކިސްތާންގެ އާ ސަރުކާރުން، މި ގޭމްސް އެ ގައުމުގައި ހޯސްޓްކުރުމުގެ މަސައްކަތުގެ ދުވެލި ވަނީ އަވަސްކޮށްފަ އެވެ.

ސައުތު އޭޝިއަން ގޭމްސް ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅު ފެށޭ ގޮތަށެވެ. އެކަމަކު، އެސްއޭއޯސީ އަށް ޕާކިސްތާނުން އިސްވެ، ހުށަހެޅީ މި އަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ސައުތު އޭޝިއަން ގޭމްސް ފަސްކުރާށެވެ. އޭރު، ޕާކިސްތާންގެ މީޑިއާ އަށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އާ ތާރީހެއް ކަނޑައަޅާނީ ހުރިހާ ކަމެއް ޔަގީންކުރުމަށް ފަހު ކަމަށެވެ.

މިހާރު އޮތްގޮތުން، ޕާކިސްތާނުން މަސައްކަތް ކުރަނީ، މި އަހަރު ފަހުކޮޅުގައި، ނޫނީ އަންނަ އަހަރު ކުރީކޮޅު ގޭމްސް ހޯސްޓް ކުރުމަށެެވެ.

ޕާކިސްތާނުން ގޭމްސް އެ ގައުމުގައި ބާއްވަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެނަމަ، އެ ފަދަ ހާލަތެއްގައި ބަންގްލަދޭޝް އިން ގޭމްސް ހޯސްޓްކުރަން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ މީޑިއާ އިން މި ފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ.