Advertisement

ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީ އާއި ލިޔޯންގެ ކުރިމަތިލުމެއް

4 އޭޕްރީލް 2024 - 10:37 0


ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީ އާއި ލިޔޯންގެ ކުރިމަތިލުމެއް

4 އޭޕްރީލް 2024 - 10:37 0

ޕެރިސް (އޭޕްރީލް 4) - ފްރެންޗް ކަޕްގެ ސެމީ ފައިނަލް މެޗުތަކުން ފަސޭހަ މޮޅެއް ހޯދައިގެން ލިޔޯން އާއި ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސެމީ ފައިނަލުގައި ޕީއެސްޖީން ރެންގެ މައްޗަށް 1-0 އިން ކުރިހޯދިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ، 40 ވަނަ މިނިޓްގައި، ކީލިއަން އެމްބާޕޭ އެވެ. މިއީ ސްޕެއިނުގެ މިޑްފީލްޑަރު، ފަބިއަން ރުއީޒް ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.

ލަނޑު ޖެހުމުގެ، ތިން މިނިޓް ކުރިން، އެމްބާޕޭ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ. އެ ގޮތުން، މެޗުގެ 37 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ޕެނަލްޓީ، ރެންގެ ކީޕަރު، ސްޓީވް މަންޑާންޑާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ޕީއެސްޖީގެ ކުޅުންތެރިން އަތުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބޭކާރުވެފަ އެވެ. އަނެއްކޮޅުން، ނަތީޖާ ހަމަހަމަކުރެވޭ ވަރަށް އެކަށީގެންވާ ރަނގަޅު އެޓޭކްތަކެއް، ރެންގެ ކުޅުންތެރިންނަށް ތަނަވަހެއް ނުކުރެވުނެވެ.

ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ 15 ވަނަ ފްރެންޗް ކަޕް ކާމިޔާބުކުރާށެވެ.

ސެމީ ފައިނަލުގައި، ލިޔޯނުން ވަނީ 3-0 އިން ވެލެންސިއަނީސް ބަލިކޮށްފަ އެވެ. ލިޔޯންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ، އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ ޖެހި އެއް ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. އަނެއް ލަނޑު ޖަހައިދިނީ، ލިޔޯނުގެ ގިފްޓް އޯބާން އެވެ.

ލިޔޯނާއި ޕީއެސްޖީ ކުޅޭ ފްރެންޗް ކަޕް ފައިނަލް އޮތީ މެއި މަހު 25 ގަ އެވެ.