Advertisement

ބަލިނުވެ 40 ވަނަ މެޗު: ލެވަކޫސަން ޖަރުމަނު ކަޕް ފައިނަލަށް

4 އޭޕްރީލް 2024 - 10:26 0


ބަލިނުވެ 40 ވަނަ މެޗު: ލެވަކޫސަން ޖަރުމަނު ކަޕް ފައިނަލަށް

4 އޭޕްރީލް 2024 - 10:26 0

ބާލިން (އޭޕްރީލް 4) - ފޯޗިއުނާ ޑަސެލްޑޯފްގެ މައްޗަށް 4-0 އިން ކުރިހޯދައި، ޖަރުމަނު ކަޕްގެ ފައިނަލުން، މި ސީޒަނުގައި ތަފާތު ރޫހެއްގައި ކުޅެމުން އަންނަ ބަޔާ ލެވަކޫސަން ދަތުރުކޮށްފި އެވެ.

ޒަބީ އަލޮންސޯ، ކޯޗުކޮށްދެމުން އަންނަ ލެވަކޫސަން ވަނީ ރޭގެ ނަތީޖާއާ އެކު، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މެޗަކުން ބަލިނުވެ، ދަމަހައްޓަމުން އަންނަ ރެކޯޑްގައި 40 މެޗު ހަމަކޮށްފަ އެވެ. ޖަރުމަނު ކަޕް ފައިނަލުގައި ލެވަކޫސަން ކުޅޭނީ ކައިސަސްލައުޓެންއާ އެެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލެވަކޫސަން ޓީމުން ރޭ ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، މި ސީޒަނުގައި، ތަފާތު ދައްކަމުން އަންނަ ވިންގް، ފްލޯރިއަން ވާޓްޒް އެވެ. އޭނާ ވަނީ ސީޒަނުގައި މިހާތަނަށް 14 ގޯލު ޖަހައިފަ އެވެ. ޖަރުމަނު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ވާޓްޒް ވަނީ ޖާގަ ހޯދައިފަ އެވެ.

ލެވަކޫސަންގެ ފުރަތަމަ ދެ ލަނޑު ޖެހީ، ޖެރެމީ ފްރިމްޕޮން އާއި އަމީން އާދިލް އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލެވަކޫސަނުން، އެންމެ ފަހުން ޖަރުމަނު ކަޕް ފައިނަލުގައި ކުޅުނީ 2020 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމު ވަނީ ބަޔާން މިއުނިކް އަތުން 4-2 އިން ބަލިވެފަ އެވެ.

ލެވަކޫސަނުން ވަނީ 1993 ވަަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބުކޮށްފަ އެވެ. ލީގާއި ކަޕްގެ އިތުރުން ލެވަކޫސަނުން އަންނަނީ ޔޫރޮޕާ ލީގުގައި ވެސް ވާދަކުރަމުންނެވެ. އެ ގޮތުން، އެ ޓީމު އޮތީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގަ އެވެ. ބައްދަލުކުރަން ޖެހެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާ އެެވެ.