Advertisement

ސިޔާސީ ނިޒާމަށް އިތުބާރު ގެއްލި، އާންމުން އެދެނީ ބަދަލުތަކަކަށް

8 އޭޕްރީލް 2024 - 10:48 4

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ސިޔާސީ ނިޒާމަށް އިތުބާރު ގެއްލި، އާންމުން އެދެނީ ބަދަލުތަކަކަށް

8 އޭޕްރީލް 2024 - 10:48 4

ރާއްޖޭގައި އަބަދުވެސް އޮންނަނީ އިންތިހާބީ މޫސުމެއްގަ އެވެ. ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބު ނިމި، ހަ މަހެއްހާ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އޭގެ އަހަރެއްވަރު ފަހުން ކައުންސިލް އިންތިހާބު އޮންނައިރު، އެ ދެމެދުގައި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް ވެސް އޮވެ އެވެ.

މި އިންތިހާބުތަކާއި ގުޅިގެން މެދުނުކެނޑި ސިޔާސީ ހަރަކާތްތައް އޮންނަ އިރު، އެފަދަ ކަންކަމަށް މީހުންގެ ޝައުގުވެރިކަން ކުޑަވާކަން ފަހަކަށް އައިސް ފާހަގަކުރެވެ އެވެ. ކެމްޕެއިނު ހަރަކާތްތަކުގައި ބައިވެރިވެ ޝާމިލުވާ މީހުންގެ އަދަދުގެ އިތުރުން، އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުން ވެސް އަންނަނީ މަދުވަމުންނެވެ.

ސިޔާސީ ކަންކަމަށް އާންމުންގެ މެދުގައި އޮންނަ ފޯރި ފަނޑުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ސިޔާސީ ނިޒާމަށް އިތުބާރު ގެއްލުމެވެ. އެފަދަ ކަންކަމުގައި ޝާމިލުވެ، ވޯޓުލައި ވަކި މީހަކު ހޮވި ނަމަވެސް އާންމު ރައްޔިތުންނަށް ފައިދާއެއް ވާ ކަމަށް ގަބޫލުނުކުރެވުމެވެ. ހާއްސަކޮށް އަދުގެ ޒުވާން ޖީލުން ވެސް ސިޔާސީ ހަރަކާތްތައް ސިފަކުރަނީ "ބޭކާރު" ކަންތައްތަކެއްގެ ގޮތުގަ އެވެ.

މާލެ ސަރަހައްދުގައި އެންމެ ފަހުން އޮތް މޭޔަރު އިންތިހާބަށް ބަލާނަމަ، އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54,680 މީހުންނަށް ލިބުނު ނަމަވެސް ވޯޓު ލާން ނުކުތީ އެންމެ 17،410 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ އެންމެ 31.8 ޕަސެންޓު މީހުންނެވެ.

ސިޔާސީ ކަންކަމަށް ގެއްލެމުންދާ އާންމުންގެ އިތުބާރުން ދޭހަވާ އެއް ކަމަކީ، މިހާރު އޮތް ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ. އާންމުގެ އިތުބާރާއި ޝާމިލުވުން އަލުން ހޯދަން ބޭނުން ނަމަ، ސިޔާސީ ނިޒާމު އިސްލާހުކުރަން ޖެހޭކަމެވެ. ބޭނުންވާ ބަދަލުތަކުގެ ވާހަކަ އެކި މަންސަތަކުން ދޭހަވެ އެވެ.

ދައުލަތް ކުޑަކޮށް، ހަރަދުތައް ކުޑަކުރުން

މަތި ބަރު ސަރުކާރެއް ބޭނުންނުވާ ވާހަކައަކީ އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެކެވެ. ދައުލަތުން ކުރާ ހަރަދާއި އާމްދަނީ ނުބައްދަލުވެ، ދައުލަތުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި 124 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތް ކުޑަކޮށްގެން ހަރަދުތައް ވެސް ބޮޑުތަނުން ކުޑަކުރެވޭނެ އެވެ. މުވައްޒަފުން ހިނގާ ހަރަދުގެ ގޮތުގައި މިއަހަރުގެ ބަޖެޓުން ވެސް 24 ޕަސެންޓު ކަނޑައަޅާފައިވެ އެވެ.

އަދުގެ ސަރުކާރަށް ބަލާނަމަ، ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ޖުމުލަ އަދަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަންކުރި ފަރާތްތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް "އަދަދު" އިން އެދުމުން، ގާނޫނުން ލިބިދޭ މުއްދަތުގައި ރައީސް އޮފީހުން އެ ތަފުސީލުތައް ދީފައެއް ނުވެ އެވެ.

ތަފުސީލު ހޯދަން ހުށަހެޅި މަގާމުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓަރުން، ސީނިއާ މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން، އަދި ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ ނަމާއި އަދަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ލިބެން ހުންނައިރު، އެ މަގާމުތަކުގައި މަދުވެގެން 305 މީހުން އެބަ ތިއްބެވެ. އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އެއީ އަހަރަކު 156 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަލާއިރު 780 މިލިއަން ރުފިޔާ އެވެ.

ރައީސުލްޖުމުހޫރިއްޔާ އަައްޔަނުކުރާ މަގާމުތަކުގެ އިތުރުން، ރައްޔިތުންގެ ވޯޓުން ހޮވާ ގާނޫނު ހަދާ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދަދު ގިނަ ކަމުގެ ކަންބޮޑުވުން ވެސް އާންމުން ފާހަގަކުރެ އެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މުޅި ރާއްޖެއިން ޖުމުލަ 1،174 މީހުން ބައިވެރިކޮށްގެން ކުރި ސާވޭގެ ނަތީޖާ ރިޕޯޓުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ގިނަ ބަޔަކު ތާއީދުކުރެ އެވެ.

އެގޮތުން:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް 68 ޕަސެންޓް މީހުން ތާއީދުކުރޭ
  • މިހާރު ތިބި މެމްބަރުންގެ އަދަދާއި މެދު 27 ޕަސެންޓް މީހުން ހިތްހަމަޖެހޭ
  • މެމްބަރުންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ހަތަރު ޕަސެންޓު މީހުން ދެކޭ

މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހެއްގެ އާބާދީއަކަށް އެއް މެމްބަރަކު ހޮވާ ގޮތަކަށެވެ. އާބާދީ އިތުރުވުމާ ގުޅިގެން އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަ ދާއިރާއެއް ވަނީ އިތުރުވެފަ އެވެ.

ދައުލަތުން މުސާރަ ދޭ މަގާމުތައް އިތުރުވަމުން އަންނަ އިރު، ވޯލްޑް ބޭނުންކުން 2022 ގައި ނެރެފައިވާ "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު: ރިސްޓޯރިން ފިސްކަލް ހެލްތް" ރިޕޯޓުގައި ވެސް ވަނީ ރާއްޖޭގެ ހަރަދު ކުޑަކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖުމުލަ ހަރަދުގެ ތިންބައިކުޅަ އެއްބައި ހަރަދު ވަނީ ދައުލަތުގެ މުއައްޒަފުންގެ މުސާރައަށެވެ. އެއީ ގާތްގަނޑަކަށް ޖީޑީޕީގެ 11 ޕަސެންޓެވެ.

ސަރުކާރުން އެކި ސިނާއަތްތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ނިންމާފައިވާ އަދި ގެނެސްފައިވާ ބަދަލުތަކާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ކުރާ ހަރަދު އިތުރުވެ، ދައުލަތް އިތުރަށް ބޮޑުވާނެ އެވެ. ރައްޔިތުންގެ އިތުބާރު ކަށަވަރު ވާނީ މިކަން ބަދަލުކޮށް، ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ.

މަޖިލިސް މެންބަރުން ޒިންމާދާރު ކުރުވުން

ގާނޫނު އަސާސީގައި ފުރަތަމަ ބަޔާންކުރާ ދައުލަތުގެ ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ގާނޫނު އަސާސީގައި އެކަށައަޅާފައިވާ ދައުލަތުގެ އޮނިގަނޑުގައި މަޖިލީހަށް ދީފައިވާ ދައުރު ބޮޑެވެ. މުޅި ދައުލަތް އަމަލުކުރަންވީ ގޮތުގެ ގާނޫނުތައް ހެދުމުގެ އިތުރުން، ގާނޫނުތަކާ އެއް ގޮތަށް ދައުލަތް ހިނގާތޯ ބެލުމަށް ފާރަވެރިވުމުގެ ޒިންމާ އެވެ.

ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވަނީ ޕާޓީއެއްގެ ފަރާތުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައި، ދާއިރާގެ ރައްޔިތުންގެ ވޯޓުންނެވެ. ރައްޔިތުން ވޯޓު ދެނީ އެ ކެންޑިޑޭޓަކު ހުށަހަޅާ ވަކި މެނިފެސްޓޯއެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، މަގާމަށް ހޮވުމަށްފަހު މެމްބަރުންގެ ފަރާތުން ފެންނަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު ގެއްލެނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އިތުބާރު ނެތުމާއި އެ މަޖިލީހުގެ މަސައްކަތްތަކުން ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވުމަކީ މަޖިލިސް އިންތިހާބުގައި ވޯޓުލުމާއި މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ސަބަބެއްގެ ގޮތުގައި "ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" އަށް ޖަވާބުދާރީވި މީހުން ފާހަގަކުރެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާނެކަމަށް ބުނެފައިވަނީ އެ ސާވޭގައި ބައިވެރިވި 1174 މީހުންގެ ތެރެއިން 68 ޕަސެންޓު މީހުންނެވެ. 19 ޕަސެންޓު މީހުން އަދި ގޮތެއް ނުނިންމާއިރު، 13 ޕަސެންޓު މީހުން ތިބީ ވޯޓު ނުލާން ނިންމައިގެނެވެ.

ސިޔާސީ ނިޒާމުގެ ތެރެއިން ހަމައެކަނި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެމްބަރުންނަށް ބަލާނަމަ، ވަކި ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ހޮވުމަށްފަހު ޕާޓީ ބަދަލުކުރުން ނުވަތަ ފްލޯ ކްރޮސްކުރުމަކީ ރައްޔިތުންގެ އިތުބާރު އެ ބާރުގެ މަތިން ގެއްލޭ އެއް ސަބަބެވެ.

ސާވޭއިން ދައްކާ ގޮތުގައި ފްލޯ ކްރޮސް ކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލެންވާނެ ކަމަށް ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގޮނޑި ގެއްލެންވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ 47 ޕަސެންޓް މީހުން އަދި ގަބޫލުކުރާ 26 ޕަސެންޓް މީހުނެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 19 ވަނަ މަޖިލީހުގައި ވެސް ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކުރުމާއެކު ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފަރާތުން ކޮރަޕްޝަނުގެ ތުހުމަތު ކޮށްފައިވުމަކީ އާންމުންގެ ތެރޭގައި އެގޮތަށް ގަބޫލުކުރުމަށް އޮތް ފުރުސަތެކެވެ.

ރައީސް މުއިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން، ޑިސެމްބަރު 28، 2023 ގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެކި ދާއިރާތަށް ތަމްސީލުކުރާ 12 މެމްބަރަކު ވެރިކަން ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅުނެވެ.

އެމްޑީޕީގެ 12 މެންބަރުން ޕީއެންސީއަށް ގެންދިޔައީ ފައިސާ ދީގެން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އޭރު ވެސް އެ މެމްބަރުން ބަދަލުވީ ފައިސާ ދީގެން ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެ މައްސަލަ އެއްވެސް މުއައްސަސާއަކުން ތަހުގީގުކުރާކަން ހާމައެއް ނުކުރެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ވެސް އެ މައްސަލަ ބަލާކަން ހާމަކޮށްފައެއް ނެތެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނ. މަނަދޫގައި ކެމްޕެއިން ކުރައްވަމުން މާޗު 4، ގައި ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރަކު ވެރިކަން ހިންގާ ޕާޓީއަށް ގެންދިޔުމުގެ އެއް މަގުސަދަކީ "މަޖިލީހުގެ ބޭނުން ކަނޑުވާލުން" ކަމަށެވެ.

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުންނަށް ވެސް ފައިސާ ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފަ. އެއްޗެއް ހިތަށް ވެސް ނާރާ،" ކުރީގެ ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ،

ފްލޯ ކްރޮސް ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދިޔުމަކީ ވެސް، އެ މަޖިލީހާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ސަބަބެކެވ.

ކަމުދާ ކެންޑިޑޭޓަކު ނެތް ކަން ބުނަން ބޭނުން

އިންތިހާބުތަކާއި އެ އިންތިހާބުން ހޮވޭ ލީޑަރުން އަދި އެ ލީޑަރުންގެ ސިޔާސީ ހަރަކާތްތަކަށް އާންމުގެ ޝައުގުވެރިކަން އަންނަނީ ދަށް ވަމުންނެވެ. އިތުބާރު ކުރެވޭ ކަމުދާ ކެންޑިޑޭޓުން ނެތުމާއި، ވައުދުތައް ނުފުއްދުމަކީ މިކަމަށް މެދުވެރިވާ ސަބަބުތަކެކެވެ.

ގައުމީ ޔުނިވާސިޓީން 2022 ވަނަ އަހަރު މަގުމަތިން އެކި މީހުންނާ ސުވާލުކޮށްގެން 1،039 މީހުންގެ ހިޔާލު ހޯދި އެވެ. އެ ދިރާސާއިން ވެސް ދައްކަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުން ދެކެ ފޫހިވެފައިވާ މިންވަރެވެ.

ސަރުކާރަށް އިތުބާރު ކުރަން ދަތި ކަމަށް 33.9 ޕަސެންޓް މީހުން ބުނި އިރު، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 36 ޕަސެންޓް މީހުން ހާމަކުރި އެވެ. މަޖިލީހަ އިތުބާރު ކުރަން ދަތި ކަމަށް 28.8 ޕަސެންޓް މީހުން އަދި އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 56.6 ޕަސެންޓް މީހުން ބުނި އިރު، ޕާޓީތަކަށް ވެސް އާންމުންގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރެވެ އެވެ.

ސިޔާސީ ޕާޓީތަކުން އިސް މަގާމުތަކަށް ކުރިމަތިލަނީ މީގެ ކުރިން ވެސް އެކި މަގާމުތަކުން ފެނިފަވާ ލީޑަރުންނެވެ. އެމީހުންގެ ތެރެއިން ވޯޓު ލާން ބޭނުންވާ ނުވަތަ އެކަމަށް ގާބިލު މީހެއް ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މިކަމަށް ނިޒާމީ ބަދަލެއް ގަނައުމަށްޓަކައި ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިހުތިޔާރުކުރަން ބޭނުންވާ ކެނޑިޑޭޓެއް ނެތް ނަމަ، އެކަން ހާމަކުރަން "ނަން އޮފް ދަ އެބޯވް" ނުވަތަ ކަމުދާ ކެނޑިޑޭޓެއް ނެތް ކަން ހާމަކުރެވޭ ގޮތަށް ވޯޓު ކަރުދާސް ބަދަލުކުރަން ޖެހެ އެވެ.

އެޗްއާރްސީއެމްގެ ސާވޭއިން ދައްކާ ގޮތުގައި މަތީގައިވާ އެއްވެސް ފަރާތަކަށް ވޯޓުލާން ބޭނުންނުވާކަން ހާމަކޮށް ފާހަގަޖެހޭ ގޮތަށް ވޯޓު ކަރުދާސް ބަދަލުކުރަން 56 ޕަސެންޓު މީހުން ތާއީދުކުރެ އެވެ. އަދި މި ބަދަލު ގެނައުމަށް ޒުވާނުންގެ ތާއީދު ބޮޑުކަމަށް ސާވޭގެ ނަތީޖާ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) ދެކެވަޑައިގަންނަވާ ގޮތުގައި "ނަން އޮފް ދަ އެބޯވް" ނުވަތަ "ކަމުދާ ކެންޑިޑޭޓަކު ނެތް" ގޮޅިއެއް ވޯޓު ކަރުދާހުގައި އިތުރުކުރުމަކީ މިހާރު ރާއްޖޭގައި އެކުލަވާފައިވާ ސިޔާސީ ނިޒާމުގައި ޖާގަ ދެވިދާނެ ކަމެކެވެ.

"ނަން އޮފް ދަ އެބޯވް އޮޕްޝަނެއް ނެތިއްޔާ ވޯޓު ދޭން ނުނުކުތުން ވާނީ ދެރަ ކަމަކަށްތާ. އޭރަށް ޑެފޯލްޓުން ވޯޓު ދިން މީހުންގެ ތެރެއިން ގިނަ ވޯޓު ލިބޭ މީހަކު ހޮވޭނީ، މި އޮތް ނިޒާމާއި ގާނޫނުތަކާއި ގާނޫނު އަސާސީއާ ފުށުއަރާ ކަމެއް ނޫން އެއީކީ،" އިބްރާ ވިދާޅުވި އެވެ.

އިހުތިޔާރުކުރަން ބޭނުންވާ ކެނޑިޑޭޓަކުން ނެތް ކަން ވޯޓު ކަރުދާހުގައި ފާހަގަކުރެވޭ ގޮތަށް މިހާރު ވެސް ބައެއް ގައުމުތަކުގައި އަންނަނީ ފަރިތަކުރަމުންނެވެ. އަވައްޓެރި އިންޑިއާގެ އިތުރުން، ކޮލަމްބިއާ އަދި ބެލަރަސް ގެ ވޯޓު ކަރުދާސްތަކުގައި އެ ފުރުސަތު އޮވެ އެވެ.

މިފަދައިން ގެނެވޭ ކުޑަބަދަލަކުން ވެސް ރައްޔިތުންގެ އިތުބާރާއި ސިޔާސީ ކަންކަމަށް އޮންނަ ޝައުގެވެރިކަން އިތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ވޯޓުލުމުގައި "ނަން އޮފް ދަ އެބޯވް" އޮޕްޝަން މުހިންމު ވަނީ މިހެންވެ އެވެ.

"އެހެން ފަހަރު ފަހަރަށް ސިޔާސީ ކަންކަމުގައި އާންމުން އެހާވަރަށް ހަރަކާތްތެރިވެފައި މިފަހަރު ހަރަކާތްތެރި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް، އެކަމުގެ އެއް ސަބަބަކީ ރައްޔިތުންނަށް [ވޯޓުލާނެ] ޗޮއިސްތަކެއް ނުދެއްކުން،" ކުރީގެ ފޮރިން މިނިސްޓަރު އަދި ޕޮލިޓިކަލް އެނަލިސްޓް ޑރ. މުހައްމަދު ޝަހީދު ވިދާޅުވި އެވެ.

އަންހެނުންގެ ތަމްސީލްވުން އިތުރުކުރުން

ރާއްޖޭގެ ޖުމުލަ އާބާދީގެ 40 ޕަސެންޓަކީ އަންހެނުންނެވެ. ދަރިން ތަރުބިއްޔަތު ކޮށް މުޖުތަމައު ބައްޓަން ކުރުމުގައި އެމީހުންގެ ދައުރު ބޮޑެވެ. ނަމަވެސް، ގައުމުގެ ކަންކަން ނިންމާ ސިޔާސީ މައިދާޏުގައި އަންހެނުންގެ ޝަމިލުވުން ކުޑަކަން އަބަދުވެސް ފާހަގަކުރެވެ އެވެ. ގައުމަށް ފައިދާކުރަނިވި ނިންމުންތަކުގައި އަންހެނުންގެ ހިޔާލާއި ބައިވެރިވުން މުހިއްމެވެ.

ރާއްޖޭގައި ވޭތުވެދިޔަ 10 އަހަރު ސިޔާސީ އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން ދުވަހަކަށް ވުރެ ދުވަހެއް ދަށް ވަމުން ދާކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ތަމްސީލު ކުރި ނިސްބަތް 6.5 ޕަސެންޓުގައި ހުރިއިރު، 2013 ވަނަ އަހަރު އެ ނިސްބަތް 5.9 ޕަސެންޓަށް ވެއްޓުނެވެ. އަދި މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު އިންތިހާބުވި ހަތަރު އަންހެން މެމްބަރުންނާއެކު އެ ނިސްބަތް އޮތީ 4.6 ޕަސެންޓަށް ދަށްވެފަ އެވެ.

މި އޭޕްރީލް 21، ގައި އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް ސާޅީހަކަށް ކެންޑިޑޭޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެން ކެންޑިޑޭޓުން އިތުރުކުރުމާއި މެދު އެޗްއާރްސީއެމްގެ ސާވޭގެ ދަށުން ސުވާލުކުރެވުނެވެ. ގިނަ މީހުންގެ ޖަވާބުން ފާހަގަކުރެވުނީ، ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ފަދަ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ތާއީދުކުރާ ފިރިހެނުންގެ އަދަދު މަދުކަމެވެ.

މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް 73 ޕަސެންޓު އަންހެނުން ގަބޫލުކުރާއިރު، މިފަދައިން ގަބޫލުކުރާ ފިރިހެނުންގެ ނިސްބަތަކީ 52 ޕަސެންޓެވެ. އަދި މަޖިލީހުގައި އަންހެނުންނަށް ހާއްސަ ގޮނޑި ކަނޑައެޅުމަށް 17 ޕަސެންޓު މީހުން ތާއީދުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ސިޔާސީ އެހެން މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން މަދުވާ ގިނަ ސަބަބުތަކެއް ހުންނަކަމަށް ގިނަ މީހުން ދެކެ އެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާނު ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި އަންހެނުންގެ ތަމްސީލުވުން އިތުރުކުރުން މުހިއްމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނާއި ހަރަކާތްތަކަށް އާންމުން، ހާއްސަކޮށް ޒުވާނުންނާއި އަލަށް ވޯޓުލާ މީހުންގެ ޝައިގުވެރިކަމާއި އިތުބާރު ދެމެހެއްޓުމަށް ނިޒާމީ ބަދަލުތަކެއް ގެނައުން މުހިންމެވެ. އެންމެނަށް އިތުބާރު ކުރެވޭ ދެމެހެއްޓެނެވި ގާނޫނެއް ހަދައި، ކޮންމެ ކަމަކަށް ވެސް ވަކި މިންގަނޑުތަކަކާއި އުސޫލުތަކެއް ކަނޑައަޅަންޖެހެ އެވެ.