Advertisement

ޗައިނާގެ ނިއު ވޯލްޑް އޯޑާ އަދި ދިވެހިރާއްޖެ

11 އޭޕްރީލް 2024 - 10:48 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ޗައިނާގެ ނިއު ވޯލްޑް އޯޑާ އަދި ދިވެހިރާއްޖެ

11 އޭޕްރީލް 2024 - 10:48 1

ބައިބައިވެ، ބަލިކޮށް އޮތް ޗައިނާ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، އެކުވެ، ބަދަހިވެއްޖެ އެވެ. މިހާރު އެއީ ޖަޕާނުން 1937 ގައި އަރައި ފުނޑާލި ޗައިނާއެއް ނޫނެވެ. އެއީ ދުނިޔޭގެ ބާރެކެވެ. މުޅި އިންސާނިއްޔަތު ވެސް ބަރޯސާވާ އިގްތިސާދީ ތަނބެކެވެ.

އެކަމަކު، އެހާ ހިސާބުން މަޑުޖައްސާލާކަށް ޗައިނާ ބޭނުމެއް ނުވެ އެވެ. ހުޅަނގާއި ހުޅަނގުގެ އިއްތިހާދު ގައުމުތައް ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވާފައި އޮތް ގޮތަށް، ޗައިނާ ވެސް ބޭނުންވަނީ ދުނިޔޭގެ ގައުމުތަށް ނުފޫޒަކަށްވާށެވެ.

ޗައިނާގެ މަގުސަދު ހާސިލުވުމާ ގާތަށް ޖެހިލީ 2013 ވަނަ އަހަރު އެ ގައުމުގެ ރައީސްއަކަށް ޝީ ޖިންޕިން އިންތިހާބުވުމުންނެވެ. އޭގެ ފަހުން މި ފާއިތުވި 11 އަހަރު ތެރޭ ޗައިނާއިން ވަރުގަދަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއެއް ފަށައިފި އެވެ. އެހެން ގައުމެއްގައި ޗައިނާއިން އެޅި ފުރަތަމަ މިލިޓަރީ ބޭސް ޖިބޫޓީގައި ހުޅުވައިފި އެވެ. ހަނދުގެ ދުރު ފަޅިއަށް ޗައިނާގެ ޖައްވީ އުޅަނދެއް ޖައްސައިފި އެވެ.

ނަމަވެސް ޝީގެ އެންމެ ބޮޑު މިޝަންއަކީ ސެޕްޓެމްބަރު، 2021، ގައި ތައާރަފު ކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (ޖީޑީއައި) އާއި އޭޕްރީލް، 2022، ގައި ތައާރަފު ކުރި ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް (ޖީއެސްއައި) އާއި މާޗް، 2023، ގައި ތައާރަފު ކުރި ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް (ޖީސީއައި) އެވެ.

އެއީ ދުނިޔެއަށް ޗައިނާގެ ބާރު ފޯރުވުމުގެ އެންމެ ބޮޑު ޕްލޭނެވެ. ހުޅަނގު ފަހަތަށް ޖައްސާލުމަށްފަހު އެހެން ގައުމުތަކުގެ "ރަހުމަތްތެރިއަކަށް" ޗައިނާއަށް ވެވޭނީ އެ ތިން ރޭވުން ތަންފީޒުކޮށްގެނެވެ. ޝީގެ އަމާޒަކީ އެއީ އެވެ. ދުނިޔޭގެ ކަންކަމުގައި ބަސް ކިޔާ ގައުމަކަށްވުމެވެ. ދުނިޔޭގެ ޕޮލިސީތަކާއި އެޖެންޑާ ސެޓު ކުރާ ބަޔަކަށް ޗައިނާ ހެދުމެވެ.

ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް

ޗައިނާގެ ރައީސް ޝީ، ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް ނުވަތަ ޖީޑީއައި އިއުލާނު ކުރެއްވީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ. އެއީ 2013 ވަނަ އަހަރު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ތައާރަފު ކުރި ފަހުން ޗައިނާއިން އިއުލާނު ކުރި އެންމެ މުހިންމު ޕޮލިސީ ކަމަށް އެއިރު އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.

ޖީޑީއައިގެ މައިގަނޑު ބޭނުމަކީ އދ. ގެ "2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގެ މަގުސަދުތައް ހާސިލް ކުރުން ކަމަށް ޗައިނާއިން ބުނެ އެވެ. އޭގެ އިތުރުން، ޖީޑީއައިގެ އެންމެ ބޮޑަށް ބާރު އަޅާނީ ގޮންޖެހުންތަކާ ކުރިމަތިލާއިރު، ދުނިޔޭގެ ގައުމުތަކުން ގުޅިގެން، ވަސީލަތްތައް އެއްކޮށް، އެކަމަކާ ކުރިމަތިލުމެވެ.

އދ. ގެ މަޖިލީހުގައި 2021 ވަނަ އަހަރު ޖީޑީއައި ތައާރަފު ކުރުމަށްފަހު ޖެނުއަރީ، 2022، ގައި "ގްރޫޕް އޮފް ފްރެންޑްސް އޮފް ދަ ޖީޑީއައި" ނަމަކަށް ކިޔާ ގްރޫޕެއް ޗައިނާއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު އުފެއްދި އެވެ.

ސެޕްޓެމްބަރު، 2022، ގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗާއޯ ލީޖިއަން ވިދާޅުވީ 100 އަށް ވުރެ ގިނަ ގައުމާއި ޖަމިއްޔާއިން ޖީޑީއައި އަށް ތާއީދު އޮތް ކަން ހާމަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން 60 އަށް ވުރެ ގިނަ ގައުމުން "ގްރޫޕް އޮފް ފްރެންޑްސް އޮފް ދަ ޖީޑީއައި" ގައި ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖީޑީއައިގެ ދަށުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ އަށް ދާއިރާއެއް ޗައިނާއިން ފާހަގަ ކުރެ އެވެ. އެއީ ބަނޑުހައިހޫނުކަން ނައްތާލުން، ކާބޯތަކެތީގެ ކަށަވަރުކަން، ކޮވިޑް-19 އަދި ވެކްސިން، ތަރައްގީއަށް ފައިސާ ހޯދުން، މޫސުމަށް އަންނަ ބަދަލު އަދި ފެހި ތަރައްގީ، ޑިޖިޓަލް އިކޮނޮމީ، އިންޑަސްޓްރިއަލައިޒޭޝަން އަދި ކަނެކްޓިވިޓީ އެވެ.

ޖީޑީއައިގެ މައިގަނޑު ހަމަތަކާއި އަސާސްތައް

ތަރައްގީއަށް އަހައްމިއްޔަތުކަން ދިނުން: ޗައިނާގެ ޖީޑީއައި ކަރުދާސް ބުނާ ގޮތުން ތަރައްގީއަކީ ހުރިޙާ މައްސަލައެއް ވެސް ހައްލު ކުރުމުގެ "މާސްޓާ ކީ" އެވެ. ދުނިޔޭގެ އަމަންއަމާންކަން ގާއިމް ކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވެސް ތަރައްގީ މުހިންމު ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އިންސާނިއްޔަތަށް އިސްކަން ދިނުން: އެ ކަރުދާހުގައިވާ ގޮތުން ތަރައްގީ ގެނައުމުގެ ހުރިހާ ވެސް ބޭނުމަކީ އިންސާނާ ތަރައްގީ ކުރުމެވެ. ތަރައްގީ ގެންނަންޖެހޭނީ މީހުންނަށްޓަކައި، މީހުންގެ ފަރާތުން، އެންމެންނަށް އޭގެ މަންފާ ލިބޭނެ ގޮތަކަށް ކަމަށް ޖީޑީއައިގައި ބުނެފައިވެ އެވެ.

އެއްވެސް ގައުމެއް އަދި މީހަކު ބާކީ ނުކުރުން: ހަމަހަމަ ނޫން އަދި އެކަށީގެންނުވާ ގޮތަށް ތަރައްގީ ގެނައުމަކީ މައްސަލައެއް ކަމަށް ޗައިނާއިން ދެކެ އެވެ. އެކަމަށް އިޝާރާތްކޮށް، މައްސަލަ ހައްލު ކުރުމަށްޓަކައި އެކަކު ވެސް ބާކީނުވާނެ ގޮތަކަށް ތަރައްގީ ގެންނަންޖެހޭ ކަމަށް ޖީޑީއައި ކަރުދާހުގައި ބުނެފައިވެ އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީ މަޑުޖެހިފައިވާ ގައުމުތަކަށް ހުރިި ގޮންޖެހުންތައް ދަނެގަނެ އެކަންކަން ހައްލު ކުރަން މަސައްކަތް ކުރުން ވެސް އެއީ ކަރުދާހުގެ މުހިންމު ނުކުތާއެކެވެ.

ތަރައްގީ ގެނައުމުގައި ތިމާވެއްޓަށް ބެލުން: މޫސުމަށް އަންނަ ބަދަލުތަކަށް ބަލައި އެކަންކަމާ ކުރިމަތިލާންޖެހޭ ކަމަށް ޖީޑީއައި ކަރުދާހުގައި ޗައިނާއިން ބުނެ އެވެ. ތަރައްގީ ގެންނަންޖެހޭނީ ތިމާވެއްޓަށް ވެސް އިހުތިރާމް ކުރުމާއެކު ތަރައްގީ އާއި ތިމާވެއްޓަށް ވެސް އިސްކަންދީގެން ކަމަށް އޭގައި ބުނެ އެވެ.

އީޖާދީ ތަރައްގީ: ތަރައްގީގެ ނާރެހަކީ އީޖާދީ ވިސްނުން ކަމަށް ޗައިނާއިން ގަބޫލު ކުރެ އެވެ. ޓެކްނޮލޮޖީ އާއި އާ އީޖާދުތަކުގެ ބޭނުން ހިފައި، އާޓިފިޝަލް އިންޓެލިޖެންސް، 5-ޖީ އަދި ބިގް ޑޭޓާގެ ރޮނގުން އެއްބާރުލުން އިތުރު ކުރަންޖެހޭ ކަމަށް ޗައިނާއިން ބުނެ އެވެ.

ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުން: އދ. ގެ 2030 ގެ އެޖެންޑާ ހާސިލް ކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ޖީޑީއައި ކަރުދާހުގައި ބުނެ އެވެ. ދެކުނާއި އުތުރުގެ ގުޅުން ބަދަހިކޮށް، ދެކުނާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދުނިޔެ ހިންގުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަސް ވެސް ހިމަނަންޖެހޭ ކަމަށް އެ ކަރުދާހުގައި ބުނެ އެވެ.

ބަހަށްވުރެ އަމަލު އިސް ކުރުން: ބައިނަލްއަގުވާމީ ތަރައްގީގެ ލަނޑުދަނޑިތައް ހަދާއިރު މަޝްވަރާ ކުރުން އިތުރުކޮށް، ތަންފީޒު ކުރެވޭނެ ގޮތަކަށް ކަންކަން ނިންމަންޖެހޭނެ ކަމަށް ޗައިނާއިން ދެކެ އެވެ. ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒު ކުރުމުގައި މިހާރު ވެސް އެއް ގައުމު އަނެއް ގައުމާއެކު ގުޅުން ގާއިމްކޮށްފައިވާ ދާއިރާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ޖީޑީއައި ކަރުދާހުގައި ބުނެ އެވެ.

ތަރައްގީ އާއި ލަނޑުދަނޑިތައް އެއް މަގަކަށް އެޅުވުން: ޗައިނާއިން ބުނަނީ، މިހާރު ވެސް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަކިވަކި ޕްރޮޖެކްޓުތަކުގެ ގޮތުގައި ނުބަލައި، އެއް ލަނޑުދަނޑި އާއި އަނެއް ލަނޑުދަނޑީގެ ގުޅުން ބޮޑުކުރަންޖެހޭ ކަމަށެވެ. އދ. ގެ 2030 ގެ އެޖެންޑާ އާއި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އާއި އެފްރިކަން ޔޫނިއަންގެ 2063 އެޖެންޑާ އާއި ނިއު ޕާޓްނާޝިޕް ފޯ އެފްރިކާސް ޑިވެލޮޕްމަންޓް އާއި އިނިޝިއޭޓިވް އޮން ޕާޓްނާޝިޕް ފޯ އެފްރިކާސް ޑިވެލޮޕްމަންޓާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އދ. އާއި ޖީ-20 ގެ ގައުމުތަކާއި އޭޕެކް އާއި ބްރިކްސް އަދި ޗައިނާ-އޭސިއާނުގެ ބާރާއެކު އެ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ޗައިނާއިން ދެކެ އެވެ.

ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް

ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް ނުވަތަ ޖީއެސްއައި އިއުލާނު ކުރެއްވީ ރައީސް ޝީ ބޯއާ ފޯރަމުގައި ވާހަކަ ދައްކަވަމުން 2022 ވަނަ އަހަރެވެ.

ޗައިނާިއން ބުނާ ގޮތުގައި ޖީއެސްއައިގެ ބޭނުމަކީ، ކުރިން ވިސްނިފައިނުވާ ފަދަ ބޮޑެތި ހަމަނުޖެހުމާއި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ މި ދުވަސްވަރު، މުޅި ދުނިޔެއަށް އަމާންކަން ގެނައުމެވެ. މި ދުވަސްވަރަކީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްވަރެއް ނަމަވެސް މައްސަލަތައް ހައްލު ކުރެވޭނެކަމުގެ އުއްމީދު ވެސް ބޮޑު ކަމަށް ޗައިނާއިން ދެކެ އެވެ.

ޖީއެސްއައިގެ ދަށުން ބަލާނީ މައްސަލަތަކުގެ އަސްލު ދަނެގަނެ އެކަން ނައްތާލުމަށާއި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރުމަށާއި އެއް ގައުމު އަނެއް ގައުމާ ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށެވެ.

ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ޖީއެސްއައި އާއި ޖީޑީއައި އަކީ ގުޅިލާމެހިފައިވާ ދެ ފިލޯސޮފީ އެވެ. ތަރައްގީ ގެނެވޭނީ އަމަން ގާއިމް ކުރެވިގެން ކަމަށް ޗައިނާ ގަބޫލު ކުރެވެ އެވެ. އަދި އަމަން ޔަގީންކޮށްދެވޭނީ ތަރައްގީއިން ކަމަށް ވެސް ޗައިނާއިން ގަބޫލު ކުރެ އެވެ.

ޖީއެސްއައިގެ މައިގަނޑު ހަމަތަކާއި އަސާސްތައް

ޝީގެ ސެކިއުރިޓީ ތަސައްވުރަށް ކަށަވެތިވުން: ދުނިޔޭގެ ސަލާމާތާއި ރައްކާތެރިކަން އޮންނަންޖެހޭނެ ގޮތުގެ ތަސައްވަރެއް 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ވިދާޅުވެދެއްވި އެވެ. ޝީ ވިދާޅުވާ ގޮތުން ނަމަ ސެކިއުރިޓީ ވާންޖެހޭނީ އާންމު، ފުރިހަމަ، ގުޅިގެން މަސައްކަތް ކުރެވޭ އަދި ދެމެހެއްޓެނިވި ކަމަކަށެވެ. ޖީއެސްއައިގެ ފުރަތަމަ ނުކުތާއަކީ، ރައީސް ޝީގެ 2014 ވަނަ އަހަރު ތަސައްވުރަށް ކޮމިޓްވުން ނުވަތަ ކަށަވެތިވުމެވެ.

ރައްކާތެރިކަން ވަރުގަދައަށް ގާއިމް ކުރެވި، ދެމެހެއްޓެނި އެއްޗަކަށް އެކަން ހެދޭނީ ރަނގަޅު މޯރަލްތަކެއްގެ މައްޗަށް އެކަން ގާއިމް ކުރެވި، އިންސާފާއެކު ހެޔޮ ވިސްނުންތަކެއް ވެސް ގެނެސްގެނެވެ.

ހުރިހާ ގަައުމެއްގެ ވެސް ސިޔާދަތާއި ސަރަހައްދީ އިމަށް އިހުތިރާމް ކުރުން: ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ކޮންމެ ގައުމެއްގެ ސިޔާދަތީ މިނިވަންކަން ބަލައިގަތުމާއެކު ގައުމުގެ އެތެރޭގެ ކަންކަމާ އެހެން ގައުމުތަކުން ބެހުން ހުއްޓާލަންޖެހެ އެވެ. ގައުމެއް ކިތަންމެ ކުޑަވިޔަސް، ނިކަމެތިވިޔަސް، ފަގީރުވިޔަސް، އެއިން އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމާ ބޭރު ގައުމުތަކުން ބެހިގެން ނުވާނެ ކަމަށް ޖީއެސްއައިގައި ބުނެފައިވެ އެވެ.

އެ ގައުމަކުން އިހުތިޔާރު ކުރާ އިޖްތިމާއީ ނިޒާމެއް ތަންފީޒު ކުރުމުގެ މިނިވަންކަމާއި ބޭނުންވާ ތަރައްގީގެ މަގު އިިހުތިޔާރު ކުރުމުގެ މިނިވަންކަން ވެސް އޮންނަންޖެހޭނެ ކަމަށް ޗައިނާއިން ގަބޫލު ކުރެ އެވެ.

އދ. ޗާޓަރުގެ މަގުސަދާއި އަސާސްތަކަށް ތަބާވުން: އދ. ގެ ޗާޓަރު ހެދީ ދެ ބޮޑު ހަނގުރާމައަށްފަހު ފިލާވަޅުތަކެއް ދަސްކޮށްގެން ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި ވެސް އެ ޗާޓަރަށް ތަބާވުން މުހިންމު ކަމަށް ޗައިނާއިން ގަބޫލު ކުރެ އެވެ. ދުނިޔޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ ޖޫން، 1945، ގައި ސޮއި ކުރި ޗާޓަރު އައުޓްޑޭޓުވުން ނޫން ކަމަށާއި އެއަށް ތަބާނުވުން ކަމަށް ވެސް ޗައިނާއިން ޖީއެސްއައިގައި ޗައިނާއިން ބުނެ އެވެ.

ހުރިހާ ގައުމެއްގެ ރައްކާތެރިކަން ވެސް ސީރިއަސްކޮށް ނެގުން: ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަން ލިބުމުގައި ދުނިޔޭގެ ހުރިހާ ގައުމެއް ވެސް އެއްވަރެވެ. އެއް ގައުމުގެ ރައްކާތެރިކަން ނަގާލުމަށްފަހު އެހެން ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުން ގޯހެވެ. ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ގައުމަކުން ބޭނުންވާ ނަމަ އެކަމާ ދެކޮޅު ހަދައިގެން ނުވާނެ ކަމަށް ޖީއެސްއައިގައި ބުނެ އެވެ.

މަޝްވަރާ އާއި ލަފާގެ މަތިން ހަމަނުޖެހުންތައް ހައްލު ކުރުން: ހަނގުރާމަ އާއި ދަތިކުރުމުގެ ފިޔަވަޅަކީ އެއްވެސް މައްސަލައަކަށް ހައްލު ހޯދޭނެ ގޮތެއް ނޫން ކަމަށް ޗައިނާއިން ދެކެ އެވެ. ދެކޮޅުވެރިކަމެއް އުފެދޭ ހިނދެއްގައި، ބޮޑެތި ގައުމުތަކުން ޒިންމާވެ، އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ޖީއެސްއައި ކަރުދާހުގައި ބުނެ އެވެ.

އާންމު އަދި ފަހުގެ ނުރައްކާތަކަށް ސަމާލުވުން: އެހެންޏާ ވެސް އޮންނަ ނުރައްކާތަކުގެ އިތުރުން، ޓެރަރިޒަމް، މޫސުމީ ބަދަލު އަދި ބަޔޯސެކިއުރިޓީއަށް ވިސްނަންޖެހޭ ކަމަށް ޗައިނާއިން ގަބޫލު ކުރެ އެވެ. އެފަދަ މައްސަލަތައް ދާއިމީކޮށް ހައްލު ކުރެވޭނެ މަގެއް، ދިރާސާކޮށްގެން ހޯދަންޖެހޭ ކަމަށް ވެސް ޖީއެސްސައި ކަރުދާހުގައި ބުނެފައިވެ އެވެ.

ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް

ޗައިނާގެ ރައީސް ޝީ، ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް އިއުލާނު ކުރެއްވީ މާޗް 15، 2023، ގައި ކޮމިއުނިސްޓް ޕާޓީން ބޭއްވި "ސީޕީސީ އިން ޑަޔަލޮގް ވިތު ވޯލްޑް ޕޮލިޓިކަލް ޕާޓީސް" ގެ ބައްދަލުވުމުގަ އެވެ.

ޗައިނާއިން މިހާތަނަށް ޖީސީއައިގެ ކޮންސެޕްޓް ޕޭޕަރެއް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޖީސީއައި އިއުލާނު ކުރެއްވި ދުވަހު ރައީސް ޝީ ވަނީ އެ އިނިޝިއޭޓިވްގެ ތަފުސީލަށް ކޮންމެވެސް ވަރަކަށް ވަޑައިގަނެފަ އެވެ.

ޖީސީއައިގެ މައިގަނޑު ހަމަތަކާއި އަސާސްތައް

ސިވިލައިޒޭޝަންތަކުގެ ސިންދަފާތު ކަމަށް އިހުތިރާމް ކުރުން: ޝީ ވިދާޅުވީ، އެކި ހަޟާރާތްތަކަށް އިހުތިރާމުކޮށް، ހަޟާރާތްތަކުގެ ކަންކަން ދަސްކުރުމާއެކު ބަލައިގަަންނަންޖެހޭ ކަމަށެވެ. އެހެން ހަޟާރާތްތަކާ ދުރުވެ ބީރައްޓެހިވެފައި އޮތް އޮތުން، ކަލްޗަރަލް އެކްސްޗޭންޖުތަކުން ނައްތާލަންޖެހޭ ކަމަށެވެ. އެއް ބަޔަކު އަނެއް ބައި މީހުން ކައިރިން ދަސްކޮށް، އެކުގައި އުޅެވެންޖެހޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

އިންސާނިއްޔަތުކަމުގެ މައިގަނޑު އަސާސްތައް ބަލައިގަތުން: ޝީ ދެކެވަޑައިގަންނަވާ ގޮތުގައި އަމަންއަމާންކަން، އިންސާފު، ތަރައްގީ، ހަމަހަމަކަން، ޑިމޮކްރަސީ އަދި މިނިވަންކަމަކީ އެންމެން ވެސް ބޭނުންވާ މައިގަނޑު އަސާސްތަކެވެ. އެމަނިކުފާނު ވިދާޅުވަނީ، އެކި ހަޟާރާތްތަކުން އެ ކަންކަމާމެދު ދެކޭ ގޮތަށް ހުރިހާ ގައުމުތަކުން ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. އެ ބައެއްގެ ފިކުރު ނުވަތަ ފިކުރިއްޔާތު އެހެން ބައެއްގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ޝީ ވިދާޅުވި އެވެ.

ވާރުތަވާ ހަޟާރާތައި އީޖާދަށް އިހުތިރާމް ކުރުން: އެ ގައުމެއްގެ ތާރީހާއި އާދަކާދަ މިއަދާ ހަމައަށް ގެންނަންޖެހޭ ކަމަށް ޝީ ވިދާޅުވެ އެވެ. އެއާއެކު އީޖާދީ ބަދަލުތައް ގެނެސް އާދަކާދަ ތަރައްގީ ކުރަންޖެހޭނެ ކަމަށް ވެސް ޝީ ދެކެވަޑައިގަންނަވަ އެވެ.

މީހުންނާއި މީހުންގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުން: ޝީ ވިދާޅުވަނީ އިންޓާ-ސިވިލައިޒޭޝަން މަޝްވަރާތަކާއި އެއްބާރުލުން އިތުރު ކުރަންޖެހޭ ކަމަށެވެ. އެއާއެކު އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމާއި އާދަކާދަ މިހާރަށްވުރެ ބޮޑަށް ދަސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއިރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ރަހުމަތްތެރިކަން އިތުރުވެ އިންސާނިއްޔަތު އިތުރަށް ތަރައްގީވާނެ ކަމަށް ޝީ ވިދާޅުވި އެވެ.

ހުރިހާ ކަމަކަށް ވެސް ރާއްޖެއިން ބުނީ އާނއެކޭ!

ޗައިނާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަން އެންމެނަށް ވެސް އެނގެ އެވެ. އެ ގުޅުން އުފެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހި ކުރީ އިންޑިއާއާ ޖެހުނު މައްސަލަތަކެއްގެ ތެރެއިންނެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވަމުން ދިޔަ ވަރަކަށް ޗައިނާއާއެކު އޮތް ގުޅުން ދިޔައީ ވަރުގަދަވަމުންނެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށްފަހު ރާއްޖެއިން ޗައިނާ ދުރަށްޖައްސައިލި އެވެ. ނަމަވެސް އަނެއްކާ ރައީސް މުއިއްޒުގެ ވެރިކަމާއެކު މި ފެށުނީ ރާއްޖެ-ޗައިނާގެ ރަން ދުވަސްވަރެކެވެ.

ރައީސް ވެރިކަމާ ހަވާލުވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާއަށް ވަޑައިގަތެވެ. އެ ދަތުރުގައި ޗައިނާގެ ގިނަ ޕޮލިސީތަކާ ރާއްޖެއިން އެއްބަސްވި އެވެ. އޭގެ ތެރޭގައި ޖީއެސްއައި، ޖީޑީއައި އަދި ޖީސީއައި ހިމެނެ އެވެ. އޭގެ އިތުރުން ވިއްސަކަށް އެމްއޯޔޫގައި ވެސް ޗައިނާއާއެކު ސޮއި ކުރި އެވެ.

ގައުމު ތަރައްގީ ކުރުމަށް ރާއްޖެއިން އިހްތިޔާރު ކުރާ މަގަކާމެދު އެއްބަސްވާނެ ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމަށް ފޯރުވާ ބޭރު ނުފޫޒަށް ދެކޮޅު ހެދުމަށް ޗައިނާއިން އެ ދަތުރުގައި އެއްބަސްވި އެވެ. އޭގެ ބަދަލުގައި ރާއްޖެއިން ވަން ޗައިނާ ޕޮލިސީ ދެމެހެއްޓުމަށް ވައުދުވި އެވެ. ވަން ޗައިނާ ޕޮލިސީގެ މައިގަނޑު ވާހަކައަކީ، ޓައިވާނަކީ ޗައިނާގެ ބައެއް ކަމެވެ. ޓައިވާނުގެ މިނިވަންކަމަށް ކުރާ ހުރިހާ މަސައްކަތަކާ ދެކޮޅު ހެދުމަށް ވެސް ރާއްޖެއިން އެއްބަސްވި އެވެ.

އެ ދަތުރުގައި ޖީއެސްއައިއާ ގުޅޭ ގޮތުން އެއްބަސްވީ: ގްލޯބަލް ސެކިއުރިޓީ އިނިޝިއޭޓިވް ތަންފީޒުކޮށް، ދެ ގައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރުން އެއްބަސްވި އެވެ. ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވި އެވެ.

އެ ދަތުރުގައި ޖީޑީއައިއާ ގުޅޭ ގޮތުން އެއްބަސްވީ: ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް ފުރިހަމައަށް ތަންފީޒުކޮށް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ވެސް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އެއްބަސްވި އެވެ. އޭގެ އިތުރުން ފެހި ތަރައްގީ، ޑިޖިޓަލް އިގްތިސާދު އަދި ނޫ އިގްތިސާދުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވި އެވެ.

އެ ދަތުރުގައި ޖީސީއައިއާ ގުޅޭ ގޮތުން އެއްބަސްވީ: ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުން އެއްބަސްވި އެވެ. އެކަން ކުރާނެ ގޮތެއް ކަމަށް އެއްބަސްވީ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކޮށްގެންނެވެ. އެއީ ސައިންސް، ޓެކްނޮލޮޖީ، ކަލްޗާ، ޓުއަރިޒަމް، އެޑިއުކޭޝަން، ސްޕޯޓްސް، ސިވިލް އޭވިއޭޝަން، ޕާސަނަލް ޓްރެއިނިން، އަންހެނުންނާ ގުޅޭ ކަންކަން، ޒުވާނުން އަދި ނުކުޅަދުންތެރިކަން ހުންނަ މީހުންނަ ބެހޭ ކަންކަން، ނޫސްވެރިކަން އަދި ޕަބްލިޝިން، ރޭޑިއޯ، ފިލްމް، ޓެލެވިޒަން، މީހުންނާއި މީހުންނާމެދު އޮންނަ ގުޅުން އަދި ސަބްނެޝަނަލް ކޯޕަރޭޝަނެވެ.

ޗައިނާގެ ތިން ޕޮލިސީ ހުޅަނގަށް ފެނުނު ގޮތް

ފާޑުކިޔާ މީހުން ބުނަނީ، ޗައިނާގެ ތިން އިނިޝިއޭޓިވްއަކީ ދުނިޔޭގައި އެމެރިކާ އަދި އެމެރިކާއާ ރަހުމަތްތެރި ގައުމުތަކުގެ ނުފޫޒާ ދެކޮޅަށް ތެދުވުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެ ތިން ޕޮލިސީގެ މައިގަނޑު އެހެން ބޭނުމަކީ ދުނިޔޭގެ ގަވަނިން ބޮޑީ އދ. ގައި ޗައިނާގެ ބާރު އިތުރު ކުރުމެވެ.

ޗައިނާގެ އެ މަސައްކަތްތަކާމެދު އެމެރިކާިއން ކަންބޮޑުވެ އެވެ. ޗައިނާއިން މަސައްކަތް ކުރަނީ ގްލޯބަލް ސައުތުގެ ގައުމުތަކަށް ބާރު ފޯރުވަން ކަމަށްވާއިރު އެމެރިކާއިން ވެސް ދަނީ ވަކިވަކި ގައުމުތަކާ ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އެ މަސައްކަތުގައި އެމެރިކާއަށް އޮތް ގޮންޖެހުމަކީ އެ ގައުމުގެ ސިޔާސަތުތަކާމެދު ގައުމުތަކުން ޝައްކުގެ ނަޒަރިއްޔާއަކުން ބެލުމެވެ. އެމެރިކާއިން ބާރު އަޅާ "ރޫލް ބޭސްޑް އިންޓަނޭޝަނަލް އޯޑާ" ތަންފީޒު ކުރަން މަސައްކަތް ކުރަނީ ވަކި ގައުމުތަކާ ޖެހުމުން ކަމަށް ގަބޫލު ކުރާ ގައުމުތައް މަދެއް ނޫނެވެ.

ޗައިނާގެ ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވްއާ ގުޅޭ ގޮތުން މިދިޔަ އަހަރު އެމެރިކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން 212 ސަފުހާގެ ރިޕޯޓެއް ނެރުނެވެ. ޗައިނާއިން ހުށަހަޅާ ކަންކަން ގްލޯބަލް ސައުތުގެ ގައުމުތަކަށް ކޮންމެވެސް މިންވަރަކަށް ބަލައިގަނެވުނު ނަމަވެސް އޭގައި ލިޔެފައި ހުރި ކަންކަމުގެ ތަފުސީލު މަދުކަމުން ހީކުރެވުނު ވަރަށް ސަމާލުކަން ނުލިބުނު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ޖީއެސްއައި އިފުތިތާހު ކުރިއިރު މާ ބޮޑު ތަފުސީލެއް ނުދިނުމަކީ ވެސް ޗައިނާއިން ގެންގުޅޭ އުކުޅަކަށް ވެދާނެ ކަމަށް އެމެރިކާއިން ގަބޫލު ކުރެ އެވެ. އެ އިނިޝިއޭޓިވްގައި ބަޔާން ކުރާ ނޮން-ބައިންޑިންސް ސްޓްރަކްޗާތަކުގެ ސަބަބުން ޗައިނާގެ ސެކިއުރިޓީ ފްރޭމްވޯކްއާ ގުޅިގެން މަސައްކަތް ކުރަން ގިނަ ގައުމުތަކަކަށް ފަސޭހަވާނެ ކަމަށް އެމެރިކާއިން ދެކެ އެވެ.

އެހެން ބައެއް މާހިރުން ބުނަނީ، ޖީއެސްއައިގެ އެއް މަގުސަދަކީ ޗައިނާގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތް ކުރުން ކަމަށެވެ. އެގޮތުން ޓައިވާނާއި ސައުތު ޗައިނާ ސީ ގައި ޗައިނާއިން ދައުވާ ކުރާ ބައިގެ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން، އެމެރިކާ އާއި އެ ގައުމުގެ އެލައިސްއާ ދެމެދު ޖެހެމުންދާ މައްސަލަތަކުގެ ސަބަބުން ޗައިނާ ކުރަން ބޭނުންވާ ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް މާހިރުން ދެކެ އެވެ.

ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ މަގުސަދަކީ ދުނިޔޭގެ ތަރައްގީގެ ލީޑަރުންގެ ގޮތުގައި ޗައިނާ ދެއްކުން ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. އަދި އެއާއެކު އެމެރިކާ އަދި އެމެރިކާގެ ޕޮލިސީތަކަކީ ތަރައްގީވަމުން އަންނަ ގައުމުތައް މަޑުޖައްސާލަން މަގުފަހިކުރުވާ ޕޮލިސީތަކެއްކަން ދެއްކުމަކީ ވެސް އޭގެ ބޭނުން ކަމަށް ބުނެ އެވެ.

ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވްއާމެދު ވެސް މާހިރުން އަދި ހުޅަނގުން ވާހަކަ ދައްކަނީ ޝައްކުގެ ނަޒަރިއްޔާތަކުންނެވެ. އެ އިނިޝިއޭޓިވްގެ ބޭނުމަކީ ވެސް ޗައިނާގެ ހަންފެތުރުން ކަމަށް ހުޅަނގުން ގަބޫލު ކުރެ އެވެ.

ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން މީގެ ކުރިން ދުވަހަކު ވެސް ނުދާ މިންވަރަކަށް ދާނެ ބަދަހިވާނެ އެވެ. އެއީ މިހާރު ސަރުކާރުގެ ބަސްމަގު ހުރި ގޮތާއި ޕޮލިސީތަކަށްފަހު ބެލެވޭ ގޮތެވެ. ނަމަވެސް އެ ގުޅުމައިގެން ކުރިއަށްދާއިރު ރާއްޖެއިން ވިސްނަންޖެހޭ ކަންކަން އެބަ ހުއްޓެވެ. ރާއްޖެއިން ހިމާޔަތްކޮށް، ކުރިއަރުވަންޖެހޭނީ ރާއްޖޭގެ މަސްލަހަތެވެ. ޗައިނާގެ މަސްލަހަތެއް ނޫނެވެ.