Advertisement

ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންވާނެ ކަމަށް 73 ޕަސެންޓު މީހުން ދެކޭ: ސާވޭ

3 އޭޕްރީލް 2024 - 13:21 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން: މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންވާނެ ކަމަށް ގިނަ ބަޔަކު ދެކޭ -- ފޮޓޯ: މަޖިލިސް


ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންވާނެ ކަމަށް 73 ޕަސެންޓު މީހުން ދެކޭ: ސާވޭ

3 އޭޕްރީލް 2024 - 13:21 0

ޕާޓީއެއްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންވާނެ ރާއްޖޭގެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ސާވޭއަކުން ދައްކައިފި އެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" ނަމުގައި ހެދި އެ ސާވޭއިން ދެއްކި ގޮތުގައި ފްލޯ ކްރޮސް ކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލެންވާނެ ކަމަށް ސާވޭގައި ބައިވެރިވި 1،174 މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ގޮނޑި ގެއްލެންވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ 47 ޕަސެންޓް މީހުން އަދި ގަބޫލުކުރާ 26 ޕަސެންޓް މީހުނެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 19 ވަނަ މަޖިލީހުގައި ވެސް ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކުރުމާއެކު ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފަރާތުން ކޮރަޕްޝަނުގެ ތުހުމަތު ކޮށްފައިވުމަކީ އާންމުންގެ ތެރޭގައި މިފަދައިން ގަބޫލުކުރުމަށް އޮތް ފުރުސަތެކެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ތާއީދުކުރެ އެވެ. އަދި 27 ޕަސެންޓް މީހުންގެ މިހާރު ތިބި މެމްބަރުންގެ އަދަދާއި މެދު ހިތްހަމަޖެހޭއިރު، މިހާރަށްވުރެ މެމްބަރުންގެ އަދަދު އިތުރުކުރަން ފެންނަކަމަށް ހަތަރު އިންސައްތަ މީހުން ފާހަގަކޮށްފަވެ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހެއްގެ އާބާދީއަކަށް އެއް މެމްބަރަކު ހޮވާ ގޮތަކަށެވެ. އާބާދީ އިތުރުވުމާ ގުޅިގެން މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަ ދާއިރާއެއް ވަނީ އިތުރުވެފަ އެވެ.