Advertisement

ކަމުދާ ކެންޑިޑޭޓަކު ނެތް ކަމުގެ އިހުތިޔާރު ވޯޓު ކަރުދާހުގައި އޮންނަން ގިނަ މީހުން ބޭނުންވޭ!

3 އޭޕްރީލް 2024 - 11:47 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

2023، ގެ ރިޔާސީ އިންތިހާބެއްގައި ވޯޓުލާ މަރުކަޒެއްގައި ވޯޓު ކަރުދާސްތައް ގުނަނީ: ކަމުދާ ކެންޑިޑޭޓަކު ނެތް ކަމުގެ އިހުތިޔާރު އޮންނަން ބޭނުންވާ މީހުން ގިނަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކަމުދާ ކެންޑިޑޭޓަކު ނެތް ކަމުގެ އިހުތިޔާރު ވޯޓު ކަރުދާހުގައި އޮންނަން ގިނަ މީހުން ބޭނުންވޭ!

3 އޭޕްރީލް 2024 - 11:47 0

ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ކަމުދާ ކެންޑިޑޭޓަކު ނެތް ކަމުގެ އިހުތިޔާރު ވޯޓު ކަރުދާހުގައި އިތުރުކުރަން ގިނަ ބަޔަކު ބޭނުންވާ ކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ދިރާސާއަކުން ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެ ކޮމިޝަނުން ހިންގި ސާވޭއިން ދައްކާ ގޮތުގައި "ނަން އޮފް ދަ އެބޯވް" ނުވަތަ މަތީގައިވާ ކެންޑިޑޭޓުންގެ ތެރޭގައި ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކު ނެތް ކަމުގެ ގޮޅިއެއް ވޯޓު ކަރުދާހުގައި ހިމެނުމަށް އެ ސާވޭގައި ބައިވެރިވި 56 ޕަސެންޓް މީހުން ބޭނުންވެ އެވެ.

އެ އިހުތިޔާރު ބޭނުން ނުވާ ކަމަށް ބުނީ ސާވޭގައި ބައިވެރިވި 30 ޕަސެންޓް މީހުންނެވެ. އަދި 14 ޕަސެންޓް މީހުން ބުނަނީ، އެ މީހުން އެ ކަމުގައި ބުނާނެ ވަކި އެއްޗެއް ނޭނގޭ ކަމަށެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނަނީ އެ ބަދަލު ގެނައުމަށް އެންމެ ބޮޑަށް އެދެނީ ޒުވާނުން ކަމަށެވެ. އެ ގޮތުން ބަދަލު ބޭނުންވާ ކަމަށް ބުނި މީހުންގެ 61 ޕަސެންޓަކީ ޒުވާނުން ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މި ސުވާލުގެ ޖަވާބުގައި 14 ޕަސެންޓް މީހުން، އެ މީހުން ބުނާނެ ވަކި އެއްޗެއް ނޭނގޭ ކަމަށް ބުނުމަކީ މި މައްސަލާގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނަން އޮފް ދަ އެބޯވްގެ ނިޒާމު ހިނގާ ގޮތް:

"ކަމުދާ ކެންޑިޑޭޓަކު ނެތް" ނުވަތަ "ނަން އޮފް ދަ އެބޯވް" އޮޕްޝަން ބޭނުންކުރާ ގައުމުތަކަށް ބަލާއިރު ބައެއް ގައުމުތަކަކީ ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.

ދެން ހިމެނެނީ ޕްރެފެންޝަލް ވޯޓިން ސިސްޓަމް އޮންނަ ގައުމުތަކެވެ. އޭގެ ތެރޭގައި ރިޔާސީ ނިޒާމު ހިމެނޭ ގައުމުތަކާއި ބަރުލަމާނީ ނިޒާމު ފަރިތަކުރާ ގައުމުތައް ހިމެނޭއިރު ދެ ނިޒާމުގެ ސިފަތައް މަސްހުނިކޮށް އެކުލަވާލާފައި އޮންނަ ނިޒާމަކަށް އަމަލުކުރާ ގައުމުތައް ވެސް ހިމެނެ އެވެ.

ޕްރެފެންޝަލް ސިސްޓަމްގައި ވޯޓު ދޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓް ކޮށްގެނެވެ. ވޯޓުލާ ކޮންމެ މީހަކަށް ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ. އިންތިހާބު ކާމިޔާބު ކުރާނީ އެންމެ ގިނަ މީހުން "އެކެއް" ގޮތުގައި ބަލައިގަންނަ ކެންޑިޑޭޓެވެ.

އޭގައި ވެސް 50 އިންސައްތަ ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ އެވެ. އަދި 50 އިންސައްތަ ރައްޔިތުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ "ދޭއް" ރޭޓިން ދިން ގޮތަށެެވެ. "ދޭއް" ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުލައެވެ. "ދޭއް" ރޭޓިންއަށް ފަހު ވެސް 50 އިންސައްތަ ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ހަމަ ކުރިއަށް ދާނެއެވެ. އާންމު ގޮތެއްގައި ފުރަތަމަ ބުރުން މީގައި ނަތީޖާ ނެރެވޭނެ އެވެ.