Advertisement

ހިންގުން ދޯހަޅި، ފުޓްބޯޅަ އާއި ބެޑްމިންޓަންގެ މުސްތަގުބަލު ވާނުވާގައި

2 އޭޕްރީލް 2024 - 14:06 3

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ (ކ) އާއި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް.


ހިންގުން ދޯހަޅި، ފުޓްބޯޅަ އާއި ބެޑްމިންޓަންގެ މުސްތަގުބަލު ވާނުވާގައި

2 އޭޕްރީލް 2024 - 14:06 3

ރާއްޖޭގެ ކުޅިވަަރުގައި މަތީ ފަޑީގައި ގުނާލެވޭ ކާމިޔާބު ހޯދައިފައިވާ ދެ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އާއި ބެޑްމިންޓަންގެ ހާލަތު މި ވަގުތު އޮތްގޮތަކީ، އެ ދެ ކުޅިވަރުގެ ގައުމީ ބެލެނިވެރި ފަރާތުގެ ޒިންމާ ހަވާލުވެފައި އޮތް، ގައުމީ އެސޯސިއޭޝަންތަކުގައި މި ވަގުތު އޮތް ލީޑަޝިޕާ މެދު އާންމުންގެ އިތުބާރު ގެއްލުމެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްކަން ތިން ވަނަ ދައުރަަކަށް ފުރުއްވަމުން އަންނަ މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގައި، އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުގެ ކަންކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި، ފާސްކޮށްފި އެވެ.

މޫސަގެ ތިން ވަނަ ދައުރުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެކަމަކު، ބެޑްމިންޓަން އިންތިހާބުގެ މަސައްކަތް ކޮމިޝަނާ އޮފް ސްޕޯޓްސް އާއި އޭސީސީން ވަނީ މަޑުޖައްސާލަން އަންގައިފަ އެވެ. މިހާރު އެސޯސިއޭޝަން ކުރިއަށްދާނެ ގޮތެއް، ގާނޫނީ ލަފާ ހޯދައިގެން ކުރިއަށްދާނެ ފައްތަރަކަށް އޮތީ ގޮސްފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ދެ ވަނަ ދައުރަކަށް އަދާކުރައްވަމުން އަންނަ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ މައްސަލައިގައި ވަނީ ދައުވާ އުފުލައިފަ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުން (ފީފާ އާއި އޭއެފްސީ އަދި އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކުން) ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ދޭ ފައިސާ، އަމިއްލަ މަންފާ އަށް ބޭނުންކޮށްފައިވާ ބައްސާމްގެ އިތުރު މައްސަލަތަކެއްގެ ތަހުގީގު ވެސް ދަނީ ކުރިއަށެވެ.

އެފްއޭއެމް އިން މި މަހު ބާއްވަން މަސައްކަތް ކުރަމުން އައި އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ފީފާ އާއި އޭއެފްސީން ވަނީ އަންގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން ފީފާ އާއި އޭއެފްސީގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ބެޑްމިންޓަނާއި ފުޓްބޯޅައިގެ ހާލަތު މި ގޮތަށް އޮތްއިރު، ކުރިއަށް އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި މޫސަ ވަނީ ނައިބު ރައީސަކަށް ކުރިމަތިލައިފަ އެވެ. ފުޓްބޯޅަ އިންތިހާބުގައި ބައްސާމް އަނެއްކާ ވެސް ރައީސްގެ މަގާމަށް ކުރިމަތިލެއްވި ކަމަށް މީޑިއާ އަށް މައުލޫމާތު ލިބިފައިވެ އެވެ.

ޔަގީންކަމާ އެކު، އެނގޭ ކަމަކީ، ފުޓްބޯޅަ އާއި ބެޑްމިންޓަން މި ވެއްޓިފައި އޮތް ދަށް ހާލަތުގެ ޒިންމާ ބައްސާމް އާއި މޫސަ ނަންގަވަން ޖެހޭ ކަމެވެ.

މިއީ، ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން ވެސް ރަން މެޑަލް ގެނެސްފައިވާ ރާއްޖޭގެ ބެޑްމިންޓަން މި ވަގުތު އޮތް ހާލަތާއި، ދެކުނު އޭޝިއާ ސަރަހައްދުގެ ޗެމްޕިއަންކަން، ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ނާޒުުކު ފައްތަރެވެ.

ނުފޫޒު ފޯރުވޭ ގޮތަށް ހަދާފައިވާ އަސާސީ ގަވާއިދުތައް "ނިވައިފަތްގަނޑަކަށް"

ބެޑްމިންޓަން އެސޯސިއޭޝަނާއި ފުޓްބޯލް އެސޯސިއޭޝަންގެ ވެސް މައްސަލައިގެ އަސްލު ގުޅިފައި އޮތީ ދާދި އެއް ކަހަލަ ކަންތައްތަކަކާ އެވެ.

އެއީ، އެސޯސިއޭޝަންތައް ހިންގާ ގަވާއިދު ހަދާފައި އޮތީ، ރައީސް ނުވަތަ ލީޑަޝިޕަށް ނުފޫޒު ފޯރުވޭ ގޮތަށް އަމިއްލަ މަންފާ އަށެވެ. އެހެންކަމުން، މިއީ ޒަމާނުއްސުރެ ހައްލުނުކޮށް އޮތް މައްސަލަތަކެއްގެ ސަބަބުން ގޯހުން ގޯހަށް ގޮސްފައި އޮތް ކަމެކެވެ.

ބެޑްމިންޓަނާއި ފުޓްބޯޅައިގެ ހިންގުން ހަލާކެއްގެ ތެރެއަށް ދޫވިޔަސް ހެޔޮކަމަށް އެ އެސޯސިއޭޝަނާ މި ވަގުތު ހަވާލުވެތިބި ފަރާތްތައް ތިބީ، އެ ކުޅިވަރުގެ މުސްތަގުބަލަށް ބެލުމެއް ނެތި، އަމިއްލަ މަސްލަހަތަށް ބުރަވެ، ހަދާފައި އޮތް އަސާސީ ގަވާއިދުގެ މާއްދާތަކުގައި ހިފައިގެންނެވެ. އެއީ، ޒަމާނުއްސުރެ މަގާމުގެ ރައްކަލަކަށް ބައްޓަންކުރި އަސާސީ ގަވާއިދަކަށް ވެފައި އޮތުމުން، ހުޅުވިފައި އޮތް ދޮރެކެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކަށް ބަލާއިރު، އެ ޖަމިއްޔާއެއް ހިއްގާ ގަވާއިދު/ އަސާސީ ގަވާއިދު ވެފައި އޮންނަނީ އެ ތަނެއްގެ ވެރިންނަށް ހެޔޮވަރުކޮށް ފަހާ "ހެދުމަކަށް" ކަމަށެވެ.

މަރޭ، މި ހިޔާލުފާޅުކުރެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދާއި ހިންގުމުގެ ތެރޭގައި ހުރި ހިޔާލުތަފާތުވުމުގެ ހަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމަށް ފަހު އެވެ.

"ކުޅުންތެރިންގެ މަންފާ އަށް، އެ މީހުންގެ ކުރިއެރުމަށް. ގަވާއިދު ނެހެދެންޏާ އެއީ ކުޅިވަރު އެސޯސިއޭޝަނެއް ނޫން. ކޮންމެ ވެސް އެހެން އެއްޗެއް،" 12 އަހަރު ކުޅިވަރުގެ އިސް މުއައްސާއެއް ކަމަށްވާ، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި މަރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަރާތަކުން، ކުޅިވަރުގެ ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި "އަދަދު" އަށް ބުނީ، މީގެ އެންމެ ބޮޑު މައްސަލަ އަކީ، 2015 ގައި ވުޖޫދުވި ކުޅިވަރު ގާނޫނަށް ބާރު ލިބެންޖެހޭ ކަންކަން އެންމެ އެކަށޭނެ ގޮތުގައި ބަރާބަރަށް ކޮންފައިނެތުން ކަމަށެވެ.

އެ ގޮތުން، އެންމެ މުހިންމު ކަންތައްތައް ކަމަށްވާ އާބިޓްރޭޝަންގެ މަސައްކަތް މިއަދާ ހަމައަށް ވެސް ކުރަން ޖެހޭ ގޮތަށް ކުރެވިފައި ނެތުމުން، ކުޅިވަރުގެ ހިންގުމުގެ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކަށް އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރަން ޖާގަ ލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފުޓްބޯޅަ އާއި ބެޑްމިންޓަންގެ މިހާރު އޮތް ހާލަތުން އަރައިގަންނަން އެންމެ އިސްކޮށް މަސައްކަތް ކުރަން ޖެހޭނެ އެއް ފަރާތަކީ ކޮމިޝަނާ އޮފް ސްޕޯޓްސް އެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ގާނޫނާ އެއްގޮތަށް ހިނގައިތޯ ކަށަވަރުކުރަން އޮތް ބޮޑު ޒިންމާ ކޮމިޝަނާ އޮފް ސްޕޯޓްސް ބޮލުގައި އެޅިފައި އޮތްއިރު، އެސޯސިއޭޝަންތަކަށް ފާރަވެރިވުމުގެ ކަންކަން ބަރާބަރަށް އަދާކުރުމުގައި މިއީ، ސްޕޯޓްސް ކޮމިޝަނަރު ވަރަށް ސާބިތުވެ، ހުންނަން ޖެހޭނެ ދަނޑިވަޅެކެވެ.

"މީގެ ހަގީގަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ ފަރާތެއް، ކޮމިޝަނާ އޮފް ސްޕޯޓްސް އަކީ، ފުޓްބޯޅަ އާއި ބެޑްމިންޓަންގެ މުސްތަގުބަލު، ޖީލުތަކެއްގެ ކުރިމަގު ގުޅިފައި މި އޮތީ، މި ދެ ކުޅިވަރު މިހާރު އޮތް ހިސާބުން ދެން ކުރިއަށްދާ ގޮތަކާ އެކީ. މިހާ ހިސާބަށް ކަންކަން ދިޔައީ ސްޕޯޓްސް ކޮމިޝަނަރުން އެންމެ ރަނގަޅު ގޮތުގައި މަގާމުގެ ޒިންމާ އަދާކޮށްފައިނުވާތީ،" ކުޅިވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް މިހާރު އޮތް ހާލަތުގެ ޝަކުވާ ހިއްސާކުރި އެވެ.

ރާއްޖޭގެ އެންމެ ގިނަ ޒުވާނުން އެ ކުޅިވަރަކުން އާމްދަނީ އަށް ބަރޯސާވެފައި އޮންނަނީ ފުޓްބޯޅަ އަށެެވެ. އެކަމަކު، ފުޓްބޯޅައިގެ ދެން އޮތް ސީޒަނެއް ފަށާނެ ތާރީހެއް ނޭނގޭއިރު، ގައުމީ ޓީމުތަކުގެ ހަރާކާތެއް ވެސް ނެތެވެ.

ސޯޝަލް މީޑިއާ ބަލާލުމުން ފުނިޖެހޭ ވަރަށް ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ ޝަކުވާ އޮތް ކަމުގައި ވިޔަސް، ފުޓްބޯޅަ އަށް ވާނެ ގޮތެއް ސީދަލަށް ބުނެވޭނެ ވަކި ފަރާތެއް ނެތެވެ. ފުޓްބޯލް އެސޯސިއޭޝަންގެ ކަލަންޑަރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައިވާއިރު، އޭގެ މައުލޫމާތެއް މީޑިއާ އަކަށް ޓީމަކަށް އަދި ކުޅުންތެރިއަކަށް ވެސް ނެތެވެ. އެއިރަކު ބޭނުންވާ ކަމެއްގައި ފުޓްބޯޅަ އެސޯސިއޭޝަނުން މީޑިއާ އަށް މައުލޫމާތު ދީ ހަދަ އެވެ. އެކަމަކު، ކުޅުންތެރިންގެ ހައްގު ކަށަވަރުކުރުމަށް ބަލާއިރު ފުޓްބޯޅަ ފެންނަނީ ފަހަރަކަށް ވުރެ ފަހަރެއް ފަހަތައް ސޮއްސާލާތަނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕްގެ އަމަލުތައް މި ވޭތުވެދިޔަ އަހަރުތަކުގައި ހުރި ގޮތަށް ބަލާއިރު، ލީޑަޝިޕް ރުހޭ ބަޔަކަށް (ޓީމަކަށް ކުޅުންތެރިންނަށް) ބޭނުން ފުރުސަތެއް އޮވެ އެވެ. ނުރުހޭ ފަރާތްތަކަށް، އޮތް ފުރުސަތެއް ވެސް ވަނީ ފަހަރަކަށް ވުރެ ފަހަރެއް ހަންޏެވެ.

ބެޑްމިންޓަން ކޮމިއުނިޓީގެ މެޖޯރިޓީ، މިހާރު އޮތް ލީޑަޝިޕާ ދެކޮޅަށް، އެއް ފަޅިއެއްގައި މި ވަގުތު މަސައްކަތް ކުރަމުން އެ އަންނަނީ އެ ކުޅިވަރަށް އިތުރު ހަަޑި ނަމެއް ނުލިބޭނެހެން ކަންކަން ކޮށްގެން، ވެސް އެ ކުޅިވަރު ސަލާމަތް ކުރާށެވެ. އަންނަން ތިބި ޒުވާން ކުޅުންތެރިންނާއި މިހާރު ތިބި ކުޅުންތެރިންގެ ކެރިއަރުގެ ހައްގުގަ އެވެ.

ފުޓްބޯޅަ އާއި ބެޑްމިންޓަން އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުލާހިކު ފޯރި އެބަހުއްޓެވެ. އަމިއްލަ ޖީބުން ހަރަދުކޮށް، މި ދެ ކުޅިވަރުގެ މުސްތަގުބަަލަށްޓަކައި، މުހިންމު މަސައްކަތްތަކެއް ފަށައިގެން ތިބި އެތައް ބައެއް އެބަތިއްބެވެ. އެކަމަކު، އެ ފަރާްތްތަކުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، މުސްތަގުބަލަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރާއިރު، މީގެ ޒިންމާ އެންމެ ބޮޑަށް ބޮލުގައި އެޅިފައި އޮތް ފަރާތްތައް، އެ ކުޅިވަރެއްގެ ގައުމީ އެސޯސިއޭޝަންތައް އޮތް ހާލަތެވެ.