Advertisement

ދިގުފަރުފަޅުގައި ރިސޯޓު ހިންގަން 11 ރަށާއި 24 ފިނޮޅު ހިއްކަނީ

3 އޭޕްރީލް 2024 - 11:56 0

އަމަން ހަލީމް

އަމަން ހަލީމް

ނ. ދެކެނަންފަރާއި ދިގުފަރުފަޅު: މިތަނުގައި ހިންގަނީ އަލްޓްރާ ލަގްޒަރީ ރިސޯޓެއް -- ފޮޓޯ: ގޫގުލް އާތު


ދިގުފަރުފަޅުގައި ރިސޯޓު ހިންގަން 11 ރަށާއި 24 ފިނޮޅު ހިއްކަނީ

3 އޭޕްރީލް 2024 - 11:56 0

ރިސޯޓެއް ތަރައްގީކުރަން 99 އަހަރަށް ދޫކޮށްފައިވާ ނ. ދެކެނެންފަރާއި ދިގުފަރުފަޅުގައި ހިންގާ މަޝްރޫއުގެ ދަށުން ދިގުފަރު ފަޅުން 11 ރަށާއި 24 ފިނޮޅު ހިއްކަން ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ދައްކައިފި އެވެ.

ދެކެނެންފަރާއި ދިގުފަރުފަޅަކީ ސަރުކާރުގެ މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދަން ހުޅުވައިލި ފުރުސަތުގެ ދަށުން ސްވިޒަލެންޑްގެ ޔަނިކް ރޮބަޓް ލުއިސް ޖިއަނާޑާއަށް ދޫކުރި ފަޅެކެވެ. މިހާރު މި ފަޅުގެ ހައްގުތައް އޮތީ އޭނާ ހިއްސާވާ ކުންފުންޏާއި ޕިއޭ ޖޯން ކްލޯޑް އެންޓޮއިން ފޯނެޖް ކިޔާ މީހަކު ހިއްސާވާ ކްރިސްޓަލް ހޯލްޑިންސް ޕްރިވެޓް ލިމިޓެޑް އަތުގަ އެވެ.

ކްރިސްޓަލް ހޯލްޑިންސްއިން އެންމެ ފަހުން ހުށަހަޅާފައިވާ ކޮންސެޕްޓުގެ ދަށުން ބޮޑު ރަށްތައް ބޭނުންކުރާނީ ގެސްޓު ކޮޓިރިތަކަށެވެ. މުވައްޒަފުން ބައިތިއްބާނީ ވަކިން އޮންނަ ސާވިސް އައިލެންޑްގަ އެވެ. ފިނޮޅުތަކުގައި އެއްވެސް އިމާރާތެއް ނުހުންނާނެ އެވެ.

ދިގުފަރު ފަޅުން ހިއްކާ ރަށްތައް

  • ރޯޔަލް އައިލެންޑް - 8 ހެކްޓަރު
    • ޕްރައިވެޓް އައިލެންޑް 1 - 2.4 ހެކްޓަރު
    • ވީއައިޕީ އައިލެންޑް 1 - 10.2 ހެކްޓަރު
    • ވީއައިޕީ އައިލެންޑް 2 - 12.7 ހެކްޓަރު
    • ވީއައިޕީ އައިލެންޑް 3 - 8.4
    • ރިސޯޓު އައިލެންޑް 3 - 11.7 ހެކްޓަރު
    • ރިސޯޓު އައިލެންޑް 2 - 15 ހެކްޓަރު
    • ރިސޯޓު އައިލެންޑް 1 އާއި ސާވިސް އައިލެންޑް - 25.7 ހެކްޓަރު
    • ޕްރައިވެޓް އައިލެންޑް 3 - 1.5 ހެކްޓަރު
    • ޕްރައިވެޓް އައިލެންޑް 1.45 ހެކްޓަރު

    ދިގުފަރުފަޅުގެ އުތުރުން އޮންނަ ދެކެނެންފަރުގައި އެއްވެސް ގެސްޓު ކޮޓަރިއެއް ތަރައްގީނުކޮށް، އެ ރަށް ހާއްސަކުރަނީ ގެސްޓުންނަށް އެކްސްކާޝަން ހިންގުމަށެވެ.

    ދިގުފަރުފަޅުގައި ހިއްކާ ރަށްތައް: މިތަނުން ގިނަ ރަށްތައް ހުންނަނީ ފާލަމަކުން ގުޅާލާފައި --- ފޮޓޯ: އީއައިއޭ ރިޕޯޓު


    މި ރިސޯޓު ތަރައްގީކުރާ ކުންފުނިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ގެސްޓުން އުފުލަން ހެލިޕެޑެއް ގާއިމުކުރުން ހިމެނެ އެވެ. ނަމަވެސް މިކަމަށް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައި ނުވާ ކަން އީއައިއޭގައި ފާހަގަކޮށްފައިވެ އެވެ.

    އީއައިއޭގެ އުސްއަލިތައް

    • ދިގުފަރު ފަޅުގެ ބޮޑުމިން - 751 ހެކްޓަރު
    • ހިއްކާ ސަރަހައްދުގެ ބޮޑުމިން - 122 ހެކްޓަރު
    • ބިން ހިއްކުމުގެ މަސައްކަތް ފަށަނީ - އޭޕްރީލްގައި
    • ބިން ހިއްކަން ހޭދަވާނެ މުއްދަތު - ހަ މަސް
    • ބިން ހިއްކަން ބޭނުންވާނެ ވެލި - 4.2 މިލިއަން ކޮޑިމީޓަރު

    ދިގުފަރު ފަޅުގައި ތަރައްގީކުރާ ރިސޯޓު މަޝްރޫއަށް ދީފައިވާ ނަމަކީ އައިލާ (Ayla) މޯލްޑިވްސް އެވެ.

    މި ރިސޯޓުގެ ގެސްޓު ރަށްތަކުގައި ހުންނަ ގެސްޓު ކޮޓަރިތަކާއި ދެ ރަށް ދޭތެރޭ ހުންނަ މޫދު ކޮޓަރިތައް ހިމެނޭހެން 262 ކޮޓަރި (524 އެނދު) ގާއިމްކުރެވިގެންދާނެ އެވެ. މިތަނުގައި ހިންގަނީ "އަލްޓްރާ-ލަގްޒަރީ" ރިސޯޓެއް ކަމަށް ކްރިސްޓަލް ހޯލްޑިންސްގެ ހުށަހެޅުމުގައިވެ އެވެ.

    ނ. އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ ދެކެނަންފަރާއި ދިގުފަރުފަޅަކީ ގިރާވަރު ފަޅު ރެސިޑެންޝަލް ސިޓީ ތަރައްގީކުރަން ފައިސާ ހޯދަން ކުރީ ސަރުކާރުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރި ތަނެކެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަޅާއި ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 22 މިލިއަން ޑޮލަރު، އަދި ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރަން 5 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.

    މިތަނުގައި ރިސޯޓު ހިންގަން ފެށުމުން ކުލީގެ ގޮތުގައި އަހަރަކު 1.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.