Advertisement

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގަން ހެދި އެއްބަސްވުން ބާތިލުކުރާނެކަން ޗައިނާ ކުންފުންޏަށް އަންގާނަން: ފައްޔާޒް

1 އޭޕްރީލް 2024 - 21:19 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގަން ހެދި އެއްބަސްވުން ބާތިލުކުރާނެކަން ޗައިނާ ކުންފުންޏަށް އަންގާނަން: ފައްޔާޒް

1 އޭޕްރީލް 2024 - 21:19 1

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި އެއްބަސްވުން (އެމްއޯޔޫ) އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެކުންފުންޏަަށް އަންގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އަދަދު"ގެ "ކުޅިކޮށް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ އެ އެގްރިމެންޓް ބާތިލުކުރާނީ އުތުރުތިލަފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތިދޭ ތަނަކަށް ހެދުމަށް ޓަކައި ކަމަށެވެ. އެހެން ނަމަވެސް ޗައިނާގެ ކުންފުންޏަށް އެކަން އަންގާނީ އެ އެއްބަސްވުމުގެ މައުލޫމާތު ސާފުވޭތޯ މަސައްކަތް ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެހާސް އަށާވީހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެފައި އެތަން ބަދަލުކުރާނަން، މާލޭ ރައްޔިތުންގެ ގޯތިދޭ ތަނަކަށް. އެހެންވީމާ އެ އެގްރިމެންޓް އަޅުގަނޑުމެން ބާތިލުކުރާނަން، އަޅުގަނޑުމެން އަދި ޗައިނާގެ ކުންފުންޏަށް ވެސް އެކަން އަންގާނަން،" ފައްޔާޒް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިން އެމްއޯޔޫއެއްގައި ސޮއިކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކުގަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އަކީ ދައުލަތުގެ ފަސް ކުންފުންޏއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އެކެވެ. އެ ވެންޗާގައި ހިމެނެނީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ޝިމާދު އިބްރާހީމެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ޗައިނާގެ ކުންފުންޏާ އެކު މަސައްކަތް ކުރާނީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެއީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދެކެވެ.

އެއީ އެފަދަ މަޝްރޫއެއް ކަމަށް ވާއިރު، އެ މަޝްރޫއު ހިންގަން ސަރުކާރުން އުތުރު ތިލަފަޅު އިޚުތިޔާރު ކުރި ސަބަބާ މެދު ފައްޔާޒް ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅަކީ ވަރަށް މުހިއްމު ބޭނުމަކަށް އެމްޑީޕީގެ ސަރުކާރުން ހާއްސަ ކުރިތަނެކެވެ. އެއީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ މީހުންނަށް ގޯތި ދޫކުރުމެވެ.

"ވަރަށް މުހިއްމު އެހެން ކަމެއް ކުރެވެން އޮތް ތަނެއް، ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުންޏަކަށް ދޭތީ އަޅުގަނޑު ވަރަށް ހައިރާންވެފައި މި އިންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއު ހިންގޭނެ ރަނގަޅު އެހެން އެތައް ރަށެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިރު އިގުތިސާދީ ގޮތުން ވެސް ރަނގަޅީ އޭގެ ތެރެއިން ރަށެއްގައި ހިންގުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އެތަންތަނުން ދަނޑުވެރިކަމަށް ދޭންވީނު؟ ހިއްކާކަށް ވެސް ނުޖެހޭނެ، ބޮޑެތި ސިންގާހާ ރަށްތައް، ހަމަ ހުސްކޮށް އެބަހުރި،" ފައްޔާޒް ވިދާޅުވި އެވެ.