Advertisement

ޕާޓީ ބަދަލުކުރުމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފި

1 އޭޕްރީލް 2024 - 14:39 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޕާޓީ ބަދަލުކުރުމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފި

1 އޭޕްރީލް 2024 - 14:39 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު މިއަދު އެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 33 މެމްބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. އެ ބިލާ ދެކޮޅަށް ހަ މެމްބަރުން ވޯޓު ދެއްވި އެވެ. މިއީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުالله ހުށަހެޅުއްވި ބިލެކެވެ.

ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ މި ބިލަށް ކޮމިޓީން ތިން އިސްލާހެއް ގެނަ އެވެ. ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން ބިލު ދިރާސާކުރިއިރު އޭގައި ހިމެނެނީ ހުސް އެމްޑީޕީ މެމްބަރުންނެވެ. އެއީ ބިލު ދިރާސާކުރަން ހެދި ކޮމިޓީގައި ތިބުމަށް އެހެން ޕާޓީތަކުގެ މެމްބަރުން އުޒުރުވެރިވުމުންނެވެ.

މި ބިލަށް ވޯޓަށް އެހޭނީ 44 މެމްބަރުން ހަމަވެގެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއްގައި ފާހަގަކުރެއްވި އެވެ. ވޯޓަށް ފަހު ނެންނެވި ނިޒާމީ ނުކުތާގައި އޭނާ ފާހަގަކުރެއްވީ މިއީ ރައްޔިތުން އެކަމަކަށް އަމަލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް, ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވޯޓަށް އަހާފައި ވަނީ މަޖިލީހުގެ އިދާރާއާ އެކަމާ ގުޅޭ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މެމްބަރުކަމުން ވަކިވާ ހާލަތްތައް ބަޔާންކޮށްފައި ވަނީ އެންޓި ޑިފެކްޝަން ބިލުގެ ތިންވަނަ މާއްދާގަ އެވެ. އެގޮތުން, މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.

އޭގެ ފަހަތަށް އޮން ތިންވަނަ މާއްދާގެ ރ. ގައި އޮތީ މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ޕާޓިއަކާ ގުޅިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބެހެއްޓުމާ މެދު ފެންނަ ނުފެންނަ ވޯޓަށް ނެގުމަށެވެ.

އެހެން އޮތް މާއްދާއަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

އޭގެ ފަހަތަށް އިތުރުކޮށްފައި ވަނީ ކޯޓަށް މައްސަލަ ހުށަނާޅާނަމަ އީސީން މަޖިލީހަށް އެންގުމުން މެމްބަރު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އަދި, އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެކަން އީސީން އެންގުމުން އެ މީހަކު އިސްތިއުފާ ދޭން ޖެހޭ ވަނީ ބަދަލުކޮށްފަ އެވެ.

މި ގޮތަށް ބިލު ބަދަލުކުރީ ރިކޯލް ވޯޓެއް ނަގާނަމަ ބައި-އިލެކްޝަންތަކަށް ދާ ހޭދަ އިތުރުވާނެތީ އެއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމެއް ކަމަށްވާތީ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރައްވާނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ. ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ މިފަދަ ބިލަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފަ އެވެ.

"އަޅުގަނޑުމެންނާ އެމްޑީޕީއިން މެންބަރުތަކެއް ބަދަލުވި ވާހަކަ، އެބޭފުޅުން ހަމަ ވަރަށް ޖާއިޒު ސަބަބަތަކެއް އޮވެގެން ބަދަލުވެގެންދިޔައީ، ދެން އުސޫލެއްގެ މަތިން އެންމެ ރަނގަޅު ގޮތް އަޅުގަނޑުވެސް ގަބޫލުކުރާގޮތުގަ އިންތިހާބުވެފައިވެފަ ހުންނަ ޕާޓީގަ ހުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެންބަރުކަން ލިބެނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ވަކި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށާއި އެ ތާއީދު ލިބުނު އަސާސްތައް ދޫކޮށްލައި އެހެން ޕާޓީއަށް ދިޔުމަކީ އެކަން އޮންނަންވާނެ ގޮތް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.