Advertisement

ކުޅުންތެރިއަކު މަދުކޮށް ކުޅެ ޕީއެސްޖީން މާސޭ ބަލިކޮށްފި

1 އޭޕްރީލް 2024 - 12:44 0


ކުޅުންތެރިއަކު މަދުކޮށް ކުޅެ ޕީއެސްޖީން މާސޭ ބަލިކޮށްފި

1 އޭޕްރީލް 2024 - 12:44 0

ޕެރިސް (އޭޕްރީލް 1) - ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ޕީއެސްޖީން ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ލޫކަސް ބެރާލްޑޯ އަށް ދެއްކި ރަތް ކާޑާ އެކު ޕީއެސްޖީން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބެރާލްޑޯ އަށް ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެ މާސޭގެ ކުޅުންތެރިއަކަށް ކުރި ފައުލާއި ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ހަތަރު ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ވެސް ދައްކައިފަ އެވެ. އެހެންވެ, ޕީއެސްޖީ އިން މި މެޗުގެ ބާކީ ބައި ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ.

މެޗުގައި ޕީއެސްޖީ އިން ލީޑު ނެގީ މެޗުގެ 53 ވަނަ މިނެޓުގައި ވިޓީނިއާ ޖެހި ގޯލުންނެވެ. މިއީ ކައުންޓަ އެޓޭކުގައި އޮސްމާން ޑެމްބެލޭ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ވިޓީނިއާ ޖެހި ލަނޑެކެވެ.

މި ގޯލަށް ފަހު ވެސް ޕީއެސްޖީ އަށް ހަމަޖެހިލައިގެން ކުޅެވޭ ގޮތް ނުވެ އެވެ. މާސޭ އިން ވަނީ މެޗުގެ ދެ ވަނަ ހާފުގައި ވެސް ނުރައްކާތެރި ހަމަލާ ތަކެއް ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. އެކަމަކު، މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޕީއެސްޖީގެ ފޯވާޑް ގޮންޒާލޯ ރާމޯސް ޖެހި ގޯލުން އެ ޓީމުން ލީޑު ފުޅާކުރި އެވެ. މިއީ މާކޯ އަސެންސިއޯ އެހީތެރިކަމާއެކު ރާމޯސް ޖެހި ގޯލެކެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އިން ލީގު ތާވަލުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކު އޮތީ ކުޅުނު 27 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބްރެސްޓުން 27 މެޗުން 50 ޕޮއިންޓް ހޯދާފައިވާއިރު, ތިން ވަނައިގައި މޮނާކޯ އަށް ވަނީ 27 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.