Advertisement

އައްޑޫ ބަހުރުވައިގެ ސަމާސަ ސިފަކުރުން؛ އިރިދަށި ފެރެއިތާ ކުމަރީ ބަލަގެން ހިންނަ ލެކަށް

2 އޭޕްރީލް 2024 - 08:01 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


އައްޑޫ ބަހުރުވައިގެ ސަމާސަ ސިފަކުރުން؛ އިރިދަށި ފެރެއިތާ ކުމަރީ ބަލަގެން ހިންނަ ލެކަށް

2 އޭޕްރީލް 2024 - 08:01 0

މިސާލު ބަހަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ހާއްސަ ބަހާއެކެވެ. އިހަށް ހިނގާފައި އޮތްކަމަކަށް ނިސްބަތްކޮށް ފަހުން ހިނގާ ހާދިސާއެއް ނުވަތަ ކަމެއް ސިފަކުރުމަކީ މިސާލުޖެހުމެވެ. ނުވަތަ ފަދަ ކުރުމެވެ.

އަދަބީ އުކުޅެއްގެ ގޮތުގައި މިސާލު ބަސް އެންމެ ފުރަތަމަ ބޭނުންކުރެއްވީ ބަހަވީ އިލްމާއި، ތަފްސީރު އިލްމުގެ އިލްމުވެރިޔާ އަލްއިމާމު އަލްޒަމަޚްޝަރީ، އޭނާގެ 'މުސްތަޤްޞާ" އޭ ކިޔުނު ފޮތުގަ އެވެ. އެ ފޮތުގައި މިސާލު ބަހުގެ ތައާރަފްގައި، ކުރިން ހިނގި ހާދިސާއަށް ކިޔާނީ 'މައުރިދުލްމިސްލު' ކަމަށާއި، ފަހުން ހިނގި ހާދިސާއަށް ކިޔާނީ 'މަޟްރަބުލް މިސްލު' ކަމަށް ޒަމަޚްޝަރީ ލިޔުއްވާފައި ވެެއެވެ. އެއީ މިސާލު އުފެދުނު ހާދިސާ އާއި، އެ އެ ހާދިސާއާ އެއްގޮތްވާ ފަހު ހާދިސާ އެވެ.

މީހަކު ނުވަތަ އެއްޗެއް ސިފަކުރުމަށް ބޭނުންކުރާ މިސާލަކުން ނުވަތަ ފަދައަކުން އެ އެއްޗެއް ނިކަން ރަނގަޅަށް ސިފަވެގެން ދާނެ އެވެ. މަޑު ކަފަ ކޮޅެއްހައި މަޑޭ ބުނީމާ ކަފައަކީ ކޮންއެއްޗެއްކަން ދަންނަ މީހަކަށް އެކަން ސިފަވެގެންދާނެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ހާއްސަ މިސާލުބަސް ހުރެ އެވެ. އެހެންނަމަވެސް އެ މިސާލު ބަސްތައް ޖަމާކޮށް، ފޮތެއްގެ ގޮތުގައި އެކުލަވާލެވިފައި ހުންނާތީ ފެންނަނީ ވަރަށް މަދުންނެވެ. މިގޮތަށް ފެނުނު އެއް ފޮތަކީ ދިވެހިބަހުގެ އެކަޑަމީން ޝާއިއުކޮށްފައިވާ 'މިސާލަ ބަސް' ފޮތެވެ. ފޮތުގެ މުސައްނިފަކީ ހަސަން ލަބީބު އެވެ. މިފޮތުގައި ކިޔައިދީފައި ހުރީ އައްޑު ބަހުރުވައިގައި ބޭނުންކޮށްއުޅޭ މުހާވަރާތަކެވެ. މަސައްކަތަކީ ވަރަށްވެސް ބޭނުންތެރި ތައުރީފު ހައްގު މަސައްކަތެކެވެ. އެހެންވީމާ މި ފޮތުގެ މުސައްނިފަށާއި ދިވެހި ބަހުގެ އެކަޑަމީއަށް ޝުކުރު ދަންނަވަމެވެ.

މި ފޮތުގައި އައްޑޫ ބަހުރުވައިގެ ވަރަށް ގިނަ މުހާވަރާތައް ކިޔައިދީފައި ހުރިއިރު، ހާއްސަ ދެތިން މުހާވަރާއެއް ފާހަގަކުރެވުނެވެ. މީހެއްގެ މޫނުމައްޗަށް ގެންނަ ބަދަލުތައް ސިފަކުރުމަށް ބޭނުންކޮށްފައިވާ މަޖާ މުހާވަރާތަކެވެ. ކަމަކާ ހާސްވެ ކަންބޮޑުވެފައި އިންނަ އިނުމާއި، ބަލަހައްޓައިގެން ހުންނަ ގޮތް ސިފަކުރާ މުހާވަރާތަކެވެ.

ކުކުޅާ އެރެނެމަހި ލީ ކިރިތާފާލި ގުއާހެން

މިސާލުގައި އެ ބުނަނީ އަނގަ ހީވަނީ ކުކުޅު މިދިޔަމަހު ރީފައި ހުރި ރަނޑާލި ގުޔެއް ހެންނޭ އެވެ. ކުކުޅު ގުއި ހުންނަނީ ކިހިނެއްކަން އަހަރުމެންނަށް އެނގެ އެވެ. މުށިޖެހި ތަޅުން މަތީ އުޅެ ބޮޑުވި ޖީލުގެ ކުދިންނަށް ފަހަރެއްގައި އެ 'ނަސީބު' ލިބިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރުމެން ބޮޑުވީ ގޭގައި ގެންގުޅޭ ކުކުޅު ރޭ ގުޔަށް ފައިން އެރިއިގެން އުޅެ އެވެ. ބައެއް ފަހަރު މާމޮޅު ބޭހެއް ކަމަށް ހަދައިގެންވެސް ބޭނުންކޮށްއުޅުނެވެ. އެހެންވީމާ ކުކުޅު ގުޔަށް އަހަރުމެންގެ ޖީލު ވަރަށް ފަރިތަ އެވެ. އެކަމަކު ނިމިދިޔަ މަހު ކުކުޅު ރީފައިހުރި ގުޔެއް މިމަހު ހުންނާނޭ ގޮތް ސިފަކުރާނޭ ލަފުޒެއް އިބާރާތެއް އަހަރެންނަކަށްވެސް ނޭނގެ އެވެ. ގައިމުވަނީ ކަމުދާ ސިފަޔަކަށް ނުހުންނާނެ ކަމެވެ.

މި ބަސް ބޭނުންކޮށްއުޅެނީ ބަސް ބުނާން ބޭނުންވެ އެކަމަކު ބުނާން ނުކެރި މާ ބޮޑަށް ލަދުން އުޅޭއިރު އަނގަ ހުރެދާނޭ ގޮތަކަށް ނިސްބަތްކޮށެވެ. ކުކުޅު މިދިޔަމަހު ރީފައި ހުރި ރަނޑާލި ގުޔެއްހެން އަނގަ ހަދައިގެން ނުހުރެ ތިޔަ ބުނަން އުޅޭ އެއްޗެއް ބުނާށޭ ބުނެ އުޅޭނެ އެވެ.

ކަނދިމަހި ކެއްކި ކަނދިތާހަކި އަނގަމަތިހެން

ކަނދި މަހަކީ މުހައްރަމު މަހެވެ. އެ މަހުގެ 10 ވަނަ ދުވަހަކީ މާތް ﷲ ފިރްއައުނުގެ ނުބައިކަމުން، މޫސާގެފާނާއި އެކަލޭފާނުގެ ގައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންވެ، އެކަމަށް ޝުކުރުވެރިވެ އެދުވަސް ހަނދުމަ ކުރުމުގެ ގޮތުން މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނު ކޮންމެ މުހައްރަމް މަހެއްގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވި އެވެ. މި އުއްމަތުގެ މުސްލިމުން އެ ރޯދަ ހިފަނީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު އެވެ.

އިހަށް ދިވެހިންގެ ތެރޭގައި އޮތް އާދަކާދަތަކުގެ ތެރެއިން އެ ދުވަހުގެ އެންމެ ހާއްސަ ކަމަކަށް އޮންނަނީ ކަނދި ކެއްކުމެވެ. ސަލަވާތް ކިޔެވުމާއިއެކު، އެ ދުވަހު ކައްކާ ކަންޖާއި އަޅައި ކުދިން ކިރުމަކީވެސް އޮތް އާދައެކެވެ. ބިދުއަވެރިކަމަކަށްވެގެން ފަހުން އެކަން ހުއްޓުނީ އެވެ.

އެ ދުވަހު ކައްކާ ކަންޖަކީ އަވަށްޓެރިންނާއި ތިމާގެ އެންމެނަށް ބަހާ ކަންޖަކަށްވާތީ ކަނދި ކައްކާނީ ނިކަން ބޮޑު ތާހެއްގަ އެވެ. ކަނދި ބެހުމާއި ކަންޖާ އަޅައި ކުދިން ކިރައި ނިމުމުން ކަނދި ކެއްކި ތާސް ދޮންނަން ހަވާލުވާނޭ މީހަކު ނުވެ، ބައެއް ފަހަރު އެ ހުރިގޮތަށް ހުރެދާނެ އެވެ. އެހެން ހުންނައިރު އެ ތާހުގެ ތެރޭގައި ބާކީހުރި ބައި ހިކި، ތާހުގައި ހަރުލައި ހުންނާނީ މާކަ ރީތި ގޮތަކަށް ނޫނެވެ.

ވަކި ކަމަކާ މީހަކު މާބޮޑަށް ކަންބޮޑުވެ ފިކުރުބޮޑުވެ އަނގަ ހުޅުވިފައި ހުންނަ ހުރުން ސިފަކުރުމަށް މިބަސް ބޭނުންކޮށްއުޅެ އެވެ. ކަނދިމަހު ކެއްކި ކަނދިތާހެއްގެ އަނގަމަތިހެން އަނގަ ހަދައިގެން އިނަކަސް ކަމެއް ހައްލެއް ނުވާނެ އެވެ.

އިރިދަށި ފެރޭތާ ކުމަރީ ބަލަގެން ހިންނެ ލެކައް

އިރުދަށު ފުރޭތައަކީ އިރުމަތިން ފެންނަ ފުރޭތަ އެކެވެ. އެ ފުރޭތަ އަރާކަމަށްވަނީ ކޮންމެ ހުކުރުވިލޭރެޔަކާއި ހޯމަވިލޭރެއެއްގަ އެވެ. މި ފުރޭތައަކީ މީހުންނާ ފޮށި އުޅޭ އެއްޗެއް ނޫނެވެ. އަރާ ގޮތަށް އަރައި އުދަރެހާވީ ފަރާތަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން ހުންނާނީ އެވެ.

އައްޑޫ ބަހުރުވައިގައި މި މިސާލުބަސް ބޭނުންކުރަނީ މާދުރުގައި ހުރި މީހަކު ހަދާ ނުހަދާ ބެލުމަށްޓަކައި އެމީހަކަށް ބަލަހައްޓައިގެން އެހެން ހުރިހާ ކަމަކުން ސަމާލުކަން ދޫކޮށްލައިގެން ހުންނަ ވަގުތުތަކުގަ އެވެ. ނުވަތަ ފިރިހެނަކު، އެ ކިޔާ ކަތި ނަޒަރުން އަންހެން ކުއްޖަކަށް ބަލަހައްޓައިގެން ހުންނަ ހުރުމަށްވެސް މި މިސާލު ބޭނުންކޮށް އުޅެ އެވެ.

އަނގަހީވެނީ މަލިކަލްއަރުޒެގެ މައިމީހާ އަނގަހެން

އައްޑޫ އަދި ހުވަދޫ ބަހުރުވައިގައި މައިމީހާ ނުވަތަ މައިމީހެ އަކީ މައިދައިތައަށް ވެސް ބޭނުންކުރާ ނަމެކެވެ. މި މިސާލުބަހުގައި މަލިކަލްއަޒުރެ އޭ އެބުނަނީ މަލިކުލް އަރުޟް ނުވަތަ ބިމުގެ ވެރިޔާއަށެވެ. ބިމުގެ ރަސްގެފާނަށެވެ. އެ ރަސްގެފާނުގެ މައިދައިތަގެ ވާހަކަ އެވެ.

މިއީ ކިހިނެއް ކޮން ވިސްނުމަކުން އުފެދުނު މިސާލު ބަހެއްތޯ ހޯދޭނޭ ހަމަ އެއްގޮތެއްވެސް ނޯންނާނެ އެވެ. މިސާލުބަހުގައި އެ ބުނަނީ އަނގަހީވަނީ މަލިކުލް އަރުޟްގެ މައިދައިތަގެ އަނގަހެންނޭ އެވެ. އާންމުގޮތެއްގައި މި ބަސް ބޭނުންކޮށް އުޅެނީ މާޔޫސްވެ ނުވަތަ ގަޔާނުވާ ގޮތް މޫނުމަތިން ދައްކައިގެން ހުންނަ ހުރުމަށް ނިސްބަތްކޮށެވެ. މި މިސާލު ފުރަތަމަ ޖެހި މީހާއަށް މަލިކުލްއަރުޟު އެނގި، އެ ރަސްގެފާނުގެ މައިދައިތައާ ބައްދަލުވެ އޭނާގެ އަނގަމަތި ހުރިގޮތް ފެނިފައި ވަނީ ތޯއްޗެކެވެ.

ގައުބޮލާ ބިޅިޔެ އިތިކޮއްލާއި އިންނެލެކައް

ގައުބޮލާ އަކީ ފަރުމަހުގެ ބާވަތެއް ކަމަށް ވެއެވެ. މި މަސް ބޭނުމަކީވެސް އުނދަގޫކަމެއް ނޫނެވެ. އެކަމަކު ބައެއް ފަހަރު ބުޅި ކަނޑާލާފައި ހިނގައިދާނެ އެވެ. ގައުބޮލާ ނޫނަސް މަހެއް މިހެން ހިނގައިދާނެ ނޫންތޯ އެވެ. އެކަމަކު މީހަކު މާބޮޑަށް ކަމަކާ ހިތާނުވެ ރުޅިއައިސްގެން ގޮސް މާ ދުރުގައި މީހަކާ އަނގައިން ނުބުނެ އިންނަނަމަ އެއިނީ ބުޅި ތެދުކޮށްލާފައި ގޮސް ގައުބޮލާ އިންނަ ގޮތަށެވެ.

މި ބަސްތައް އައްޑޫ ބަހުރުވައިން ވާހަކަ ދައްކާ އުޅޭ މިހާރުގެ ޖީލުގެ ކުދިން ބޭނުންކުރަނީ ކިހާ ނިސްބަތަކަށް ކަމެއް ނޭނގެ އެވެ. އަޅުގަނޑު ވާހަކަ ދައްކާލި ދެތިން ކުއްޖަކަށް މި ބަސްތަކެއް ނުވެސް އެނގެ އެވެ. އައްޑޫގައިވެސް މީހަކު މިބަސްތައް ބޭނުންކުރީތީ އަޑު ނާހާކަމަށްވެސް އެކުދިން ބުންޏެވެ. އެހެންވީމާ މި ބުނުންތައްވެސް މަޑުމަޑުން ހަނދާން ނެތެމުން ދަނީތާ އެވެ.

އެކަމަކު މިބަސްތައް ބޭނުންކުރުން މުނާސިބު ކިތަންމެ ހާލަތެއް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ތަޖުރިބާ ކުރެވޭނެ އެވެ. އެކަހަލަ ހާލަތެއްގައި މިފަދަ ސަމާސަ ސިފަކުރުމަކުން ފަހަރެއްގައި މާޔޫސްވެފައި އިން މީހާއަށް ހިނިތުންވުމެއް ގެނުވައި މާހައުލު އުފާވެރި ކުރުވަފާނެ އެވެ. އެކަމަކު މީގެ އަނެއްކޮޅުވެސް އޮންނާނެ އިނގޭ އެވެ. މި ސަމާސަތައް ކުރުމުގެ ކުރިން އަމިއްލައަށް މާހައުލު ވަޒަންކޮށް، ކިހާ މުނާސިބު ދަނޑިވަޅެއްތޯ ބަލާލާށެވެ. ރުޅިއައިސްފައި އިންނަ މީހާ އިތުރަށް ރުޅިއަރުވާލީމާ އޭނާ ތެދުވެގެން އައިސް 'ލަޑާއިރު ނިކަން ބާރަށް ލަޑަ' އެވެ.