Advertisement

މަގޫދޫ އެއާޕޯޓުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ހަފުތާއެއް ވެއްޖެ: ކައުންސިލް ރައީސް

31 މާރިޗު 2024 - 14:29 0

އަމަން ހަލީމް

އަމަން ހަލީމް

މަގޫދޫ އެއާޕޯޓުގެ އިމާރާތެއް: މި އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފެއް ނުވި -- ފޮޓޯ: އެމްޓީސީސީ


މަގޫދޫ އެއާޕޯޓުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ހަފުތާއެއް ވެއްޖެ: ކައުންސިލް ރައީސް

31 މާރިޗު 2024 - 14:29 0

ފ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

މަގޫދޫ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގަމުން އަންނަ މަޝްރޫއެކެވެ. ދައުލަތުގެ ބަޖެޓުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީކުރަނީ ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓުތަކަށް ހިދުމަތްދޭން ހާއްސަކޮށްގެންނެވެ.

މި އެއާޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމުގެ އަޑުތައް އިވޭތާ ދުވަސްތަކެއް ފަހުން، މި މައްސަލަ ގޯސްވެ މަގޫދޫ ރައްޔިތުން އިހުތިޖާޖަށް ނިކުންނަ ހިސާބަށް ކަންކަން ދިޔައީ މި ސަރުކާރުން އެއާޕޯޓު އަޅާ ރަށްތަކުގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫ ހިމެނުމުންނެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރަށް އިންތިހާއަށް ފާޑުވިދާޅުވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ތުހުމަތުކުރެއްވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލީ ނިލަންދޫ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ "އަމިއްލަ ކޮއްކޯފުޅަށް" ފާތިމަތު ސައުދާއަށް އިންތިހާބު ކާމިޔާބުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް ސަރުކާރާއި އެމްޓީސީސީން އަންނަނީ މި ވާހަކަ ދޮގުކޮށް، އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި ނުވާނެ ކަމަށް ބުނަމުންނެވެ.

މިކަމުގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވަން "އަދަދު" އިން ސުވާލުކުރުމުން އަބްދުﷲ ވަހީދު ވިދާޅުވީ ސައިޓުގައި އެއްވެސް މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށާއި ވީގޮތެއް ސާފުކުރަން ގުޅާއިރު ޕްރޮޖެކްޓު މެނޭޖަރު މިހާރު ފޯނަށް ޖަވާބުދާރީ ނުވާ ކަމަށެވެ.

"[ޕްރޮޖެކްޓުގެ މުވައްޒަފުން] ސައިޓަށް ވަދެ ސޮއިކޮށްލާފައި ނިކުމެގެންދާ މަންޒަރު ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

މަސައްކަތް ހުއްޓައިލުމުގެ ކުރިން ވެސް މަގޫދޫ ކައުންސިލުން ވަނީ މި ޕްރޮޖެކްޓާ ގުޅޭގޮތުން ސަރުކާރުން ވިސްނާ ގޮތެއް އޮޅުންފިލުވަން މަސައްކަތްކޮށްފަ އެވެ. އަބްދުﷲ ވަހީދު ވިދާޅުވި ސީދާ ރައީސް މުއިއްޒަށް ދެ ފަހަރެއްގެ މަތިން ސިޓީން ދަންނަވާފައިވާނެ ކަމަށާއި މިއަދާ ހަމައަށް އެއިން ސިޓީއަކަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

"އެއާޕޯޓާ މެދު ހުރި ކަންބޮޑުވުންތައް ސާފުކޮށްދޭން ދެ މަސް ކުރިން ފޮނުވިން ސިޓީއެއް. މިދިޔަ ހަފުތާގައި ވެސް ސިޓީއެއް ފޮނުވިން. އަދި ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ މަސައްކަތް ހުއްޓާލި މައްސަލައިގައި މަގޫދޫ ރައްޔިތުން ވިސްނަނީ ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބެން ދެން ކޮންމެ ރެއަކު ސުލްހަވެރި އެއްވުންތައް ބާއްވަމުން ގެންދާށެވެ.