Advertisement

މިދިޔަ އަހަރުގެ އެވަރެޖަށް ބަލައި މާރިޗު މަހުގެ ކަރަންޓާ ފެން ބިލު ކެޕް ކުރަން ނިންމައިފި

31 މާރިޗު 2024 - 10:13 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސްޓެލްކޯ -- ފޮޓޯ: އަދަދު


މިދިޔަ އަހަރުގެ އެވަރެޖަށް ބަލައި މާރިޗު މަހުގެ ކަރަންޓާ ފެން ބިލު ކެޕް ކުރަން ނިންމައިފި

31 މާރިޗު 2024 - 10:13 0

މިދިޔަ 2023 ވަނަ އަހަރުގެ އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބެލުމަށްފަހު، މާރިޗު މަހުގެ ކަރަންޓު އަދި ފެން ބިލު ކެޕް ކުރަން ނިންމައިފި އެވެ.

ޔޫޓިލިޓީ ރިގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލުކުރާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދުގެ އިތުރުން، އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނާފައި ހުންނާނެ ކަމަށް ޔޫޓިލިޓީ އޮތޯރިޓީން މައުލޫމާތުދެ އެވެ.

ކަރަންޓާއި ފެން ބިލުތެއް ކެޕްކުރައްވާނެ ކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ ރޯދައިގެ ކުރިން ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން، ބ. އޭދަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ މިކަން ކުރަން ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ގާތު ދެންނެވުމުން އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"މިހާރު ފެނަކަ އާއި ސްޓެލްކޯއަށް އަޅުގަނޑު ދަންނަވާފައި ވާނެ. އެމްޑަބްލިޔޫއެސްސީއަށް ވެސް ދަންނަވާފައިވާނެ. އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި," ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ބިލުތައް ކެޕްކުރަން ސަރުކާރުން ނިންމިއިރު މި އަހަރުގެ ރޯދަ މަސް އިއްތިފާގުވީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާ އެވެ. މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑުވެގެން އާންމުކޮށް ޝަކުވާތައް އާދެ އެވެ.

އެހެންކަމުން އާންމު މަހެއްގައި ހުންނަ ވަރުގައި ބިލުތައް ކެޕްކުރުމުން ރައްޔިތުންގެ ޖީބަށް ލުޔެއް ލިބުނު ނަަމަވެސް ނަމަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫގައިވާ ގޮތުން އެ އޮތޯރިޓީން އަންގައިގެން އަގަށް އަންނަ ބަދަލުގެ ގެއްލުން ސަރުކާރުން ފޫބައްދައިދޭން މަޖުބޫރެވެ.