31 މާރިޗު 2024 - 08:41 0
31 މާރިޗު 2024 - 08:41 0
ލިޒްބަން (މާޗް 31) - ލިވަޕޫލުން މިހާރު އެ ޓީމަށް ގެންނަން އެންމެ ބޮޑަށް ފާރަލަމުން އަންނަ ކޯޗަކީ، ސްޕޯޓިން ލިޒްބަންއާ ހަވާލުވެހުރި ޒުވާން ކޯޗު، ރުބެން އަމޮރިމް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާން ވަނީ ނިންމައިފަ އެވެ. ނުވަ އަހަރު ލިވަޕޫލްގެ ކޯޗުކަން ކުރި ކްލޮޕްގެ މަގާމަށް ދެން އަންނާނީ ބަޔާ ލެވަކޫސަންގައި ހުރި ސްޕެއިނުގެ ކޯޗު ޒަބީ އަލޮންސޯ ކަމަށް މީޑިއާ އިން ރިޕޯޓްކުރި އެވެ.
އެހެން ނަމަވެސް، އަލޮންސޯ ވަނީ ލެވަކޫސަންގައި މަޑުކުރަން ނިންމާފައިވާކަން މީޑިއާގައި ހާމަކޮށްފަ އެވެ.
އިނގިރޭސި އާއި ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލިވަޕޫލުން މިހާރު މަސައްކަތް ފަށާފައިވަނީ އަމޮރިމް، 39، އެ ޓީމުގެ ކޯޗަކަށް ހަަމަޖެއްސުމަށެވެ.
ސްޕޯޓިން ލިޒްބަންގައި 2020 އިން ފަށައިގެން މަސައްކަތް ކުރަމުން އަންނަ އަމޮރިމް ވަނީ އެ ޓީމަށް 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މި ވަގުތު ޕޯޗުގީސް ލީގުގެ އެއް ވަނައިގައި އޮތީ ވެސް ސްޕޯޓިން އެވެ.
ބްރާގާ އަށް މީގެ ކުރިން ކޯޗުކޮށްދިން އަމޮރިމް، މި ވަގުތު ސްޕޯޓިންގެ ކޯޗަކަށް ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.
އެކަަމަކު، އެ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަނަށް ފަހު، އަމޮރިމް އެދޭނަމަ، 15 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެން، ކޮންޓްރެކްޓް އުވާލެވޭނެ އެވެ. އެެހެން ނަމަވެސް ޕޯޗުގީސް މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި އަމޮރިމް ބުނީ، "ސްޕޯޓިންގައި ހުރީ ހިތްހަމަޖެހިގެން ކާމިޔާބު ސީޒަނެއް ނިންމުމަށް" ކަމަށެވެ.
މުސްތަގުބަލާ ގުޅޭގޮތުން އަބަދުވެސް ވިސްނާނެ ކަމަށާއި ކަންކަމާ ވާހަކަ ދެއްކުން އޮންނަނީ ސީޒަން ނިމުމުން ކަމަށެެވެ.
ލިވަޕޫލުން ދެން ވާހަކަ ދައްކަމުން އަންނަ އެއް ކޯޗަކީ، ބްރައިޓަންގައި ހުރި އިޓަލީގެ ރޮބާޓޯ ޑި ޒާބީއާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް ދަނޑުގައި ޒި ޒާބީގެ ބްރައިޓަންއާ ބައްދަލުކުރާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑި ޒާބީ ބުނީ، ބްރައިޓަންއާ އެކު އޭނާގެ މުސްތަގުބަލު އޮތްގޮތެއް "ސީދާ ބުނަން ނޭނގޭ" ކަމަށާއި ކޮންޓްރެކްޓެއް އޮތުމުން އަބަދުވެސް އެ އަށް އިހުތިރާމްކުރާނެ ކަމަށެވެ.
ބްރައިޓަން އިން އެންމެ ފަހުން، ޑި ޒާބީގެ ކޮންޓްރެކްޓް އާ ކޮށްފައިވަނީ، 2026 ވަނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
Comment