ބާސްކިން ޝާކް
ބާސްކިން ޝާކަކީ މިޔަރުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މިޔަރެވެ. މި މިޔަރަށް ތަފާތު ނަންތައް ކިޔާ އުޅެ އެވެ. އިރުމަސް، ބޯންޝާކު، އެތް މިޔަރު، އަދި ބޮޑު އަނގަ މިޔަރޭ ވެސް ކިޔާއުޅެ އެވެ. އާންމު އެހެން މިޔަރުތަކާއި ހިލާފަށް މިއީ މަސްމަހާމެހި ޝިކާރަކޮށްގެން ކައިއުޅޭ މިޔަރެއް ނޫނެވެ.
މި މިޔަރު އާންމު ގޮތެއްގައި ކައިބޮއިއުޅެނީ ކަންޑުތެރެއިން އޭގެ ބޮޑު އަނގަ ހުޅުވައިގެން ޕްލެންކްޓަން ފަދަ ތަކެތި ފިލިޓަރުކޮށްގެންނެވެ. މިޔަރުގެ ކުލައަކީ އަޅި ކުލަ އާއި މުށި ކުލައެވެ. ނަމަވެސް އެންމެ މަތީގައި ކަޅުނޫ ކުލަ ހިމެނިފައި ވާއިރު ބަނޑުދޮށް ވަނީ ހުދުކުލައަށް ބަދަލުވެފަ އެވެ. މިއީ ހަރަކާތްތެރިކަން ކުޑަ މިޔަރުތަކުގެ ތެރެއިން މިޔަރެކެވެ. ނިތްގަނޑު ހުންނަނީ މާދިގުނޫން މޮށްކޮށް ހުންނަ ބައްޓަމަކަށެވެ.
ބާސްކިން ޝާކުގެ އަންހެން މިޔަރު އާންމުކޮށް ބޮޑުވަނީ 33 ފޫޓް (10މީޓަރު) އަށެވެ. ފިރިހެން މިޔަރު ބޮޑުވަނީ 30 ފޫޓް (9 މީޓަރު) އަށެވެ. މި ބިޔަ މިޔަރުގެ ބަރުދަނުގައި 16 ޓަނު ހުރެއެވެ. ނަމަވެސް އާންމުކޮށް ފެންނަނީ 20 ފޫޓް (6.3 މީޓަރ) މިޔަރެވެ. އެންމެ ބޮޑު ބާސްކިން ޝާކަކަށް ރެކޯޑު ކުރެވިފައިވަނީ 39 ފޫޓް (12މީޓަރު) ހުރި މިޔަރެކެވެ.
ބާސްކިން ޝާކުގައި ބޮޑެތި ދަތްތައް ނެތްކަމުގައި ވިޔަސް މި މިޔަރުގައި ވެސް ސަތޭކައަށްވުރެ ގިނަ ކުދި ދަތް ހުރެއެވެ. އެ ދަތްތައް ދެކަފި ވާގޮތަށް ހުންނައިރު ދަތްތައް ހުންނަނީ އެތެރެއަށް ލެނބިފައެވެ.
މިމިޔަރު ކާނާ ހޯދުމަށްޓަކައި މިޔަރުގެ އަނގަ ހުޅުވައިގެން އަނގަތެރެއަށް ފެންވަންނާނޭ ގޮތަށް ދަތުރު ކުރެއެވެ. މި ގޮތަށް ދަތުރުކުރާއިރު އަނގަތެރެއަށް ވަންނަ ފެން ފުރާނައިގެން ލިބޭ ކާނާ ކައިއުޅެއެވެ. މި ގޮތަށް މިމިޔަރުގެ ކާނާގެ ގޮތުގައި ޕްލެންކްޓަން، ކުދިމަސް، ދޫކޮށްފައިވާ މަހުގެ ބިސް އަދި ތަފާތު ފަނިފަކުސާ ހިމެނެ އެވެ. ފިލިޓަރު ކުރަނީ ކަރުގަނޑުތެރޭގައި ވާ ހާހަކަށްވުރެ ގިނަ ކެހެރިފަށްތައް ބޭނުންކޮށްގެންނެވެ. މި ކެހެރިތަކުގެ ދިގުމިނުގައި 4 އިންޗި (10 ސމ) ހުރެއެވެ.
އަނގައިގެ ތެރެއިން ވަންނަ ފެން ފުރޭނުމަށް ފަހު އެއްގަޑިއިރުގެ ތެރޭގައި 1500 ގެލަން (6000 ލީޓަރު) ދެ ފަރާތުގައިވާ ފީކަރުތަކުގެ ދަށުން ބޭރުކޮށްލަ އެވެ. ބާސްކިން ޝާކުގެ ކޮންމެ ފަރާތެއްގައިވެސް ފަސް ފީކަރު ހުރެ އެވެ.
ބާސްކިން ޝާކު އެކަނިވެސް އަދި ޖޯޑުޖޯޑަށް ވެސް ދަތުރު ކުރެ އެވެ. އައިން ހަދައިގެންވެސް ދަތުރުކުރެއެވެ. މިގޮތަށް ދަތުރުކުރުމުގައި 100 އަށްވުރެގިނަ މިޔަރުވެސް ބައެއް ފަހަރު ބައިވެރިވެ ދަތުރު ކުރެ އެވެ.
ބާސްކިން ޝާކު އާންމު ގޮތެއްގައި ދިރިއުޅެނީ ހޫނު ސަރަހައްދުތަކުގެ އައްސޭރި ފަށުގަ އެވެ. ގިނަ ވަގުތު ހޭދަކުރަނީ މޫދުގެ މަތީ ފަށަލައިގަ އެވެ. މި މިޔަރަށް "ސަންފިސް" ކިޔައި އުޅެނީ މިކަމުގެ ސަބަބުންނެވެ. މި މިޔަރު މަތީ ސަތަހައިގައި ދިރިއުޅުނަސް ކަނޑުގެ ވަރަށް ފުނަށްވެސް ގޮސްއުޅެ އެވެ. މިގޮތުން 3280 ފޫޓް (1000މީޓަރު) އަޑިއަށް ގޮސް މަހެއްހާ ދުވަހު މަޑުކޮށް ހަދައެވެ.
މި މިޔަރު އާންމު ގޮތެއްގައި ފެންނަނީ ހުޅަނގުއުތުރު އެމެރިކާގެ ބާޖާއިން ފެށިގެން ދެކުނު އަލަސްކާ، އެމެރިކާގެ އައްސޭރި، ދެކުނު ކެނެޑާ، ޔޫރަޕް ،އޮސްޓްރޭލިއާ، ދެކުނު އެފުރކާ، ނިއުޒިލެންޑް ދެކުނުއެމެރިކާ، ރަތްކަނޑު، ޖަޕާނު އަދި ޗައިނާގެ އައްސޭރިފަށުންނެވެ. މި މިޔަރު ދިވެހިރާއްޖެއިން ފެނިފައެއް ނުވެ އެވެ.
ބާސްކިން ޝާކަކީ މާބާރަށް ދަތުރުކުރާ މިޔަރެއް ނޫނެވެ. އާންމު ގޮތެއްގައި ދަތުރުކުރަނީ ގަޑިއަކު ތިން މޭލަށް ވުރެ މަޑުންނެވެ. ގިނަ މިޔަރު ދުވަނީ އޭގެ ނަގޫ ދެފަރާތަށް ހަރަކާތް ކޮށްގެން ކަމުގައިވިޔަސް މި މިޔަރު ދުވެއުޅެނީ އޭގެ ހަށިގަނޑު ދެފަރާތަށް ހަރަކާތް ކޮށްގެންނެވެ.
މި ބާވަތުގެ މިޔަރު ޒުވާން އުމުރަށް އަޅަނީ 2 އަހަރާއި 4 އަހަރާއި ދެމެދު ގައެވެ. މިޔަރުގެ ބައިވެރިޔާއާއި ބައްދަލުވެ އުޅެނީ، އައިސްލޭންޑާއި އުތުރު ޔޫރަޕްގެ އައްސޭރި ފަށުގައި ހޫނު މޫސުމުގަ އެވެ. ބަނޑު ބޮޑުވެ ކުދި މިޔަރު ދަރިމައިވުމަށް ފަހު ވިހެއުމާއި ދެމެދު 3.5 އަހަރު ހޭދަވެ އެވެ. ވިހާއިރު ހުންނަނީ 5.5 ފޫޓް (1.7 މީޓަރު) އެވެ. މިއީ މިޔަރުތަކުގެ ތެރެއިން ވިހާއިރު އެންމެ ބޮޑު މިޔަރެވެ.
ބާސްކިންގ ޝާކު، ވިހެއުމަށްފަހު ކުދިމިޔަރުތަކަށް އެއްވެސް އަޅާލުމެއް ނެތި ދުރަށް ދެއެވެ.
މިއީ އިންސާނުންނަށް އަދި އާންމު މަސްމަހާމެއްސަށްވެސް ނުރައްކަލެއް ހުރި މިޔަރެއް ނޫނެވެ. ބާސްކިން ޝާކް އެކި މޫސުމަށް ހިޖުރަކޮށް އުޅެ އެވެ. މި ގޮތުން ފިނި މޫސުމުގައި އުތުރު ކަނޑުތަކުން ކައިބޮއި އުޅުމަށް ފަހު ފިނިމޫސުން ދިއުމުން ދެކުނަށް ބަދަލުވެއެވެ.
މިބާވަތުގެ މިޔަރުގެ އާބާދީއަކީ ކިހާވަރެއްކަމެއް އަދި ހޯދިފައެއް ނުވެ އެވެ. ނަމަވެސް މިބާވަތުގެ މިޔަރުވެސް ހިފައި، އޭގެ މަހާއި އުރަހައާއި ތެޔޮ ބޭނުންކޮށް އުޅުމުގެ ސަބަބުން މަދުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.
މައުލޫމާތު:
Comment