Advertisement

ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ލީޑާޝިޕަށް: އަބްދުއްރަހީމް

29 މާރިޗު 2024 - 22:57 0

އަބްދުއްރަހީމް ރައީސް މުއިއްޒާއެކު: ޕާޓީއަށް ރަނގަޅު ގޮތް އެނގޭނީ ލީޑާޝިޕަށް ކަމަށް ވިދާޅުވީ ޔާމީން ޕާޓީއަށް ފާޑުވިދާޅުވުމުން -- ފޮޓޯ: ރައީސް އޮފީސް


ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ލީޑާޝިޕަށް: އަބްދުއްރަހީމް

29 މާރިޗު 2024 - 22:57 0

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ އެ ޕާޓީގެ ލީޑާޝިޕަށް ކަމަށް ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ވެސް ހިނގަމުންދާނީ ވަރަށް ބަދަހި ދުވެއްޔެއްގައި ކަމަށެވެ.

"ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް. ޕީޕީއެމް/ޕީއެންސީ ހިނގަމުންދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި. ދެ ޕާޓީގެ ލީޑަރަކީ ވެސް ރައީސް ޑރ. މުއިއްޒު. މުއިއްޒު ދުވެލީގައި ދެ ޕާޓީ އާއި ގައުމު ވެސް ދާނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ، ސަރުކާރާއި ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ޕީޕީއެމް ނައްތާލަން ކަމަށް ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި އޮއްވަ އެވެ. ޔާމީން މިހާރު އުފައްދަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަށް ދިރުމެއް ދޭން ރައީސް މުއިއްޒު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

"ރައީސް މުއިއްޒު އާއި ކައިރިގައި ތިބި އާރުކާޓީއިން ގެންދަނީ ޕީޕިއެމް ނައްތާލުމަށް މަސައްކަތްކުރަމުން. އެމިހުން ބޭނުމެއް ނުވޭ ޕީޕީއެމްއަށް އެއްވެސް ދިރުމެއް ދޭކަށް،" މިދިޔަ އާދީއްތަ ދުވަހު ޔާމީން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމް ނައްތާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވުމުގެ ކުރިން ވެސް ޔާމީން ވަނީ އެ މައްސަލައިގައި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ޕީޕީއެމްގެ ނަމުގައި އެއްވެސް މެންބަރަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު ނުދިނުމުން ވެސް ޔާމީން ފާޑުވިދާޅުވި އެވެ.

"ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެ ތިން ހަތަރު ގުނަ އުޅެނީ ޕީޕީއެމްގެ އިހުލާސްތެރި މެންބަރުން. ޕީޕީއެމްއަކުން އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވާ،" ޔާމީން ވިދާޅުވެފައިވެ އެވެ.