Advertisement

ދިވެހި ސަރުކާރުން އަސްކަރީ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ހުށަހެޅުމަކަށް: ޑިފެންސް މިނިސްޓްރީ

29 މާރިޗު 2024 - 17:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ އާ އެކު : ރައީސް މުއިއްޒު ވިދާޅުވީ އަސްކަރީ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ސިފައިން ތަމްރީނުކޮށްދޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ދިވެހި ސަރުކާރުން އަސްކަރީ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ހުށަހެޅުމަކަށް: ޑިފެންސް މިނިސްޓްރީ

29 މާރިޗު 2024 - 17:28 0

ޗައިނާގެ އަސްކަރިއްޔާއިން، ރާއްޖޭގެ އަސްކަރިއްޔާ އާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރި އެއްބަސްވުމަކީ ޗައިނާގެ ހުށަހެޅުމަކަށް ދިވެހި ސަރުކާރުން އެެއްބަސްވެ ސޮއިކުރި އެއްބަސްވުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޗައިނާއާއެކު ރާއްޖެއިން އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރީ މި މަހުގެ ހަތަރުވަނަ ދުވަހު މާލޭގަ އެވެ. އެ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އެއްބަސްވުމުގެ ކޮޕީ އާއި އެއްބަސްވުމުގެ ތަފުސީލާއި މުއްދަތު ހޯދަން "އަދަދު" އިން ހުށަހަޅުމުން ޑިފެންސް މިނިސްޓްރީން އެއްބަސްވުމުގެ ކޮޕީ އާއި މުއްދަތު ފޯރުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް އެއްބަސްވުން އެކުލަވާލި ގޮތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ "ރައީސުލްޖުމްހުރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އަސްކަރީ އެހީދިނުމަށް ޗައިނާއިން ހުށަހެޅުއްވި، އަދި އެ ހުށަހެޅުއްވި ހުށަހެޅުއްވުން ދިވެހި ސަރުކާރުން ގަބޫލުކުރި" ކަމަށެވެ.

އެއްބަސްވުމުގެ މުއްދަތަކީ"އެހީ ރާއްޖެއަށް ލިބި، އަސްކަރިއްޔާއިން ހަވާލުވެ ނިމުމާ ހަމައަށް" ކަމަށް ރަސްމީ ޖަވާބުގައި ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލާތްތައް ފޯރުކޮށްދީ، ސިފައިން ތަމްރީނުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސް ފަހުން ދ. މީދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ރާއްޖެ އައިސް އުޅޭ ޗައިނާގެ މިލިޓަރީގެ ވަރަށް އިސް ފަރާތަކާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އެ ގައުމާއެކު ރާއްޖެއިން އަބަދުވެސް އަސްކަރީ ގުޅުން ބާއްވާ ކަމަށެވެ.

"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާ އަދި ނޮން ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދިފާއީ ބާރަށް އިތުރު ތަމްރީނު ލިބި ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށާއި މި މަސައްކަތް ކުރެވެނީ އަމިއްލަވަންތަކަން ގާއިމުކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި މަސައްކަތްތައް ވެސް މި ކުރެވެނީ އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކާ، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރުމަށްޓަކާ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވަރުގަދަކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކާ ކުރެވޭ މަސައްކަތުގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީއަކީ އަބަދު ވެސް ޗައިނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިޔާސީ އިއްތިހާދެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ރާއްޖޭން ބޭއްވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ގިނަ ދުވަސްތަކެއް ނުވަނީސް ބައެއް ގައުމުތަކުން ވަނުން މަނާކޮށްފައިވާ ޗައިނާގެ ރިސާޗު އުޅަނދެއް ރާއްޖޭގެ އީއީޒެޑު ބުޑުގައި މަހެއްހާ ދުވަހު އުޅުމަށްފަހު މާލެއަށް ބަނދަރު ކުރުމުން ވެސް އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. މިހާރުވެސް އެ އުޅަނދު ދަނީ ރާއްޖޭގެ ސަރަހައްދަށް ވަދެ ނިކުމެ އީއީޒެޑުގެ ބުޑުގައި ހަރަކާތްތެރިވަމުންނެވެ.