Advertisement

ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ ޕީއެންއެފް ކެންޑިޑޭޓުގެ ސަޕޯޓު އެމްޑީޕީގެ ހުސެއިންއަށް

29 މާރިޗު 2024 - 12:03 0

ޕީއެންއެފްގެ ކެންޑިޑޭޓު އަނދުން ހުސެއިންނާއެކު: އެ ދާއިރާއަށް ހަތަރު ކެންޑިޑޭޓަރު ވާދަ ކުރޭ -- ފޮޓޯ: އެމްޑީޕީ


ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ ޕީއެންއެފް ކެންޑިޑޭޓުގެ ސަޕޯޓު އެމްޑީޕީގެ ހުސެއިންއަށް

29 މާރިޗު 2024 - 12:03 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ފަރާތުން ހެންވޭރު ދެނުކު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުގެ ތާއީދު އެ ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަ ކުރައްވާ ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަށް ދީފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިބްރާހިމް މުހައްމަދު (ނިޝާން) އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީއަށް ތާއީދު ކުރަން ނިންމީ އޭނާގެ ތާއީދު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓަށް ކުރިން ދިނުމަށްފަހު ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

"ރައީސް މުއިއްޒު ހެންވޭރު ދެކުނުގައި ޑޯ ޓު ޑޯ، ހަތަރު ގަޑިއިރު ހިންގަވާފައި ރައީސް ޔާމީންގެ މަޖްލިސް ކެންޑިޑޭޓާއެކު ފޮޓޯ ނެންގެވިތާ ފަސް ގަޑިއިރު ނުވަނީސް އެ ތާއީދު އަނބުރާ ގެނެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށްފި،" މީޑިއާ ގްރޫޕަށް އެމްޑީޕީން ފޮނުވި މެސެޖެއްގައި ބުންޏެވެ.

ޕީއެންސީގެ ފަރާތުން އެ ދާއިރާއަށް ވާދަ ކުރަނީ ހުސެއިން އިމްރާން ލަތީފެވެ. ޕީއެންއެފްގެ އިބްރާހިމް މުހައްމަދާއި އެމްޑީޕީގެ ހުސެއިން އަދި އިމްރާންގެ އިތުރުން ދެން އެ ދާއިރާއަށް ވާދަ ކުރަނީ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އެ ޕާޓީން ވާދަ ކުރަނީ މާލޭ ސިޓީ ކައުންސިލުގެ ވެސް މެންބަރު މުހައްމަދު ސައިފް ފާތިހެވެ.

އަންނަ އޭޕްރީލް 21، ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާއިރު ކެމްޕެއިނުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާއިރު އެމްޑީޕީ އަދި ޕީއެންސީން ގާތްގަނޑަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރެ އެވެ.

އެ އިންތިހާބުގައި 284،663 މީހުންނަސް ވޯޓުދިނުމުގެ ހައްގު ލިބެ އެވެ. އެއީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.