Advertisement

ފުށިދިއްގަރު މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ރައީސް އެއްބަސް، މިހާރު ވިދާޅުވަނީ މި އަހަރު ތެރޭ ހިއްކާ ނިމޭނެ ކަމަށް

29 މާރިޗު 2024 - 14:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު: ފުށިދިއްގަރު މަޝްރޫއު މަޑުޖެހިފައިވާކަމަށް ރައީސް އެއްބަސްވެއްޖެ - ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު


ފުށިދިއްގަރު މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ރައީސް އެއްބަސް، މިހާރު ވިދާޅުވަނީ މި އަހަރު ތެރޭ ހިއްކާ ނިމޭނެ ކަމަށް

29 މާރިޗު 2024 - 14:01 0

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގަނެފި އެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ބިން ހިއްކުން މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުރަސްއަޅާތީ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލަކަށް ރައީސް ވަޑައެއްނުގަންނަ އެވެ.

"ރައްޔިތުންނަކަށް ކަންތައްތަކެއް ކޮށްދޭ ވިސްނުމަކު ނޫން މަޖިލީހުން ކަންތައްތައް ކުރަނީ ކުރިއަށް ގެންދަނީކީއެއް، އެހެންވީމަ އެކަން ލަސްވެފަ މިއޮތީ، އެހެން ނަމަވެސް އެޗްޑީސީއާއެކީގަ އެ ފަރާތުން ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ވަރަށް އަވަހަށް އަނެއްކާވެސް ބިން ހިއްކަން ފަށާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، ރަސްމާލެ މަޝްރޫއު ޑިސެމްބަރު 18، 2023 ގައި ރައީސް ފެއްޓެވީ ވެސް މަޖިލީހުން އެ މަޝްރޫއަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރި ފަހުންނެވެ. ރައީސް އެ ދުވަހު ވިދާޅުވީ މި މަޝްރޫއު ހިންގާނީ ދައުލަތުން އެއްވެސް ލާރިއެއް ނުހިނގާ ގޮތަށް ކަމަށާއި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

އެ މުއްދަތު ހަމަވާނެ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު 18، އެވެ. މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިއްކުނީ 10 ވަރަކަށް ހެކްޓަރުގެ ބިމެވެ. އެއީ މަޝްރޫއުގެ މަސައްކަތް ފެށި ހަފުތާ ހިއްކި ބިމެވެ.

ނަމަވެސް ރޭގެ އިންޓަވިއުގައި ރައީސް ވަނީ މަޝްރޫއު ލަސްވަނީ މަޖިލީހުން ބަޖެޓު އުނިކުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން މަޝްރޫއު ހިންގަން ބޭނުންވި ފުރަތަމަ ފޯމިއުލާއަކީ ބަޖެޓުގައިވާ 400 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން "އަދަދު" އިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާ ސައިޓު ޖޭގެ 29 ހެކްޓަރުގެ ތެރެއިން މިހާތަނަށް އިތުރު އެއްވެސް ސަރަހައްދެއް ހިއްކާފައެއް ނުވެ އެވެ.

ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ޔަގީން ކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ. އީއައިއޭގައި ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ވެސް ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ.

މި ތަފުސީލުތައް މި ނޫހުން ރިޕޯޓުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ބުނީ މިހާރު ބޮޑަށް ކުރިއަށްދަނީ ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވެސް ރޭގެ އިންޓަވިއުގައި އެހެން ވިދާޅުވެފައިވެ އެވެ.

ސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ބިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރަސްމާލެ މަޝްރޫއުގެ އީއައިއޭގައި ބުނެފައިވާ ގޮތުން މަސައްކަތް ފެށި ޑްރެޖަރު ބޭނުންކޮށްގެން ތާވަލާ އެއްކޮށް މަސައްކަތް ކުރިއަށްދިޔަ ނަމަ މިދިޔަ މަހުގެ ތެރޭގައި ސައިޓު ޖޭ ހިއްކުމުގެ މަސައްކަތް ނިމޭނެ އެވެ.

އެގޮތުން ބަންޑު ވޯލް ޖެހުމާއި ހިއްކުން އަދި ފަސްގަނޑު ލެވެލް ކުރުމަށް ބޭނުންވާނެ ކަމަށް އީއައިއޭގައި އަންދާޒާކޮށްފައިވާ މުއްދަތަކީ 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ޑިސެމްބަރު، 18، 2023 ގައި ރަސްމާލޭގެ ފުރަތަމަ ސްޓޭޖު ހިއްކަން ފެށިތާ މިއަދަށް 69 ދުވަސް ވާނެ އެވެ. އީއައިއޭގައި އޮތް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ މަންޒަރެއް ސައިޓަކުން ނުފެނެ އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަޔަރަމަންޓު އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ވެސް ނުހަދަ އެވެ. އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސައިޓު ޖޭ އަށް އެކަންޏެވެ.

އެ ބިޔަ ސަހަރު އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.