Advertisement

އެފްއޭއެމުން ބީހައިވަށް ނުދައްކާ އޮތް 100،000 ޑޮލަރު ދައްކަން ސިވިލްކޯޓުން ހުކުމްކޮށްފި

28 މާރިޗު 2024 - 19:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެެރެއިން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް .-- ފޮޓޯ: އަދަދު


އެފްއޭއެމުން ބީހައިވަށް ނުދައްކާ އޮތް 100،000 ޑޮލަރު ދައްކަން ސިވިލްކޯޓުން ހުކުމްކޮށްފި

28 މާރިޗު 2024 - 19:23 0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ލައްކައަކަށް ވުރެ ގިނަ ޑޮލަރު ނުދައްކައި އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވާ ގޮތުން އެފްއޭއެމުން ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދަކީ 102،186.87 ޑޮލަރެވެ. އެ ފައިސާއަކީ އެފްއޭއެމްގެ އެކި ކަންކަމަށް ބީހައިވް ހޮޓަލުން ހޯދާފައިވާ އެކި ހިދުމަތްތަކަށްވާ ޖުމްލަ އަގެކެވެ. އެ ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ ފައިސާ އެއްފަހަރާ ހޯދުމަށް ބީހައިވުން އެދުނު ނަމަވެސް އެފްއޭއެމުން ވަނީ ފައިސާ ދެއްކުމުގެ މުއްދަތު އެއް އަހަރަށް ދަންމާލަން އެދިފަ އެވެ. ކޯޓުން ހުކުމް ކުރީ އެފްއޭއެމުން އެދުނު ގޮތަށް އެއް އަހަރު ތެރޭ ފައިސާ ދައްކައި ނިންމުމަށެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް އެފްއޭއެމުން ބީހައިވްއަށް ނުދައްކާ އޮތް 32،426 އެމެރިކާ ޑޮލަރު (498،712 ދިވެހި ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

ބީހައިވްގެ އިތުރުންވެސް ސަރުކާރު ހިއްސާވާ އަދި އަމިއްލަ އެތައް ކުންފުންޏަކަށް ފައިސާ ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް 15 އަށްވުރެ ގިނަ ދައުވާ ވަނީ ކޮށްފަ އެވެ. މި ދައުވާ ތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު އެތައް މިލިއަން ރުފިޔާއަކަށް އަރަ އެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީ އަށް ހުށަހެޅިފައިވާ ޝަކުވާތަކެއްގެ މައްސަލަތަކެއް ބަލަމުންދާތީ، އެފްއޭއެމް އިން މިހާރު ބާއްވަން ތައްޔާރުވަމުންދާ އެތެރޭގެ އިންތިހާބުގެ ކަންކަން މަޑުޖައްސައިލަން އެ ދެ އިދާރާއިން ވަނީ އަންގާފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިމެނޭހެން އެ އިދާރާގެ ތެރޭގައި ހިނގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލަތަކެއްވެސް ފުލުހުންނާއި ޕީޖީ ގުޅިގެން ދަނީ ހިންގަމުންނެވެ.

އެގޮތުން އެފްއޭއެމް ފީފާ އިން ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު، އެފްއޭއެމްގެ ރައީސް ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި، ބޭނުންކޮށްފައިވާތޯ، އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ މިދިޔަ މަހު ހުށަހަޅާފަ އެވެ.