Advertisement

ކްލަބްތަކުން އެދެނީ ޖޫން މަހަށް ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރަން

20 އޭޕްރީލް 2024 - 19:16 0

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އަދަދު


ކްލަބްތަކުން އެދެނީ ޖޫން މަހަށް ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރަން

20 އޭޕްރީލް 2024 - 19:16 0

ސީޒަން ކަލަންޑަރުގެ ޑްރާފްޓް ކްލަބްތަކަށް ފޮނުވުމުން، ބައެއް ޓީމުތަކުން ލަފާ ދީފައިވަނީ، ޖޫން މަހު ފުޓްބޯޅަ ސީޒަން ފެށުމަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމް އިން ކްލަބްތަކުގެ ހިޔާލު ހޯދަން ފޮނުވި، ސީޒަން ކަލަންޑަރުގެ ޑްރާފްޓްގައިވާ ގޮތުން، ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ކުޅެން ތާވަލުކޮށްފައި އޮތީ، މެއި 10 ވަނަ ދުވަހަށެވެ. އަދި ފުޓްބޯޅަ ސީޒަން ފަށާ މުބާރާތެއްގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕް ހަމަޖައްސައި، އެ މުބާރާތް މެއި 16 ވަނަ ދުވަހު ފަށާ ގޮތަށް ވެސް އޮތީ ކަލަންޑަރުކޮށްފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގު ފަށަން ހިމަނާފައި އޮތީ، ޖުލައި ހަތް ވަނަ ދުވަހަށެވެ.

ޑްރާފްޓް ކަލަންޑަރާ ގުޅޭގޮތުން ކްލަބްތަކުން ހިޔާލު ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި، ބައެއް ޓީމުތަކުން ވަނީ އެ ކްލަބްތަކުން އެދޭ ގޮތް ހުށަހަޅައިފަ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މިއަދު "އަދަދު" އަށް ވިދާޅުވީ، މިހާތަނަށް ޓީމުތަކުން ލިބިފައިވާ ހުށަހެޅުމަކީ، ޖޫން މަހުގައި އޮތް ފީފާ ދުވަސްތަކަށް ފަހު، މުބާރާތްތައް ފެށުން ކަމަށެެވެ.

ކްލަބްތަކުން މި ގޮތަށް އެދޭ އެންމެ ބޮޑު ސަބަބަކީ، ރަނގަޅު ޕްރީ ސީޒަނެއް ހެދުމާއި ހުރި ފައިސާގެ މައްސަލަތައް ހައްލުކޮށްފައި ޕްރެކްޓިސްތައް ފެށުމުގެ ގޮތުންކަން ވަނީ އެނގިފަ އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފަ އެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ. އެކަމަކު، އެފްއޭއެމް އިން ވަނީ އިދާރީ ކަންތައްތަކެއްގެ މައްސަލަ ފާހަގަކޮށް، ކްލަބް ވެލެންސިއާ ސަސްޕެންޑްކޮށްފަ އެވެ. ވެލެންސިއާ އިން ތުހުމަތުކުރާ ގޮތުގައި، މިއީ ބާއްވަން އުޅޭ އެފްއޭއެމްގެ އިންތިހާބާ ގުޅުވައިގެން، އެ ޓީމަށް އައި ސަސްޕެންޝަނެކެވެ.

އެންމެ ފަހުން ފުޓްބޯޅަ ސީޒަން ނިންމާލީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިންނެވެ. އެއީ، އެފްއޭ ކަޕް ނުބާއްވާ ގޮތަށެވެ. އެ ގޮތަށް ނިންމަން ޖެހުނީ ވެސް އެފްއޭއެމް އާއި ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނާތީ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ޓީމެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމް އިން އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން އެންމެ ފަހުން މަސައްކަތް ކުރި ދެ ފަހަރު ވެސް އެކަން ހުއްޓާލަން ޖެހުނީ، ފީފާ/އޭއެފްސީގެ އެންގުމާ އެކު އެވެ.