22 އޭޕްރީލް 2024 - 19:21 0
އެފްއޭއެމް އިން އެންމެ ފަހުން. ބޭއްވި ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އަދަދު
22 އޭޕްރީލް 2024 - 19:21 0
ފެބްރުއަރީ މަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގުރެސްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކްލަބުތަކާ ފީފާގެ ޓީމުން ބައްދަލުކޮށްފި އެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއެފްސީގެ މެމްބަރުން ހިމެނޭ ޓީމެއް ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށެވެ.
މާގިރި ހޮޓެލްގައި މިއަދު އޮތް ބައްދަލުވުމުގައި ބައިވެރިވި ކްލަބުތަކަކީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅާފައިވާ އެ އިދާރާގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ އަށް ތާއީދުކުރާ ކްލަބުތަކުންނެވެ.
މި ބައްދަލުވުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކލްަބް، އެލްޓީ، ސީބީއެލް، ކްލަބް ޕީކޭ، އަދި މަހިބަދޫ ސްޕޯޓްސްގެ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މަހިބަދޫގެ މަންދޫބެއްގެ ގޮތުގައި ޓޮމްވެސް ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ފީފާ އާއި އެއެފްސީގެ ޓީމުން ވަނީ ކްލަބުތަކުގެ ފަރާތުން މައުލޫމާތު ހޯދައި، ކްލަބުތަކުގެ ޝަކުވާތައް އަޑު އަހައިފައެވެ.
"ވަރަށް ގިނަ މައުލޫމާތުތައް ސާފުކުރި. ދެން ފީފާގެ ޓީމުން ހުރިހާ ފަރާތްތަކާ ބައްދަލުކޮށް، ލިބޭ މައުލޫމާތަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށް ބުނަނީ،" މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ މަންދޫބެއް ބުންޏެވެ.
ފީފާ އާއި އޭއެފްސީގެ ޓީމުން ރާއްޖެ އަށް ކުރާ ދަތުރުގައި އެފްއޭއެމްގެ ވެރިންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ އެކު ވެސް ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
ތިން މަހެއްހާ ދުވަސްތެރޭ ދެ ފަހަރެއްގެ މަތިން އެފްއޭއެމް އިން ބާއްވަން އުޅުނު އެ އިދާރާގެ އިންތިހާބު، ދެ ފަހަރު ވެސް ނުބޭއްވުނީ ފީފާ/އޭއެފްސީގެ އެންގުމަކާ އެކު އެވެ. އެ ގޮތުން، ދެ ވަނަ ފަހަރަށް އިންތިހާބު ތާވަލުުކުރީ މި މަހުގެ 20 ވަނަ ދުވަހު ބާއްވާގޮތަށެވެ.
އެކަމަކު، އޭއެފްސީ އާއި ފީފާ އިން ވަނީ އިންތިހާބު ނުބާއްވައި މަޑުކުރަން އަންގައިފަ އެވެ. އެއީ، މައްސަލަތައް ފުނިޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތު ދެނެގަތުމަށެވެ.
މީގެ ކުރިން، 2019 ވަނަ އަހަރު ފީފާގެ ޓީމެއް ރާއްޖެ ޒިޔާރާތްކޮށްފައިވެ އެވެ. އެއީ، އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދަން މަސައްކަތްކުރި ދަނޑިވަޅެއްގަ އެވެ. އެ ފަހަރު، ފީފާގެ ޓީމުން އައިސް ބެލީ، އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދަނީ އުސޫލުތަކާ އެއްގޮތަށް ތޯ އެވެ. އެކަމަކު، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުން ގަރާރުގައި ސޮއިނުކުރާ ކަމަށް ބުނުމުން، ފީފާ އިން ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދެވޭ ވަރަށް ކްލަބްތަކުގެ ތާއީދު ނެތް ކަމަށެވެ.
އެފްއޭއެމްގެ މާލީ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނާތީ ކަމަށް އެނގިފައިވެ އެވެ. އެފްއޭއެެމްގެ ރައީސް، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އެފްއޭއެމް އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، 2018ގެ ޖެނުއަރީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ)ގެ ބޮޑުބައެއް، އެފްއޭއެމްގެ ރައީސް ބައްސާމްގެ އަމިއްލަ ބޭނުމެއް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
Comment