Advertisement

ފައްޔާޒް ހާޒިރު ކުރީ ޖިނާއީ ކުށެއްގެ ތުހުމަތެއްގައެއް ނޫން، މައުލޫމާތު ސާފު ކުރަން: ވަކީލު

28 މާރިޗު 2024 - 16:00 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފައްޔާޒް އަދި ވަކީލު މީޑިއާއަށް މައުލޫމާތު ދެނީ: ފައްޔާޒް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ކުރީ ބިރުދައްކަން ކަމަށް -- ފޮޓޯ: އަޔާދް އަބްދުލް ވައްހާބް


ފައްޔާޒް ހާޒިރު ކުރީ ޖިނާއީ ކުށެއްގެ ތުހުމަތެއްގައެއް ނޫން، މައުލޫމާތު ސާފު ކުރަން: ވަކީލު

28 މާރިޗު 2024 - 16:00 0

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން ނުކުރާ ކަމަށް މިއަދު ހާޒިރުކޮށްފައި ސާފުކޮށްދިން ކަމަށް އޭނާގެ ވަކީލު މަހްފޫޒް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން އިއްޔެ ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި އޮތީ އޭނާ ހާޒިރު ކުރާ ސަބަބަކީ އާރްޑީސީގެ ފައިސާއަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހިޔާނާތްތެރިވެ، އެ ހިޔާނާތްތެރިވި ފައިސާއިން ފައްޔާޒަށް މާލީ މަންފާތަކެއް ލިބިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.

ނަމަވެސް ފުލުހުން އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒްގެ ވަކީލު މަހްފޫޒް ވިދާޅުވީ ފައްޔާޒަށް ކުރެވޭ ތުހުމަތަކީ އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރާ ކުންފުންޏަކަށް ފޮނުވި ޕޭމަންޓަކުން ލިބުމުން އެ ކުންފުނިން ފައްޔާޒްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވުން ކަމަށެވެ.

"އާރްޑީސީއާ ގުޅިގެން އެ ބަލާ މައްސަލައާ ޗެއާޕާސަންއާ އެއްވެސް ގުޅުމެއް ހުރި ކަމަށް ވެސް މިއަދު ފުލުހުން އަދި މިހާތަނަށް ވިދާޅުވެފައެއް ނެތް،" ވަކީލު ވިދާޅުވި އެވެ. "ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނުކުރެވޭ، ހާޒިރު ކުރެވުނީ ވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ހައިސިއްޔަތަކުން ނޫން."

ފައްޔާޒް ހާޒިރު ކުރީ ހަމައެކަނި މައުލޫމާތު ސާފު ކުރަން ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތަކީ އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާންތަކުގައި މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

"މިއީ ހަމަ ފުރައްސާ ކުރުން. ޑިމޮކްރަސީއެއްގައި، މިއީ އަޅުގަނޑު ކޮށްފައި އޮތް ކަމެއް ވިޔަސް މިއަދަކު ނޫން ހާޒިރު ކުރާނީ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އިދިކޮޅު ޕާޓީއެއްގެ ޗެއާޕާސަން ގެނެސްގެން މި ސަކަރާތް މި ޖަހަނީ ހަމަ ބިރުދައްކަން. ދެން ތަންދޮރު ވެސް ނޭނގެނީ، އިނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.

އާރްޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތަކީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ.