Advertisement

ދޮންއަދާރަހިނގުން ހުޅުވަން ބޭއްވި ހަފުލާއަށް ސްޓެލްކޯ ބައިލައްކަ ރުފިޔާ ހަރަދުކުރި

28 މާރިޗު 2024 - 17:56 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ދޮންއަދާރަ މަގު ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން : މި ހަފުލާއަށް ބައި ލައްކަ ރުފިޔާ ހަރަދުކުރި - ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ


ދޮންއަދާރަހިނގުން ހުޅުވަން ބޭއްވި ހަފުލާއަށް ސްޓެލްކޯ ބައިލައްކަ ރުފިޔާ ހަރަދުކުރި

28 މާރިޗު 2024 - 17:56 1

ސްޓެލްކޯގެ އިންޖީނުގެއާ ޖެހިގެން އޮންނަ ދޮން އަދާރަ ހިނގުން އާއްމުންނަށް ހުޅުވައިލަން ބޭއްވި ހާއްސަ ހަފުލާއަށް އެ ކުންފުނީގެ ބަޖެޓުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ހަފުލާއަށް ދިޔަ ހަރަދުތައް ހޯދުމަށް "އަދަދު" އިން އެދުމުން ސްޓެލްކޯއިން ވަނީ އެ ތަފުސީލުތައް ހިއްސާކޮށްފަ އެވެ.

ސްޓެލްކޯއިން ދިން މައުލޫމާތުގައިވާ ގޮތުން މާޗު 10، ގެ ރޭ ބޭއްވި މި ހަފުލާއަށް ކުންފުނީގެ ބަޖެޓުން ހަރަދުކޮށްފައިވަނީ ޖުމްލަ 55،545.ރ އެވެ. އެއީ ކޭޓަރިންއަށް ހަރަދުވި 54،270 ރުފިޔާ އާއި އެހެނިހެން ހަރަދުގެ ގޮތުގައި ހަރަދުވި 1،275 ރުފިޔާ ކަމަށް ސްޓެލްކޯގެ ޖަވާބުގައި ބުންޏެވެ.

ހަފުލާގެ އިތުރު އެއްވެސް ކަމަކަށް ހަރަދެއް ހިނގާފައިވާ ކަމަކަށް އެކުންފުންޏަކުން ނުބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ޝަރަފުވެރިކޮށްދެއްވި މި ހަފުލާގެ އެއްވެސް މަންޒަރެއް ސްޓެލްކޯގެ ސޯޝަލް އެކްސް އެކައުންޓުން ފެންނާކަށް ނެތެވެ.

ގާތްގަނޑަކަށް 14 ވަރަކަށް އަހަރަށްފަހު މި ރޯދަމަހަށް ދޮންއަދަރާދަ ހިނގުން ހުޅުވާލަން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ މާލޭގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައި ދިނުމެވެ.

ސަރުކާރުން 2010 ގައި އެ މަގު ބަންދުކުރީ މާލޭގެ ކަރަންޓު ވިއުގައިގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ސަރަހައްދުގައި އިންޖީނުގެއެއް ހެދުމަށެވެ. އެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރު މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.

ދޮންއަދަރާދަ ހިނގުން އަލުން އާއްމުންނަށް ހުޅުވާލުމަށް ކުރި މަސައްކަތްތަކެއް ކުރީ ސްޓެލްކޯއިންނެވެ.

ކުށެއްގެ އިސްލާހު


މި ޚަބަރު ފުރަތަަމަ ޝާއިއުކުރި އިރު ސުރުހީ ގައި ސްޓެލްކޯގެ ބަދަލުގައި "އެސްޓީއޯ"ގެ ނަން ޖެހިފައި ވަނީ އޮޅުމަކުންނެވެ. އެގޮތަށް ގެނެސްދެވުނު ކަމަށް ޓަކައި ކިއންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ