Advertisement

ވުޖޫދުގައި ވެސް ނެތް ގއ. މާޅެންދޫގައި އެއާޕޯޓެއް އަޅަން ރައީސްގެ ގަރާރުގައި ކަނޑައަޅައިފި

28 މާރިޗު 2024 - 13:56 4

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ވުޖޫދުގައި ވެސް ނެތް ގއ. މާޅެންދޫގައި އެއާޕޯޓެއް އަޅަން ރައީސްގެ ގަރާރުގައި ކަނޑައަޅައިފި

28 މާރިޗު 2024 - 13:56 4

ގއ. އަތޮޅުގައި ގުދުރަތީ ގޮތުން ވުޖޫދުގައި ނެތް ރަށެއްގައި އެއާޕޯޓެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ނެރުއްވި ރިޔާސީ ގަރާރެއްގައި ހިމަނައިފި އެވެ.

ސަރުކާރުން އިތުރު ނުވަ ރަށެއްގައި އެއާޕޯޓު އަޅަން ނިންމައި ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކުގެ ގަރާރު އިސްލާހު ކުރުމަށް ފަހު އިއުލާނުކުރީ އިއްޔެ އެވެ.

އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ ގަ އެވެ.

މީގެ ތެރޭގައި ހިމެނޭ ގއ. މާޅެންދޫއަކީ ވުޖޫދުގައި ނެތް ރަށެއްކަން ގއ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހީމް ޝާހީން ވަނީ މި ނޫހަށް ޔަގީންކޮށްދެއްވާފަ އެވެ.

"މާޅެންދޫ ކިޔާ ރަށެއް ނެތް ގއ. ގައެއް،" އިބްރާހީމް "އަދަދު" އާ ހިއްސާކުރި މެސެޖުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރު. އެ އަތޮޅުގައި މާޅެންދޫ ކިޔާ ރަށެއް ނޯވޭ


މި ނޫހާއި ވާހަކަ ދެއްކި ގއ. އަތޮޅުގެ ރައްޔިތުން ވެސް ވަނީ މާޅެންދޫ ކިޔާ ރަށެއް އެ އަތޮޅުގައި ނެތް ކަމަށް ބުނެފަ އެވެ. ފިޝަރީޒް މިނިސްޓްރީގެ "އެޓޯލްސް އޮފް މޯލްޑިވްސް ވެބްސައިޓު"ން ވެސް "ގއ. މާޅެންދޫ" ފެންނާކަށް ނެތެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާޅެންދޫ ކިޔާ ރަށެއް އޮންނަނީ ނ. އަތޮޅުގަ އެވެ. އެއީ މީހުން ދިރިއުޅޭ ރަށެކެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ. މާރަންދޫ ގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ ޑުބާއީ ގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ދެކެވުނެވެ.

ނަމަވެސް، އެ ރަށް އޮތީ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމުގައިވާ މާރެންދޫ އިންވެސްޓްމެންޓަށް ދޫކޮށްފަ އެވެ. އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 30 ޕަސެންޓު ނިމިފައިވީ ނަމަވެސް، ކޮވިޑަށްފަހު އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

ގއ. އަތޮޅުގައި ވޫޖުދުގައި ނެތް ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނުކުރި އިރު، ގއ. ވިލިނގިލީގައި އިންޓާނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެޕްރައިޒަލް މަސައްކަތް ބެލްޖިއަމްގެ ބެސިކްސް ކުންފުންޏާއި ހަވާލުކޮށްފަ އެވެ.