Advertisement

ތުރުކީން އިޒްރޭލަށް ހަތިޔާރު ވިއްކި ކަމުގެ ބޮޑެތި ތުހުމަތުތަކެއް

28 މާރިޗު 2024 - 13:35 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ތުރުކީގެ ރައީސް އުރުދުގާން އަދި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިދިޔަ އަހަރު ބައްދަލުކުރަނީ : ތުރުކީން އިޒްރޭލަށް ހަތިޔާރު ވިއްކި ކަމުގެ ބޮޑެތި ތުހުމަތުތަކެއް - ފޮޓޯ: ރޮއިޓާސް


ތުރުކީން އިޒްރޭލަށް ހަތިޔާރު ވިއްކި ކަމުގެ ބޮޑެތި ތުހުމަތުތަކެއް

28 މާރިޗު 2024 - 13:35 2

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި ތުރުކީން އިޒްރޭލަށް ހަތިޔާރު ވިއްކި ކަމަށް އެ ގައުމުގެ ނޫސް އެޖެންސީތަކާއި ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުން ތުހުމަތުކޮށްފި އެވެ.

ތުރުކީން އިޒްރޭލަށް ހަތިޔާރު ވިއްކިކަމަށް ފުރަތަމަ ރިޕޯޓުކުރީ ހުޅަނގު އޭޝިއާގެ ހަބަރުތައް ގެނެސްދޭ 'ދަ ކްރޭޑަލް' ނޫހުންނެވެ. އެ ނޫހުން ރިޕޯޓުކުރި ގޮތުގައި ހަތިޔާރު ހިމެނޭހެން ޖެނުއަރީ މަހު ތުރުކީން އިޒްރޭލަށް ޖުމްލަ 319 މިލިއަން ޑޮލަރުގެ މުދާ ވިއްކާފައިވެ އެވެ.

މީގެތެރޭގައި ނިއުކްލާ ރިއެކްޓަރު ޕާޓުތަކާއި ބަޑިބޭހާއި ގޮވާތަކެތި އަދި މަތިންދާ ބޯޓުގެ ބައިތަކާއި އެހެނިހެން ހަތިޔާރު އަދި ވަޒަން ބޭރުކޮށްފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ތުރުކީގެ ކަރާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތަކެތި އިޒްރޭލަށް ބޭރުކޮށްފައިވަނީ ތުރުކީގެ ރައީސް އުރުދުގާންއާ ގުޅުން އޮންނަ 'އިންޑެޕެންޑެންޓް އިންޑަސްޓްރިއަލިސްޓްސް އެންޑް ބިޒްނަަސްމެންސް އެސޯސިއޭޝަން' ގައި ހިމެނޭ ކުންފުނިތަކުންނެވެ.

ނަމަވެސް ތުރުކީ ސަރުކާރުގެ އެކި ވުޒާރާތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށް އެ ގައުމު އަދި އެ ގައުމުގެ ސަރުކާރުވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ބުނެފަ އެވެ. ތުރުކީގެ އިދާރާތަކުން ބުނާ ގޮތުގައި އެ ގައުމުގެ އެކްސްޕޯޓު ލިސްޓުގައިވާ ހަތިޔާރު ތަކަކީ ހަނގުރާމަ މަތީގެ އާލަތްތަކެއް ނޫން ކަމަށާއި އެއީ މަސްވެރިކަމާއި ކުޅިވަރަށް ބޭނުންވާ ތަކެތި ކަމަށެވެ.

ނަމަވެސް ތުރުކީގެ މަޝްހޫރު ފެކްޓް ޗެކިން އޮގަނައިޒޭޝަނެއް ކަމަށްވާ ތެޔިތުގެ ހުމާ ކެސްކިން ބުނާ ގޮތުގައި ތުރުކީގެ ވުޒާރާތަކުން މި މައްސަލާގައި ދައްކަމުން ދަނީ އަސްލެއް ނެތް ވާހަކަތަކެކެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިންމަހުގެ އެކްސްޕޯޓު ލިސްޓުގެ ޗެޕްޓަރު 36 ގައި 'ގަން ޕައުޑާ އެންޑް އެކްސްޕްލޯސިވްސް' ބޭރުކޮށްފައިވާ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ތުރުކީގެ މިސައިލްތަކެއް ބޭނުންކޮށްފައިވާ ކަމަށްވެސް މި އަހަރުގެ ފެބްރުއަރީ މަހު އަޑުތައް ގަދަވި އެވެ. އެ ތުހުމަތުތައްވެސް ތުރުކީން ދޮގުކުރެ އެވެ.

ތުރުކީން އިޒްރޭލަށް ހަތިޔާރު ބޭރުކޮށްފައިވާއިރު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރަޖަބް ތައްޔިބު އުރުދުޣާން އަކީ "އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅާ" ކަމަށް ސިފަކުރައްވައި ތައުރީފުކުރައްވާފަ އެވެ.

ތުުރުކީން އެމްއެންޑީއެފަށް ގަތް އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ، "މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް އަޅުގަނޑަށް ދެއްވީ އިސްލާމީ އުއްމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ، މިވަގުތު އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން،" މިފަދައިންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32،000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.