Advertisement

ސިޓީ ކައުންސިލުގެ ޔުޓިލިޓީ ބިލުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 107 މިލިއަން ރުފިޔާ އިން މަތީގަ

28 މާރިޗު 2024 - 15:02 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް -- ފޮޓޯ: ސިޓީ ކައުންސިލު


ސިޓީ ކައުންސިލުގެ ޔުޓިލިޓީ ބިލުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 107 މިލިއަން ރުފިޔާ އިން މަތީގަ

28 މާރިޗު 2024 - 15:02 0

މާލެ ސިޓީ ކައުންސިލުގެ ޔުޓިލިޓީ ބިލުތަކަށް ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ އަދި ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު 107 މިލިއަނުން މައްޗަށް އަރައިފި އެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައި އެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަނީ ކައުންސިލުގެ ޔުޓިލިޓީ ބިލުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުތައް ހިއްސާކޮށްފަ އެވެ.

އެގޮތުން ސީޓީ ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯއަށް 37.7 މިލިއަން ރުފިޔާ (36،786،667ރ.)، ފެން ބިލުގެ ގޮތުގައި އެމްޑަބްލިޔުއެސްސީއަށް 30.6 މިލިއަން (30،633،460.86ރ.) އަދި ވެމްކޯއަށް 39.1 މިލިއަން ރުފިޔާ ( 39،126،781.36ރ.) ދައްކަންޖެހޭ ކަން މޭޔަރު ހާމަކުރެއްވި އެވެ.

އެ ބިލުތަކާއި ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ސްޓެލްކޯއިން މާލޭގައި ކުއްޔަށް ހިފާފައި ހުރި ބިންތަކުގެ އިތުރުން ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ބިންތަކުގެ ކުލީގެ ގޮތުގައި ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ އަދަދު 70 މިލިއަން ރުފިޔާއަށް އަރާކަން ސައިފް ފާހަގަކުރެއްވި އެވެ.

"ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ބެހެއްޓުމާ އެކި ބާވަތުގެ ކަންކަމަށް ދޫކޮށްފަ ހުރި ބިމަކީ އެޔަށް ކުލި ނަގާ ގޮތަށް ހުރި ބިންތަކެއް. އެ ކުލީގެ އަދަދާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން އުފެދުނު ދެ ސަރުކާރުގަ ވެސް. އަޅުގަނޑުގެ ހަނދާނަށް އަންނަނީ 70 މިލިއަން ރުފިޔާ ސްޓެލްކޯއިން މިތަނަށް ދޭން އެބަހުއްޓޭ،" ސައިފް ވިދާޅުވި އެވެ.

ސައިފް އިތުރަށް ވިދާޅުވީ، ވެމްކޯއިން މާލެ ސަރަހައްދަށް ދޭ ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެނައުމުގެ ވާހަކަ މީގެ ކުރިން ވެސް ދެކެވިފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމުގެ ކުރިން އެ މަޝްވަރާ އަލުން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެމްކޯއިން މާލެ ސަރަހައްދުގެ ގެތަކުން ނެރޭ ކުނި އުކުމުގައި ފަރުވާކުޑަ ކުރާ ކަން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ފާހަގަކުރެއްވި އެވެ.

ޔޫޓިލިޓީ ބިލްތަކާ ގުޅޭ ގޮތުން މޭޔަރު އާޒިމް ވިދާޅުވީ، ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ފައިސާ ދައްކަން ޖެހޭކަން ހާމަވާ އެއްވެސް ލިޔެކިޔުންތަކެއް ކައުންސިލުގައި ނެތް ކަމަށެވެ. އަދި އެ ލިޔެކިޔުންތައް އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ސްޓެލްކޯއިން މިތަނަށް ދައްކަންވާ އެއްޗެއްގެ ފުލް ޑޮކިޔުމެންޓެސް ނެތް މިތާކު. އެބޭފުޅުން މި ބުނަނީ ދައްކަންޖެހޭ އެއްޗެއް ނިމިފަ އޭ އޮތީ. އެޔަށް ކައުންޓާ އާގިއު ކުރެވޭ ވަރަށް މިތާގަ ޑޮކިޔުމެންޓެއް ނެތް. ކައުންޓާ އާގިއު ކުރެވޭ ވަރަށް ޑޮކިޔުމެންޓްސް ހަމަކުރުމަށް މަސައްކަތް އެބަ ކުރެވޭ،" އާޒިމް ފާހަގަކުރެއްވި އެވެ.

ސްޓެލްކޯގެ އިތުރުން އެމްޑަބްލިޔުއެސްސީ އަދި ވެމްކޯއާއި ބައްދަލުކޮށް، ބިލްތަކުގެ ފައިސާ ދެއްކޭނެ ލުއި ގޮތެއް ހޯދުމުގެ މަސައްކަތް ކުރުމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.