Advertisement

އިންގްލެންޑްގެ ފުރުސަތާ މެދު ވައިޓް ގޮތެއް ނިންމަންޖެހޭ

28 މާރިޗު 2024 - 11:35 0


އިންގްލެންޑްގެ ފުރުސަތާ މެދު ވައިޓް ގޮތެއް ނިންމަންޖެހޭ

28 މާރިޗު 2024 - 11:35 0

ލަންޑަން (މާޗް 28) - އިނގިރޭސި ގައުމީ ޓީމަށް ކުޅުމާ މެދު ބެން ވައިޓް ގޮތެއް ނިންމަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މި ފަހަރު އިންގްލެންޑުން ކުޅުނު ދެ މެޗަށް ނެގި ސްކޮޑަށް ބެން ވައިޓް ނުނެގީ އޭނާ އެ ގޮތަށް އެދިފައިވުމުންނެވެ. ސައުތުގޭޓާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ވައިޓް އަންގާފައިވަނީ، މި ވަގުތު ގައުމީ ޓީމަށް ކުޅެން ބޭނުންނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ސައުތުގޭޓާއި ވައިޓާ މެދު މައްސަލަ ޖެހުނީ، އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތެރެއިންނެވެ. އެ ގޮތުން، ގަތަރުގައި 2022 ވަނަ އަހަރު ފަހުކޮޅުގައި ބޭއްވި ވޯލްޑް ކަޕަށް އިންގްލެންޑުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ވައިޓް ހިމެނުނެވެ. އެކަމަކު، ވަކި ހިސާބަކުން ވައިޓް ވަނީ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފަ އެވެ. އެއީ، ކުޅުމުގެ ފުރުސަތާ މެދު ސައުތުގޭޓާ ޖެހުނު މައްސަލައެއްގައި ކަމަށް އޭރު ވެސް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ސައުތުގޭޓް ބުނީ، މި ވަގުތު ހުރި ފޯމަށް ބަލާއިރު ވައިޓް، އިންގްލެންޑް ޓީމަށް ވަރަށް މުހިންމު ކަމަށެވެ. އެކަމަކު، މީގެ ހަމައެކަނި ޓީމުން އޭނަ ބޭނުންވެގެން ކުރެވޭނެ ކަމެއް ނެތް ކަމަށާއި ކުޅުންތެރިޔާގެ ވެސް ޒިންމާއެއް އޮންނަން ޖެހޭ ކަަމަށް ސައުތުގޭޓް ވަނީ ބުނެފަ އެެވެ.

"އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. ބެން (ވައިޓް) އަށް ފުރުސަތު އެބައޮތް. އިންގްލެންޑް ޓީމުގެ ދޮރު އޭނާ އަށް ޓަކައި މި ވަގުތަށް ބަލާއިރު ހުޅުވިފައި އެ ހުރީ. ފުރުސަތުގެ ބޭނުން ކުރުމާ މެދު ގޮތެއް ނިންމަން ޖެހެނީ ވައިޓް،" ސައުތުގޭޓް ބުންޏެވެ.

ޖަރުމަނުގައި މި ފަަހަރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންގްލެންޑް ސްކޮޑު ފައިނަލް ކުރުމުގެ ކުރިން، ވައިޓާ ދެމެދު އޮތް ކަންކަން ހައްލުކުރަން ސައުތުގޭޓް މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.