Advertisement

ބަޔާންގެ އަތްދަށުވެ އާސެނަލްގެ އިންތިޒާރު ދިގުލައިފި

18 އޭޕްރީލް 2024 - 04:26 0


ބަޔާންގެ އަތްދަށުވެ އާސެނަލްގެ އިންތިޒާރު ދިގުލައިފި

18 އޭޕްރީލް 2024 - 04:26 0

މިއުނިކް (އޭޕްރީލް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަަަނަ ލެގުގައި ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވެ، އާސެނަލުން މި މުބާރާތުގައި ކާމިޔާބެއް ހޯދަން ކުރާ މަސައްކަތް ދިގުލައިފި އެވެ.

އާސެނަލްގެ 137 އަހަރުވީ ތާރީހުގައި އަދި އެ ޓީމަށް ޗެމްޕިއަންސް ލީގު ލިބިފައިނުވެ އެވެ. މި ފަހަރު އެ ޓީމުން ޗެމްޕިއަންސް ލީގުގައި ވާދަކުރީ 2017 ވަނަ އަަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.

ސާދަ އަހަރަށް ފަހު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ނުކުތް އާސެނަލުން ވަނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ބަޔާންއާ 2-2 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މިރޭ ބަޔާން ދަނޑުގައި ކޮންމެ ޓީމެއް މޮޅުވިޔަސް އޮތީ ސެމީގެ ދޮރު ހުޅުވިފަ އެވެ.

ބަޔާން ކުރިހޯދީ އެގްރިގޭޓަށް ބަލާއިރު، 3-2 އިންނެވެ.މިރޭގެ މެޗުގައި ބަޔާނަށް ހަމައެކަނި ލަނޑު ޖަހައިިދިނީ 63 ވަނަ މިނިޓްގައި ޔޯސުއާ ކިމިކް އެވެ. މި ލަނޑު ޖަހައިދޭން ފުރުސަތު ހޯދައިދިނީ ރަފައެލް ގަރޭރޯ އެވެ.

ޖުމްލަކޮށް ބަލާއިރު އާސެނަލްގެ ފަރާތުން ބަޔާން ނުރައްކަލެއްގެ ތެރެއަށްލައި، ޕްރެޝަރަށް ވައްޓާލެވޭ ވަރުގެ ކުޅުމެއް މި މެޗުގައި ނުދެއްކެ އެވެ. އާސެނަލަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހައިދޭން ލިބުނު ފުރުސަތުގައި ގަބްރިއެލް މާޓިނެލީ ޖެހި ބޯޅަ އަމާޒުވީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަތަށެވެ.

ބަޔާންގެ ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުއްޓުވައިފަ އެވެ.

މި ފަހަރުގެ ކުރިން، އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން، ކުއާޓާ ފައިނަލުގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ފަަހަރު ކުއާޓާ ފައިނަލުގައި ބާސެލޯނާ އަތުން އާސެނަލް ވަނީ ބަލިވެފަ އެވެ. ބަޔާން މި ވަނީ އެންމެ ފަހުން އާސެނަލާ ބައްދަލުކުރި ހަތަރު މެޗުން ވެސް ބަލިކޮށްފަ އެވެ.

ބަޔާން ސެމީ ފައިނަލުގައި ކުޅޭނީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ އެވެ.