Advertisement

ވުލްވްސް ބަލިކޮށް ފުރުސަތުގެ ބޭނުންހިފައި އާސެނަލް ލީގުގެ އެއް ވަނަ އަށް

21 އޭޕްރީލް 2024 - 02:29 0


ވުލްވްސް ބަލިކޮށް ފުރުސަތުގެ ބޭނުންހިފައި އާސެނަލް ލީގުގެ އެއް ވަނަ އަށް

21 އޭޕްރީލް 2024 - 02:29 0

ބާމިންހަމް (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސް 2-0 އިން ބަލިކޮށް އާސެނަލް އިން ފުރުސަތުގެ ބޭނުންހިފައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް އެއް ވަނަ އަށް އެރީ ލީގުގެ ރޭހުގައި އޮތް އަނެއް ދެ ޓީމަށް ވުރެ ކުރިން މި ހަފްތާގައި މެޗު ކުޅެން ލިބުމުން އޭގެ ބޭނުންހިފައި ހޯދި ކާމިޔާބާ އެކު އެވެ. އާސެނަލް އެއް ވަނަ އަށް ޖެހިލީ، 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ، 32 މެޗުން 73 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ވަނީ 71 ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ މެޗުގެ ކުރިން އެންމެ ފަހުން އާސެނަލް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެއީ ލީގުގައި އެސްޓަން ވިލާ އަތުންނާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް އަތުންނެވެ. އެ ނަތީޖާތަކުން އަރައިގަންނަން އާސެނަލް އިން ވަނީ ވުލްވްސްއާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކޮށް މޮޅެއް ހޯދައިފަ އެވެ.

ވުލްވްސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން 40 ސިކުންތު ތެރޭގައި އާސެނަލްގެ ކައި ހަވާޓްޒް ޖެހި ބޯޅަ އަމާޒުވީ ވުލްވްސްގެ ކީޕަރު، ހޯސޭ ސާ އަތަށެވެ.

ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުންދިޔަ ވުލްވްސް އިން ވަނީ ފުރަތަަމަ ހާފުގައި ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ބްރެޒިލް މިޑްްފީލްޑަރު، ޖޮއާއޯ ގޯމޭސް އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖެހި ޝޮޓް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ލީޑުނެގީ އޭރިއާތެރެއިން ޖެހި ޝޮޓަކުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. އާސެނަލް މެޗުގެ ތިން ޕޮއިންޓް ޔަގީންކުރަން އިތުރު ގޯލެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއިން ދެ ފަހަރު މަތިން ލިބުނު ފުރުސަތުގެ ބޭނުންހިފައި އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ.

ލީގުގައި ދެން އެންމެ އަވަހަށް އާސެނަލް ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީއާ އެވެ.