Advertisement

އިންތިހާބަށް 24 ދުވަހަށް ވެފައި އޮއްވައި އިތުރު ނުވަ ރަށެއްގައި އެއާޕޯޓު އަޅަން ރައީސް ކަނޑައަޅުއްވައިފި

28 މާރިޗު 2024 - 11:40 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު މަޖިލިސް ކެމްޕޭން ހަރަކާތެއްގެ ތެރެއިން : އިންތިހާބަށް ކުޑަވަތަން ވެފައިވަނިކޮށް އިތުރު 9 ރަށެއްގައި އެއާޕޯޓު އަޅަން ރައީސް ކަނޑައަޅުއްވައިފި - ފޮޓޯ: އިޔާދު / އަދަދު


އިންތިހާބަށް 24 ދުވަހަށް ވެފައި އޮއްވައި އިތުރު ނުވަ ރަށެއްގައި އެއާޕޯޓު އަޅަން ރައީސް ކަނޑައަޅުއްވައިފި

28 މާރިޗު 2024 - 11:40 1

ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި އިތުރު ނުވަ ރަށެއްގެ އެއާޕޯޓު ހިމަނުއްވާ، އެ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ކުރައްވައިފި އެވެ.

ރައީސް މި މަޝްރޫއުތައް އިއުލާނުކުރައްވާފައި މިވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 24 ދުވަހަށް ވެފައި ވަނިކޮށެވެ.

މިފަހަރު އިސްލާހު ގެންނަވާފައިވަނީ މިދިޔަ ސަރުކާރުން އޮގަސްޓު މަހު މި ގަރާރަށް އެންމެ ފަހުން ގެނައި އިސްލާހަށެވެ. އަލަށް ގެނައި އިސްލާހުގައި މި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވީ ނަމަވެސް ބައެއް މަޝްރޫއުތައް ވަނީ އުނިކޮށްފަ އެވެ.

އެގޮތުން ދ. ކުޑަހުވަދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއާ ވ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަލަށް ގެނައި އިސްލާހުން ވަނީ އުނިކޮށްފަ އެވެ. މަސައްކަތް ފެށިފައިވާ އެއާޕޯޓުތައް ނިންމުމުގެ މަޝްރޫއުގެ ދަށުގައި ވެސް މި ދެ މަޝްރޫއެއް ނެތެވެ.

އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ ގަ އެވެ. މީގެ އިތުރުން ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް، ސަރުކާރުން ކަނޑައަޅާ ރަށެއްގައި އަޅަން ވެސް ރައީސް ވަނީ ސަރުކާރުން ނިންމާފަ އެވެ.

މަސައްކަތް ފެށިފައިވާ އެއާޕޯޓުތައް ނިންމުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ، ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގައި ހުރި ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުން ވެސް ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވެ އެވެ. އެގޮތުން އައްޑޫ ސިޓީ ގަން އެއާޕޯޓު، ށ. ފުނަދޫ އެއާޕޯޓު، ބ. ދަރަވަންދޫ އެއާޕޯޓު، ހދ، ކުޅުދުއްފުށީ އެއާޕޯޓު، ފުވައްމުލަކު އެއާޕޯޓު، ގއ. ވިލިނގިލި އެއާޕޯޓު، ގދ. ތިނަދޫ އެއާޕޯޓު، ގދ. މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ވަކި ވަކި މަޝްރޫއުތަކެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

ރައީސްގެ ގަރާރުގައި އެއާޕޯޓު މަޝްރޫއުތައް ފިޔަވާ ހިމަނާފައިވަނީ އައްޑޫ އަދި ލ. އަތޮޅުގައި އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އަންނަ އޭޕްރީލް 21، ގަ އެވެ.