Advertisement

ހުލާސާކޮށް އިއްޔެ: އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ޕާޓީގެ ޗެއާޕާސަން ޕޮލިހަށް ހާޒިރު ކުރަނީ

28 މާރިޗު 2024 - 08:11 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ޕާޓީގެ ޗެއާޕާސަން ޕޮލިހަށް ހާޒިރު ކުރަނީ

28 މާރިޗު 2024 - 08:11 0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާއެކު، މިއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާގެ ފެށުން ކަމަށް ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވި އެވެ.

މިއަދު މެންދުރުފަހު 3:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެދި ފޮނުވި ޗިޓާއެކު އެކްސްގައި ކުރި ޕޯސްޓެއްގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އާރުޑީސީއިން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން، ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އިދިކޮޅު ޕާޓީގެ އިސްވެރިން ފުލުހަށް ހާޒިރު ކުރަން މި ފެށީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެ، ކެމްޕޭނުގެ ފޯރި ގަދަވާން ފަށާފައި ވަނިކޮށެވެ. ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެ، އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުހޯދޭނެ ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

ފައްޔާޒު ތުހުމަތު ކުރައްވާ ގޮތުގައި އޭނާ ޕޮލިހަށް ހާޒިރު ކުރަނީ ސިޔާސީ ބޭނުމަކަށް، ސަރުކާރުގެ ނުފޫޒާއެކު ހިންގާ ތަހުގީގަކަށް ކަމަށެވެ.

މިކަމާ ގުޅިގެން ފައްޔާޒު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ މާދަމާ ހާޒިރުވެ، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ވެސް ނޭނގޭ އެ މައްސަލަ އާ އަޅުގަނޑާ ސީދާ ގުޅެނީ ކިހިނެތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ ދޮޅު އަހަރު ކުރިން ފުލުހުން ހިންގަން ފެށި އާރުޑީސީގެ ތަހުގީގާ ގުޅިގެން ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި އާރުޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ވަދެފައިވެ އެވެ. އަދި އެތަނުން އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އޭގައި ހިޔާނާތް އެކުލެވޭނީ އެ ޓްރާންސެކްޝަންތައް ކުރި ސަބަބުތައް އިތުރަށް ތަހުގީގުކޮށް ތަހުގީގަށް ލިބިފައި ހުރި ލިޔެކިޔުންތައް އިތުރަށް ދިރާސާކޮށްގެން ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކީ ޖޮއިންޓް ތަހުގީގެއް ފަށަން ނިންމިކަން އިއުލާންކުރި ދުވަހު ފުލުހުން ބުނެފެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އާރުޑީސީ އޮފީހާއި މައްސަލައާ ގުޅުން ހުރި އެހެން ބައެއް ތަންތަން ބަލައި ފާސްކޮށް ބަޔަކާ ސުވާލުކޮށްފައިވާ ކަމަށް އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ އިތުރު ތަފުސީލެއް ނުދެ އެވެ.

މުހިއްމު ބައެއް ހަބަރު