Advertisement

މަޖިލިސް ވޯޓުގެ ކުރިން ސިޔާސީ ވިޗްހަންޓެއްގެ ފެށުން

28 މާރިޗު 2024 - 11:27 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މަޖިލިސް ވޯޓުގެ ކުރިން ސިޔާސީ ވިޗްހަންޓެއްގެ ފެށުން

28 މާރިޗު 2024 - 11:27 1

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އިންތިހާބެވެ. ރާއްޖޭގެ 93 ދާއިރާއަކުން ރައްޔިތުން ތަމްސީލު ކުރުމަށް މަންދޫބުން ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕޭން މުޅި ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ. ވޯޓަށް ބާކީ އޮތީ 25 ދުވަހެވެ. ތިން ހަފްތުއާއެއްހާ ދުވަހެވެ.

މަޖިލީހުގެ މެޖޯރިޓީ ހޯދުން ސަރުކާރަށް އަދި އިދިކޮޅަށް ވެސް މުހިންމެވެ. މެމްބަރުންގެ ގޮތުން އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަކީ މިވަގުތު އެމްޑީޕީ ކަމަށްވެފައި މިދިޔަ ރިޔާސީ އިންތިހާބުގައި ވި ބަލި މާޒީއަށް ދޫކޮށްލުމަށް އެ ޕާޓީއަށް އޭޕްރީލް 21, ގައި އޮންނަ ވޯޓު މުހިންމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މި ވޯޓު އެ ޕާޓީން ކޮންމެހެން ވެސް ކާމިޔާބުކުރަން ޖެހޭ ކަމަށް ދެކެ އެވެ.

ކެމްޕޭނުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިއްޔެ ފެނިގެންދިޔައީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި ތަނެވެ. ކުއްލިއަކަށް އެޅުވި ބޮޑު ތުހުމަތެއްގަ އެވެ. މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މިވަގުތު އޮޕޮޒިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވި ފައްޔާޒު އެކަން ސިފަކުރެއްވީ "އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުން" ގޮތުގަ އެވެ.

މިއީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ފައިސާތަކަކަށް ހިޔާނާތްވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގެވެ. މިއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. ތަފްސީލުތައް އެނގެނީ މަދު މިންވަރަކަށެވެ.

ފައްޔާޒު މި ތުހުމަތުތައް ދޮގު ކުރައްވަ އެވެ. ވިދާޅުވަނީ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ދޮޅު އަހަރަށް ވުރެ ކުރިން ހުށަހެޅި މައްސަލައެއް

މިހާތަނަށް ފުލުހުން މި މައްސަލާގައި ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހުށަހެޅިތާ 540 ދުވަސްވީއިރު ވެސް މައްސަލައިގެ ތަހުގީގުގައި އެކަށީގެންވާ މަސައްކަތްތަކެއް އެ ދެ އިދާރާއިން ކޮށްފައި ނުވަނީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. ހިޔާނާތުގެ މިފަދަ ތުހުމަތެއް ނުބަލައި ގިނަ ދުވަސްވެފައި ވަނިކޮށް ކުއްލިއަކަށް ހިލިގަތުމުގައި ސިޔާސީ ސަބަބުތަކެއް އޮތް ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު 14، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށް ލިޔެކިޔުންތަކެއް ވެސް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ލިޔެކިޔުންތަކުން ހޯދިފައިވާ އެއްވެސް ހޯދުމެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މިއީ ތިން މީހެއްގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ ގުޅޭ މައުލޫމާތު ކަމަށާއި މިހާތަނަށް 14 މިލިއަން ރުފިޔާ އާރްޑީސީގައި މަސައްކަތް ކުރި އެ މުވައްޒަފުންގެ އެކައުންޓަށް ވަންކަން ފުލުހުންނަށް އެނގެ އެވެ. އެކަމަކު ފައްޔާޒުއަށް ލިބިފައިވަނީ އެ ފައިސާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއީ އާރުޑީސީއާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާއިރު މިހާތަނަށް އައިއިރު އެ ސަރުކާރުގައި އާރުޑީސީގެ ވެރިންނާ ސުވާލު ކޮށްފައި ނުވެ އެވެ. އެ މައުލޫމާތު އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު އެކްސްގައި ހިއްސާކުރައްވާފައިވެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ އިސް ވެރިންނާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އަވަށުގެ ދާއިރާތަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުން.


ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބިރު ދައްކަން: ފައްޔާޒު

ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ފައްޔާޒު ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވާ ގޮތުން މިއީ ސަރުކާރުން ބިރު ދެއްކުމަށް ފޮނުވި ހާޒިރުވުމުގެ ޗިޓެކެވެ.

"އަޅުގަނޑު ދަންނަ އެއްޗެއް ނޫން ދުނިޔެ މަތީ ބިރަކީ. ހަމައެކަނި ބިރު ގަންނަނީ އާހިރަަތް ދުވަހާއި الله ސުބުހާނަހޫ ވަތައާލާއަށް. އޭގެއިން އިތުރުން ބިރު ގަންނާނެ އެއްވެސް ކަމެއް މި ދުނިޔެ މައްޗަކު ނެތް," ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން އާންމު ރައްޔިތުން ބިރުވެރިކަމަކަށް ވައްޓާލުމަށް ކަމަށް ފައްޔާޒު ސިފަކުރެއްވި އެވެ. ނަމަވެސް, އެކަން ވެސް ސަރުކާރަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށާއި އެމްޑީޕީގެ މެމްބަރުންނަކީ ސިޔާސީ ގޮތުން ބިރު ދެއްކޭނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާރުޑީސީއިން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން," ފުލުހުން ބަލަމުންދާ މައްސަލައިގެ ޗިޓު އެކްސްގައި ހިއްސާ ކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރު ޕީއެންސީގެ ކެންޑިޑޭޓު، އަދި އެ އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: އަދަދު


ސަރުކާރުގެ މިސްރާބު ޕީޕީއެމްގެ ކުރީގެ ވެރިކަމާ ދިމާލަށް

އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފުލުހުންގެ ތަހުގީގު ސިފަކުރެއްވީ "އެއްވެސް އަސާސެއް ނެތް ކަމެއްގައި" ހިންގާ ތަހުގީގެއްގެ ގޮތުގަ އެވެ. ސަރުކާރު 20 އަހަރު ފަހަތަށް ސޮއްސާލަމުންދާކަން އިހުސާސުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރުމަށް ދަނީ ތައްޔާރުވަމުން. އެ ހިސާބަކުން ނުނިމެނޭނެ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. މިނިވަން މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ލާނެ," ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވަމުން ސޯލިހު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވެސް ވަނީ މިއީ ސިޔާސީ ގޮތުން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަންތަކުގައި އަނިޔާވެރިކަން ފެންނަ ކަމަށާއި މި ސަރުކާރުން އެކަން ދައްކުވައިދިނީ ފައްޔާޒު ފުލުސް އޮފީހަށް ހާޒިރުކޮށް ބިރު ދެއްކުމަށް މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޗެއާޕާސަނަށް ބިރު ދައްކައިގެން ތިޔަ ބޭފުޅުންނަށް ލިބޭނެ ގޮނޑިއެއް ނޯންނާނެ. އިތުރަށް ގޮނޑި ގެއްލެމުންނޭ ދާނީ. ބޮޑުތަނުން ބަލިވެގެންނޭ ތިދަނީ. ބޮޑުތަނުން ބައްޔޭ ތިޔަ ވަނީ. ގޮސް ހުސްވީމާ ތެޅޭނެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު," ސަރުކާރަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

ސިޔާސީ މީހުންނާ މެދު ހިންގާ ތަހުގީގުތަކާ މެދު ސުވާލު އުފެދޭ

ފުލުހުން ސިޔާސީ ލީޑަރުންނާ މެދު ކުރާ ތަހުގީގުތަކަށް އާންމުންގެ ތެރޭގައި އިތުބާރު ކުޑަ ނަމަވެސް މިފަދަ ތަހުގީގުތަކުން ރާއްޖޭގެ ސިޔާސީ މައިދާނަށް ގިނަ އަސަރުތަކެއް ކުރެ އެވެ. ޕާޓީތަކުން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުރަސް އެޅުމަށް ވެސް މިފަދަ ތަހުގީގުތައް ބޭނުންކޮށްފައި އެބަހުއްޓެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާއަކީ އިންސާފުވެރި ތަހުގީގެއް ކުރުން. މިނިވަން ތަހުގީގެއް ކުރުން. މިނިވަން ތަހުގީގެއް ނޫން ފުލުހުން ކުރަނީއެއް. ބައެއް މީހުންނާ ދޭތެރޭ, ސިޔާސީ މީހުންނާ ދޭތެރޭ ކުރަނީ މިނިވަން ތަހުގީގެއް ނޫން," ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މާޗު 7, ގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންނާ މެދު ފުލުހުން ކުރާ ތަހުގީގުތަކަކީ އެ ތަހުގީގެއް ފެށުމުގެ ކުރިން ވެސް ވަކި ގޮތެއް ނިމިފައި އޮންނަ ތަހުގީގުތަކެއް ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެ އެވެ. ސިޔާސީ މީހެއްގެ މައްޗަށް ނުފޫޒުން އެއްކިބާވެފައިވާ ތަހުގީގެއް މިހާތަނަށް ހިންގާފައި ވަނީ މަދުފަހަރަކުކަން ރައްޔިތުން ގަބޫލު ކުރެ އެވެ.

އެއީ, މީގެކުރިން ބައެއް ތަހުގީގުތައް ކުރިއަށްގޮސްފައިވާ ގޮތުގެ ސަބަބުންނެވެ. ހެކި ހޯދުމާއި އުފެއްދުމާ ގުޅޭ ތުހުމަތުތަކާއި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ތަހުގީގު އަވަސް އަރުވާލުން ފަދަ ތުހުމަތުތަކެވެ.

މައި އިދިކޮޅު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒު ފުލުހަށް ގެންދިޔުން އެ ޕާޓީން ސިފަކުރަނީ އަސާސެއް ނެތް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއްގެ ގޮތުގަ އެވެ. ސިޔާސީ ލީޑަރުންނަށް ބިރު ދައްކައި އާހިރުގައި ރައްޔިތުން ބިރުވެރިކަމަށް ވައްޓާލުމަށް ސަރުކާރުގެ ނުފޫޒުން ކުރާ ކަމެއްގެ ގޮތުގަ އެވެ.