27 މާރިޗު 2024 - 13:57 0
މުހައްމަދު އުޝާމް
ޒަޔާން މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުން
27 މާރިޗު 2024 - 13:57 0
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން ދަންވަރު ވަގުތެއްގައި މުހައްމަދު ޒަޔާން މަރާލި މައްސަލާގައި ދައުވާ އުފުލި ހަތް މީހުން ވެސް އެ ދައުވާތަކަށް ޝަރީއަތުގައި އިންކާރުކޮށްފި އެވެ.
މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުން ބަލަމުންދާއިރު، ހަތް މީހުންގެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓުންނެވެ. ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީވެ ދެ ކޯޓުގައި ވެސް މައްސަލަ ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެންމެ ފަހުން ބޭއްވި އަޑުއެހުމާ ހަމައަށް ހަތް މީހުންގެ މައްޗަށް ކުރާ ދައުވާތައް އިއްވައި، ހަތް މީހުން ވެސް ދައުވާތަކަށް ޖަވާބުދާރީވެފައިވާ ކަމަށެވެ. ހަތް މީހުން ވެސް ދައުވާތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރަނީ ޔައީޝް އަންވަރާއި އައިލިޝް އަލީގެ މައްޗަށެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމަށް އެހީތެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.
ދައުވާކުރި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ތިން ކުދިންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ.
މި ކަން ހިނގީ ޖޫން 2، 2022، ގެ ދަންވަރުގަ އެވެ.
އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި ޒަޔާން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެ އެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރުމާ އެކު، ޒަޔާން ދިރިއުޅެމުން ދިޔަ ގެއަށް އެ ރޭ ދަންވަރު 3:16 ހާއިރު ފުލުހުން ވަނީ ގޮސްފަ އެވެ. އޭރު ގޭގެ އެއް ވަނަ ފަންގިފިލާގައި ޒަޔާން އޮތެވެ.
ފުލުހުން ހާޒިރުވިއިރު، އޭނާގެ ގައިން ގިނަ އަދަދަކަށް ލޭ އޮހޮރެމުން ދިޔަ ކަމަށާއި ނަމަވެސް އެ ވަގުތު ވެސް ވާހަކަ ދައްކައި، ފުލުހުންގެ ބައެއް ސުވާލުތަކަށް ޒަޔާން ޖަވާބު ދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަދި މިއީ ދުރާލާ ރޭވިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް ވެސް ބަޔަކަށް ހަމަލާ ދޭން ރާވާފައި އޮތް ކަމަށާއި އެ ކަން ނާކާމިޔާބުވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment