Advertisement

ކަރަންޓުގައި ޖެހި ޒުވާނަކު މަރުވީ ކުރީ ސަރުކާރުގެ އިހުމާލުން ކަމަށް ސިފަ ކުރައްވައިފި

28 މާރިޗު 2024 - 16:35 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު "އަދަދު" އަށް ފަހުމީ އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ކަރަންޓުގައި ޖެހި ޒުވާނަކު މަރުވީ ކުރީ ސަރުކާރުގެ އިހުމާލުން ކަމަށް ސިފަ ކުރައްވައިފި

28 މާރިޗު 2024 - 16:35 1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ޒުވާނަކު މަރުވީ، ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުންދާކަން ސްޓެލްކޯގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ފަހުމީ އެކްސްގައި ޕޯސްޓު ކުރެއްވިތާ ދެދުވަސްފަހުން ނަމަވެސް، އެ މަރަކީ ކުރީ ސަރުކާރުގެ އިހުމާލުން ހިނގި މަރެއް ކަމަށް ސިފަވާގޮތަށް ފަހުމީ މިއަދު ވާހަކަދައްކަވައިފި އެވެ.

ހިޔާ ސަރަހައްދުގައި ހުންނަ ޓްރާންފޯމަރުތަކަކީ "މަރުގެ ދަންތުރަ" ތަކެއްގެ ގޮތުގައި ސިފަކޮށް ނޫހެއްގައި ލިޔެފައި އޮތް އާޓިކަލްއެއް ރީޕޯސްޓު ކުރައްވައި ފަހުމީ ވިދާޅުވީ ކުރީ ސަރުކާރުން އިހުމާލުވެފައިވާ ހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމުގެ ލަޔާގަތާއި ގާބިލުކަން މި ސަރުކާރުގައި ހުންނާނެ ކަމަށެވެ.

"މާތްﷲގެ ވާގިފުޅާއެކު، ކުރީ ސަރުކާރުން އިހުމާލުވެފައި ހުރި މިފަދަ ހުރިހާ ކަމަކަށް އެޓެންޑްވެ އެ ކަންކަމަށް ހައްލުހޯދައި ދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ މި ސަރުކާރުން. ރައްޔިތުންގެ ކަންބޮޑުވުމަކަށްވާ މިފަދަ ކޮންމެ ކަމެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހައްލު ކުރުމުގެ ލަޔާގަތާއި ގާބިލުކަން މި ސަރުކާރުގައި ހުންނާނެ." ފަހުމީގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ޒުވާނަކު މަރުވީ މިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށް ސިފަވާ ގޮތަށް ފަހުމީ ވާހަކަދެއްކެވި ނަމަވެސް، އެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ ކަންކަން ކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އޭގެ ދެދުވަސްކުރިން، މިދިޔަ ހުކުރު ދުވަހު ފަހުމީ އެކްސްގައި ޕޯސްޓެއް ކުރައްވާފައިވެ އެވެ.

އެ ޕޯސްޓުގައި ފަހުމީ ލިޔެފައިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ބަޔަކު ވަގަން ނަގަމުންދާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން. މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް." ކަރަންޓުގައި ޖެހި ޒުވާނާ މަރުވުމުގެ ދެ ދުވަސް ކުރިން ކުރި ޕޯސްޓުގައި ފަހުމީ ލިޔުއްވާފައިވެ އެވެ.

"މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން."

އެ ފަދައިން އެކްސްގައި ޕޯސްޓު ކުރެއްވުމަށްފަހު ވެސް ޓްރާންސްފޯމަރުތައް ހުރި ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ފަހުމީ މަސައްކަތް ކުރައްވައިފައެއް ނުވެ އެވެ. އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި ޖެހިގެން އައި ހޮނިހިރު ދުވަހު ވެސް ފަހުމީ އެކަމާ ގުޅޭގޮތުން އެކްސް ޕޯސްޓެއް ކުރައްވާފައިވެ އެވެ.

އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ މިސްކިތްތަކުގައި ތަރާވީސް ކުރިއަށް ދަނިކޮށް ދެވަނަ ފިޔަވަހީގައި ހުރި މިސްކިތަކުން ކަރަންޓު ދިޔައީ ވެސް އެ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ދޮރުތައް ހަލާކު ކޮށްލައިގެން ވަދެ އޭގެ ބައިތައް ވަގަށް ނަގަން އުޅުމުން ކަމަށެވެ.

ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި، ހއ. ހޯރަފުށީ. ފްރެންޒީ، ހުސައިން ޝިފާއު، 27، މަރުވެފައި އޮއްވައި ފުލުހުންނަށް ފެނުނީ މިސްކިތުން ކަރަންޓު ކެނޑުނު ސަބަބު ބަޔާންކޮށް ފަހުމީގެ ޕޯސްޓު ކުރިތާ ތިން ގަޑިއިރު ފަހުންނެވެ.

ކަރަންޓުގައި ޖެހި ޒުވާނަކު މަރުވި މައްސަލައިގައި އިހުމާލުވީ މިދިޔަ ސަރުކާރުން ކަމަށް ފަހުމީ ވިދާޅުވުމުން ބައެއް އާންމުންގެ ފާޑުކިޔުން ވެސް ވަނީ އޭނާއަށް އަމާޒުވެފަ އެވެ. ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ ޓްރާންސްފޯމަރަކީ ވެސް ރައްކާތެރިކޮށް ދޮރުތަކެއްލައި ތަޅުލާފައި ހުންނަ އެއްޗެއް ކަމަށާއި އެ ތަޅުތައް ހަލާކުކޮށް އޭގެން ވައްކަން ކުރަން ފެށުމުން މިހާރުގެ ސަރުކާރުން އެކަން ނުކުރެވޭނެ ގޮތަށް އެތަން ބަންދު ކުރަންޖެހޭނެ ކަމަށެވެ.

އެ ޒުވާނާގެ މަރާ ގުޅުވައި ކުރީ ސަރުކާރުގެ އިހުމާލު އޮތް ކަމަށް ފަހުމީ ވިދާޅުވިއިރު، ކުރީ ސަރުކާރުގެ ދުވަސްވަރު ފަހުމީ ހުންނެވީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ.