Advertisement

ޕީސީބީގެ ނައިބު ރައީސް ޕީއެންސީގެ ދަފުތަރުގައި!

27 މާރިޗު 2024 - 11:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޕީސީބީގެ ނައިބު ރައީސް ޕީއެންސީގެ ދަފުތަރުގައި!

27 މާރިޗު 2024 - 11:49 0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒު، ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދަފުތަރުގައި އޮތްކަން ހާމަވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޑޭޓާބޭސްއިން ދައްކާ ގޮތުގައި ފިރާޒު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 11، ގައި ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީކޮށްފަ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން ޕީސީބީގެ ރައީސް އާއި ނައިބު ރައީސް އަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުހުރެވޭނެ އެވެ.


ފިރާޒު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ އޮކްޓޫބަރު، 2022 އިން ފެށިގެން ސިޔާސީ ޕާޓީތަކުން ވަކިކޮށްދިނުމަށް އީސީގައި އެދިފައިވާނެ ކަމަށާއި، އެއްވެސް ސިޔާސީ ޕާޓީއެއްގައި އޭނާގެ ނަން ނެތް ކަމުގެ ލިޔުން އޭރު އީސީން ދިން ކަމަށެވެ.

އެއަށް ފަހު އެއްވެސް ސިޔާސީ ޕާޓީއަކަށް އޭނާ އަމިއްލަ އަށް ރަޖިސްޓްރީ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުގެ ސަމާލުކަމަށް ތިކަން [ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މިހާރު އޮތްކަން] އައިސްފައި އެބައިން. އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑު އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.

ފިރާޒު ޕީސީބީ އަށް އައްޔަން ކުރީ އެމްޑީޕީގެ ވެރިކަމުގަ އެވެ. އޭނާ ފިޔަވައި ދެން އެ ބޯޑުގައި ތިއްބެވި މެމްބަރުން އައްޔަން ކުރެއްވީ މި ސަރުކާރުންނެވެ.