Advertisement

ނަޝީދަށް ދިން ހަމަލާ އާއި ޑްރޯން މުއާމަލާތުގެ މައުލޫމާތު ހޯދަން ގައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

26 މާރިޗު 2024 - 13:25 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : މޭ ހައެއް ހަމަލާއާއި ޑްރޯންގެ މައުލޫމާތު ހޯދަން ގައްސާން 241 އަށް - ފޮޓޯ: މަޖިލިސް އިދާރާ


ނަޝީދަށް ދިން ހަމަލާ އާއި ޑްރޯން މުއާމަލާތުގެ މައުލޫމާތު ހޯދަން ގައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

26 މާރިޗު 2024 - 13:25 1

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި މި ސަރުކާރުން ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގެ ތަފުސީލު ހޯދަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މި މައްސަލަ ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން މަދުވެގެން ފަސް ދުވަހުގެ ތެރޭގައި ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން އަލަށް ލިބިފައިވާ މައުލޫމާތާއި ޑްރޯންތަކުގެ ތަފުސީލާއެކު ގައްސާން ކޮމިޓީއަށް ހާޒިރުވާން ޖެހޭނެ އެވެ.

ނަޝީދު އަވަަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަަމަލާއާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން އެއްކޮށްފައިވާ އިތުރު ތަފުސީލު ހޯދަން މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ހުށަހެޅުމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގައްސާން ވިދާޅުވީ ނަޝީދުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލްތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.

"އަޅުގަނޑަށް މިހާރު ފެނިފަ ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލާގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުންގެ އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،" ގައްސާން ވިދާޅުވި އެވެ.

ޑްރޯންގެ ތަފުސީލުތައް ހާމަކުރައްވާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ތަފުސީލުތައް މަޖިލީހުގެ ތަޅުމުގައި ހާމަކުރެވެން ނެތް ކަމަށެވެ. އަދި، މި އެއްބަސްވުންތަކަކީ ގާނޫނާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި ތަހުގީގީ އިދާރާތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު އެއްވެސް ގައުމެއްގެ "މިފަދަ ފޯރަމެއްގައި" ހާމަނުކުރާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ތަޅުމުގައި އެ ތަފުސީލުތައް ހާމަކުރަން އުޒުވެރިވާ ކަމަށެވެ.

"އެ މައުލޫމާތު މިތާނގަ އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން، 241 ކޮމިޓީގަ ސިއްރު ޖަލްސާއެއްގަ މި މައުލޫމާތު އަޅުގަނޑުމެންނަށް އާއްމު ކުރެވިދާނެ،" ގައްސާން ވިދާޅުވި އެވެ.