Advertisement

ވުޖޫދުގައި ވެސް ނެތް ގާދޫ ޕޯޓަށް މުވައްޒަފުން ހޯދަނީ

26 މާރިޗު 2024 - 12:44 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ލ. އަތޮޅު ގާދޫ -- ފޮޓޯ: އަދަދު


ވުޖޫދުގައި ވެސް ނެތް ގާދޫ ޕޯޓަށް މުވައްޒަފުން ހޯދަނީ

26 މާރިޗު 2024 - 12:44 3

މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާ ލ. ގާދޫ ވިޔަފާރި ބަނދަރުގެ އިދާރީ އެކި މަސައްކަތްތައް ކުރަން ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަޒީފާތަކެއް އިއުލާނުކޮށްފި އެވެ.

އެމްޕީއެލުން މި މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނު ގެޒެޓުކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. ވަޒީފާތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

އިއުލާނުގައިވަނީ ޖުމްލަ ތިން މަގާމެކެވެ.

ކޯޑިނޭޓަ އޮޕަރޭޝަންސް އޯވަރޯލް

މި މަގާމަށް މީހަކު ހޯދަނީ ޕޯޓް ހިދުމަތް ދޭ ބަނދަރުގެ އެންމެހާ މަސައްކަތް ބެލެހެއްޓުމާއި އަދި ޑިޕާޓްމަންޓްގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ގާދޫގައި އަދި ޕޯޓެއް ނެތެވެ.

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް

މި މަގާމަށް ތިން މީހަކު ހޯދަން އިއުލާނުކޮށްފައި ވާއިރު މަސްއޫލިއްޔަތަކީ ޕޯޓްގެ އިދާރީ އެންމެހައި މަސައްކަތްކުރުމެވެ.

އޮފީސް އެޓެންޑެންޓް

މި މަގާމަށް މީހަކު ހޯދަނީ ޑިޕާޓްމަންޓް ސާފުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމަށް ބުނެފައިވެ އެވެ. މަސައްކަތް ކުރާ ތަނުގެ ގޮތުގައި ގާދޫ އޮތް އިރު އެ ރަށުގައި އަދި އެމްޕީއެލުގެ އޮފީހެއް ނެތެވެ.

އިއުލާނުގައިވާ ގޮތުން މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ވޯކް-އިން އިންޓަވިއު މާދަމާ 10:00 އިން 12:00 އާއި ދެމެދު ލ. ފޮނަދޫ ކައުންސިލް އިދާރާގައި ކުރިއަށްދާނެ އެވެ.

މިކަމުގެ މައުލޫމާތު އިނގޭ ފަރާތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގާދޫ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް އަދި ފެށިފައި ނުވާއިރު ގާދޫގައި އެމްޕީއެލްގެ އޮފީހެއް ނުވަތަ އެހެން ތަނެއްވެސް ނެތެވެ.

ސަރުކާރުން ބުނެފައި ވަނީ ގާދޫގައި އަޅަނީ ބަންކަރިންގެ ހިދުމަތް ދެވޭ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ކަމަށެވެ. އޭގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަށާނެ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ މައުލޫމާތު ދޭން އެމްޕީއެލުން ފުނަދޫގައި ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިސް ވަޒީރުގެ ހައިސިއްޔަތުން، އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ ވަނީ ބައިވެރިވެފަ އެވެ.

ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.