Advertisement

އިޒްރޭލުން ހިންގާ ގަތުލްއާންމު: ހަމަލާތައް ހުއްޓާލަން އދ. ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ނެރެފި

25 މާރިޗު 2024 - 20:18 0

ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން:


އިޒްރޭލުން ހިންގާ ގަތުލްއާންމު: ހަމަލާތައް ހުއްޓާލަން އދ. ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ނެރެފި

25 މާރިޗު 2024 - 20:18 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް މިއަދު ފާސްކޮށްފި އެވެ.

އޮކްޓޯބަރު 7، 2023، ގައި ގާޒާ ހަނގުރާމަ ފެށުނު ހިސާބުން ހަމަލާތައް ހުއްޓާލުމަށް ސެކިއުރިޓީ ކައުންސިލަށް ވަނީ ގަރާރުތަކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ގަރާރެއް ފާހެއް ނުވެ އެވެ.

ގަރާރުތައް ފާސް ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ފަސް މެންބަރު ގައުމަކުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ގަރާރު ފާސްކުރެވޭކަށް ނޯވެ އެވެ.

ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލުމަށް އަދި ހަނގުރާމައިގެ އަސީރުން ނުވަތަ ހުޅަނގުން ކިޔާ ގޮތުން ނަމަ "ރަހީނުން" ދޫކޮށްލުމަށް ވެސް މިއަދު ފާސް ކުރި ގަރާރުގައި ގޮވާލާފައިވެ އެވެ. އެމެރިކާއިން އެ ގަރާރު ވީޓޯ ނުކުރި ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. ދެން ތިބި 14 ގައުމުން ވޯޓު ދިނީ ގަރާރާ އެއްކޮޅަށެވެ.

ބެލެވޭ ގޮތުގައި އެމެރިކާއިން ވޯޓު ނުދިނީ، ހަމަލާތައް ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުގައި އަސީރުން މިނިވަން ކުރުން ގުޅުވާފައި ނެތުމުންނެވެ.

އެ ގަރާރު ފާސް ކުރުމާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، "އެ ގަރާރު ތަންފީޒު ކުރަންޖެހޭނެ" ކަމަށާއި ތަންފީޒު ނުވެއްޖެ ނަމަ އެކަން ވާނީ "ގަބޫލު ނުކުރެވޭނެވަރުގެ ބަލިވުމެއް" ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32،000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ ދާއިމީ މެންބަރު ގައުމުތަކަކީ އެމެރިކާ އާއި ފްރާންސް އާއި ޗައިނާ އާއި ރަޝިޔާ އާއި އިނގިރޭސިވިލާތެވެ. ވަގުތީ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިއާ، އިކުއެޑޯ، ގަޔާނާ، ޖަޕާން، މޯލްޓާ، މޮޒަމްބިކް، ސައުތު ކޮރެއާ، ސިއެރާ ލިއޯން، ސްލޮވީނިއާ އަދި ސްވިޒަލޭންޑެވެ.